Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އޭދަފުށި ކަޕްގެ ސެމީ ފައިނަލަށް މިފަހަރު މުޅިން އާ ދެ ޓީމް
އޭދަފުށި ކަޕްގެ ސެމީ ފައިނަލަށް މިފަހަރު މުޅިން އާ ދެ ޓީމް
ކުއާޓާ ފައިނަލުގައި މުރިނގު ހޯދި މޮޅުގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް

އޭދަފުށި ކަޕްގެ ސެމީ ފައިނަލަށް މިފަހަރު މުޅިން އާ ދެ ޓީމް

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 23 މާރޗް 2026

އޭދަފުށީގައި ކުރިއަށްދާ ފުޓްސަލް ކަޕްގެ ސެމީ ފައިނަލުގެ ޖާގަތައް އާ ދެޓީމަކުން ހޯދައިފި އެވެ. 

އޭދަފުށީ ފުޓްސަލް ސްޓޭޑިއަމްގައި ކުރިއަށްދާ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ރޭ ވަނީ ކުޅެފަ އެވެ. 

ކުއާޓާ ފައިނަލް މެޗުތަކުން މޮޅުވެ ސެމީ ފައިނަލް ކަށަވަރުކުރީ މުރިނގު އެފްސީ އާއި އަފްރޯ ސްޕޯޓްސް ކްލަބުގެ އިތުރުން އެއިޓީފޯ އެފްސީ އަދި ކޭބަލް ބްރަދާސް އެވެ. މީގެ ތެރެއިން އެއިޓީފޯ އާއި ކޭބަލް ބްރަދާސް އަކީ މިދިޔަ އަހަރުތަކުގައި ސެމީ ފައިނަލުގެ ޖާގަތައް ލިބިފައިވާ ދެ ޓީމެއް ނޫނެވެ. 

ރޭ ކުޅުނު ކުއާޓާ ފައިނަލުގެ ފުރަތަމަ މެޗުގައި މުރިނގު އެފްސީ ވަނީ 1-4 އިން ވެލާ ސްޕޯޓްސް ބަލިކޮށްފަ އެވެ. މެޗުގައި މުރިނގުުގެ ހަތަރު ގޯލުގެ ތެރެއިން މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސައިން ޝަރީފް (މުޑާ) ދެ ގޯލު ޖެހި އެވެ. އަނެއް ދެ ގޯލު ކާމިޔާބުކޮށްދިނީ މުޑާގެ ބޭބެ ހުސައިން ޝަރީފް އެވެ. 

އޭދަފުށި ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް
އޭދަފުށި ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް

އަފްރޯއިން ފަސޭހަކަމާއެކު ސީސީ ސްޕޯޓްސް ބަލިކުރީ 0-6 އިންނެވެ. މި މެޗުގައި އަފްރޯއަށް ގޯލުތައް ކާމިޔާބުކޮށްދިނީ މުއާޒް އަލީ، އުނައިސް ޒުބައިރު، ހަމްދާން އަބްދުއްސައްތާރު، މުހައްމަދު ފާސިރު އަދި މުހައްމަދު ހައްމާދުގެ އިތުރުން އައިކް އަލީ ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ މުހައްމަދު ފާސިރު އެވެ. 

ކުއާޓާ ފައިނަލުގެ ތިން ވަނަ މެޗު ފެނުނީ ވަރަށް ފޯރިގަދަކޮށެވެ. އެއިޓީފޯ އާއި އޯލް ވުލްވްސް ވާދަކުރި މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 3-3 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އެއިޓީފޯ ކުރި ހޯދީ 4-5 އިންނެވެ. 

އޭދަފުށި ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް
އޭދަފުށި ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް

މެޗުގައި އެއިޓީފޯގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ މުހައްމަދު އަޖުފާން އެވެ. އަޖުފާން ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ. އަނެއް ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ހައްސާން ހަމީދެވެ. އޯލް ވުލްވްސްގެ ތިން ގޯލު ޖެހީ އަހުމަދު ފާތިން އާއި މުހައްމަދު ރަފްހާންގެ އިތުރުން އިމްތިޝާލް އަބްދުއްރަހީމް އެވެ. 

ކުއާޓާ ފައިނަލުގެ ފަހު މެޗުގައި ކޭބަލް ބްރަދާސް ވަނީ ނަލަ ބްރަދާސް އަތުން 3-7 ގެ ބޮޑު މޮޅެއް ހޯދައިފަ އެވެ. މެޗުގައި ކޭބަލް ބްރަދާސްގެ ހަތް ގޯލުގެ ތެރެއިން ހަތަރު ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހުސައިން ސުހައިލް އެވެ. އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ މިމްރާހް އަބްދުލްއަޒީޒް އެވެ. 

އޭދަފުށި ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް
އޭދަފުށި ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލްގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް

ނަލަ ބްރަދާސްގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަލީ ޒުބައިރު އެވެ. އަނެއް ގޯލު ޖެހީ އަލީ ނާއިލް ނިމާލް އެވެ. 

އޭދަފުށީގައި ސެމީ ފައިނަލް މެޗުތައް ކުޅޭނީ މާދަމާ ރެ އެވެ. ފުރަތަމަ ސެމީގައި ބައްދަލުކުރާނީ މުރިނގު އެފްސީ އާއި އެއިޓީފޯ އެވެ. ދެ ވަނަ ސެމީގައި ވާދަކުރާނީ އަފްރޯ ސްޕޯޓްސް ކްލަބާއި ކޭބަލް ބްރަދާސް އެވެ. 

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Settings