Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / ގަދަ ހަތަރެއް ޔަގީންވެ ފައިނަލަށް ތޮއްޑޫގައި ކުރާ ހަނގުރާމަ މިރޭ
ގަދަ ހަތަރެއް ޔަގީންވެ ފައިނަލަށް ތޮއްޑޫގައި ކުރާ ހަނގުރާމަ މިރޭ
ރޭގެ މެޗުގައި އަޔާ ބޯޅަ ހިފައިގެން. ފޯރިގަދަ ސެމީ ފައިނަލް މެޗުތައް މިރޭ ކުޅޭނެ. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

ގަދަ ހަތަރެއް ޔަގީންވެ ފައިނަލަށް ތޮއްޑޫގައި ކުރާ ހަނގުރާމަ މިރޭ

ފަހުމިނެޓް
ފަހުމިނެޓް
5 ގަޑިއިރު ކުރިން 23 މާރޗް 2026

ތޮއްޑޫ ސޯސަން ކްލަބުން އިންތިޒާމުކޮށްގެން އެރަށުގައި ކުރިއަށްގެންދާ ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2026 ގެ ސެމީ ފައިނަލަށް ހެލޯ ބޭބީ އާއި ކާންޓް ޕްލޭގެ އިތުރުން ޔަންގް ސްޓާ ދަތުރުކޮށްފި އެވެ.

ގްރޫޕް ސްޓޭޖުގެ އެންމެ ފަހު ހަތަރު މެޗުގެ ކުޅުން ރޭ ފެށިއިރު ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުވެފައި އޮތީ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ އެފްސީ އަމިގޯސް އަށް އެކަންޏެވެ. ރޭ ކުޅުނު މެޗުތަކުން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރި ފުރަތަމަ ޓީމަކަށްވީ ހެލޯ ބޭބީ އެވެ.

މުބާރާތުގެ ތަށި އެއްފަހަރު ހޯދާފައިވާ ހެލޯ ބޭބީ އިން ސެމީ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ފުރަތަމަ މެޗުގައި 1-4 އިން އެފްސީ ރެބޯނާގެ މައްޗަށް ކުރި ހޯދައިގެންނެވެ.

މި މެޗުގައި ހެލޯ ބޭބީ އިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބުކުރީ އަހްމަދު އަމްނު އެވެ. އަނެއް ދެ ގޯލް ޖެހީ އަހްމަދު ރުވާއު އާއި މުހައްމަދު އިޔާދެވެ. މެޗު ނިމެން ގާތްވެފައި އޮއްވައި ރުވާއު އަށް ވަނީ ރަތް ކާޑެއް ވެސް ދައްކައިފަ އެވެ. މެޗުގައި އެފްސީ ރެބޯނާއިން ޖެހި ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ޢަބްދުﷲ ޒަޔާން މުފީދެވެ.

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް
ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި ރޭ ކުޅުނު މެޗެއްގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

ސޯސަން ފުޓްސަލް ކަޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައިވާ އެފްސީ އަމިގޯސް އާއި ކުޅުނު ދެ މެޗުންވެސް ބަލިވެފައި އޮތް ފްލޭޝް އެވެ. މި މެޗު 0-2 އިން އެފްސީ އަމިގޯސް އިން ކާމިޔާބުކުރި އިރު މި މެޗުގައި ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝަރީފް (އޮންލީ) އެވެ.

ރޭ ކުޅުނު ތިން ވަނަ މެޗުގައި ވާދަކުރީ ޔަންގް ސްޓާ އާއި ޔަންގް ޕްލޭޔާސް އެވެ. މެޗު އެއްވަރުކޮށްލައިގެން ވެސް ސެމީގެ ޖާގަ އެއް ބޮޑުފޮޅުދޫއަށް ނިސްބަތްވާ ޔަންގް ޕްލޭޔާސްއަށް ކަށަވަރުވާން އޮތް ނަމަވެސް 0-2 އިން މެޗު ކާމިޔާބުކޮށް ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގައި މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދީ މިދިޔަ އަހަރުގެ ރަނަރަޕް ޔަންގް ސްޓާ އެވެ. މި މެޗުގައި ޔަންގް ސްޓާއަށް ގޯލްތައް ކާމިޔާބުކޮށްދިނީ އަބްދުﷲ ވިސާމާއި، ނާއިމް މުފީދެވެ.

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް
ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

މި މެޗުގައި ޔަންގް ޕްލޭޔާސް އިން ވަނީ ގިނަ ހަމަލާތަކެއް ޔަންގް ސްޓާގެ ގޯލަށް އަމާޒުކޮށް ފޮނުވާލައިފަ އެވެ. އެކަމަކު އޭގެ ތެރެއިން ގިނަ ހަމަލާތައް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޔަންގް ސްޓާގެ ގޯލްކީޕަރު ފައްޔާޒް ފަޔާޒް ވަނީ ދިފާއުކޮށްފަ އެވެ.

ސެމީ ފައިނަލްގެ ފަހު ޖާގަ ކަށަވަރުކުރީ ކާންޓް ޕްލޭއިންނެވެ. ގްރޫޕް ސްޓޭޖްގެ އެންމެ ފަހު މެޗުގައި އަމިގޯސް އެސްސީއާ ވާދަކޮށް ކާންޓް ޕްލޭއިން މެޗު ކާމިޔާބުކުރީ 1-4 އިންނެވެ. މި މެޗުގައި ކާންޓް ޕްލޭއިން ޖެހި ހަތަރު ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖުމައިލް ޖަމީލެވެ. އަނެއް ދެ ގޯލް ކާމިޔާބުކުރީ އަލީ ހުމޭޒާއި މޫސާ އަޒީމެވެ. އަމިގޯސްއިން ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަހްމަދު ޝަމީމެވެ.

މިރޭ ކުޅޭ ސެމީ ފައިނަލުގެ މެޗުތައް
މިރޭ ކުޅޭ ސެމީ ފައިނަލުގެ މެޗުތައް

ސޯސަން ފުޓްސަލް ކަޕްގެ ސެމީ ފައޮނަލްގެ މެޗުތައް މިރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާއިރު ފުރަޔަމަ މެޗުގައި ބައްދަލުކުރާނީ ހެލޯ ބޭބީ އާއި ކާންޓް ޕްލޭ އެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލުކުރާނީ އެފްސީ އަމިގޯސް އާއި ޔަންގް ސްޓާ އެވެ.

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Settings