Fahuminet
ފުރަތަމަ ސަފްޙާ / ޚަބަރު / އަފްރޯ އާއި ސީސީގެ ކުރިމަތިލުމާ އެކު އޭދަފުށީގައި ކުއާޓާ ފައިނަލް މިރޭ
އަފްރޯ އާއި ސީސީގެ ކުރިމަތިލުމާ އެކު އޭދަފުށީގައި ކުއާޓާ ފައިނަލް މިރޭ
އަފްރޯގެ ސައްޓު އަދި ރާހިލް. މިރޭ އަފްރޯ ނުކުންނާނީ މިދިޔަ އަހަރުގެ ޗެމްޕިއަން ސީސީ ސްޕޯޓްސްއާ ދެކޮޅަށް. ފޮޓޯ: އޭދަފުށި ކައުންސިލް

އަފްރޯ އާއި ސީސީގެ ކުރިމަތިލުމާ އެކު އޭދަފުށީގައި ކުއާޓާ ފައިނަލް މިރޭ

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 22 މާރޗް 2026

އޭދަފުށީގައި މިހާރު ކުރިއަށްދާ ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލް ޖާގަތައް ރޭ ކަށަވަރުވެ، ކުއާޓާ ފައިނަލުގައި އެންމެ ފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބާއި ރަނަރަޕް އަފްރޯ ސްޕޯޓްސް ކްލަބް ވާދަކުރަން ޖެހިއްޖެ އެވެ. 

އޭދަފުށީގައި ކުރިއަށްދާ އެންމެ ބޮޑު ފުޓްސަލް މުބާރާތުގައި 12 ޓީމަކުން ބައިވެރިވި އެވެ. އިއްޔެ ކުޅުނީ ތިން ގްރޫޕް ހިމެނޭ އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކެވެ. 

އިއްޔެ ކުޅުނު މެޗުތަކަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަ ނުލިބި ކެޓީ، ބްރަދަހުޑް އެފްސީ އާއި އެފްސީ ސަޑަންލީގެ އިތުރުން ސީސީ ދަ ރެޑްސް އަދި ކްލަބް ފޯކަސް އެވެ. 

އިއްޔެ ހަވީރު ކުޅުނު މެޗުގައި އޯލް ވުލްވްސް އިން ވަނީ 9-0 އިން އެފްސީ ސަޑަންލީ ބަލިކޮށްފަ އެވެ. ރޭ ކުޅުނު ފުރަތަމަ މެޗުގައި ނަލަ ބްރަދާސްއާ ވާދަކޮށް އަފްރޯ ސްޕޯޓްސް ވަނީ ފަސޭހަކަމާ އެކު 5-1 އިން މޮޅުވެފަ އެވެ. 

މުރިނގާއި ބްރަދަހުޑް ވާދަކުރި މެޗުގައި މުރިނގު ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް
މުރިނގާއި ބްރަދަހުޑް ވާދަކުރި މެޗުގައި މުރިނގު ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: އޭދަފުށި ކައުންސިލް

ރޭގެ އަނެއް މެޗުގައި މުރިނގު އެފްސީ ވަނީ 1-0 އިން ބްރަދަހުޑް އެފްސީ ބަލިކޮށްފަ އެވެ. އޭގެފަހުން ކުޅުނު މެޗުގައި އެއިޓީފޯ އެފްސީން ވަނީ ވެލާ ސްޕޯޓްސް ކްލަބް 4-5 އިން ބަލިކޮށްފަ އެވެ. އަދި ފަހު މެޗުގައި ކްލަބް ފޯކަސް ވަނީ ސީސީ ދަ ރެޑްސްއާ ވާދަކޮށް 0-2 އިން ބަލިވެފަ އެވެ. 

ގްރޫޕް އޭގެ އެއްވަނަ މުރިނގު އެފްސީ ހޯދިިއިރު ދެ ވަނަ ލިބުނީ ކޭބަލް ބްރަދާސް އަށެވެ. ގްރޫޕް ބީގެ އެއް ވަނަ ހޯދީ އަފްރޯ ސްޕޯޓްސް ކްލަބަށެވެ. އެޓީމުން ގްރޫޕް ސްޓޭޖުގެ ތިން މެޗު ވެސް ކާމިޔާބުކުރި އެވެ. އެ ގްރޫޕުގެ ދެ ވަނަ ލިބުނީ އޯލް ވުލްވްސް އަށެވެ. ގްރޫޕް ސީގެ އެއް ވަނަ ހޯދި އެއިޓީފޯ ވެސް ވަނީ ކުޅުނު ތިން މެޗުން މޮޅުވެފަ އެވެ. އެ ގްރޫޕުގެ ދެ ވަނަ ލިބުނީ ވެލާ ސްޕޯޓްސް އަށެވެ. 

އެއިޓީފޯ އިން ވެލާ ސްޕޯޓްސް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް
އެއިޓީފޯ އިން ވެލާ ސްޕޯޓްސް ބަލިކުރި މެޗުގެ ތެރެއިން. ފޮޓޯ: އޭދަފުށި ކައުންސިލް

ތިން ވަނަ ޓީމުގެ ގޮތުގައި އެންމެ ރަނގަޅު ނަތީޖާ ހޯދައިގެން ކުއާޓާ ފައިނަލް ޔަގީންކުރީ ގްރޫޕް އޭގައި ހިމެނުނު ސީސީ ސްޕޯޓްސް އާއި ގްރޫޕް ބީގައި ހިމެނުނު ނަލަ ބްރަދާސް އެވެ. 

މިރޭ ކުއާޓާ ފައިނަލް މެޗުތައް ކުޅޭއިރު އެންމެ ފާހަގަކޮށްލެވެނީ އަފްރޯ ސްޕޯޓްސް އާއި ސީސީ ވާދަކުރާ މެޗެވެ. މި ދެޓީމު މިދިޔަ އަހަރުގެ ފައިނަލުގައި ވާދަކޮށް މޮޅުވީ ސީސީ އެވެ. 

މުބާރާތުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލް މެޗުތައް. 
މުބާރާތުގައި މިރޭ ކުޅޭ ކުއާޓާ ފައިނަލް މެޗުތައް. 

މުބާރާތުގެ ތާރީހަށް ބަލާއިރު ފުރަތަމަ ދެ އަހަރު ޗެމްޕިއަންކަން ހޯދީ އަފްރޯ އެވެ. މިދިޔަ އަހަރު ސީސީ އެވެ. އެހެންވެ، މިރޭ މި ދެޓީމުގެ ކުއާޓާ ފައިނަލް މެޗަކީ ޗެމްޕިއަނުންގެ މެޗެކެވެ. ސީސީން މިދިޔަ އަހަރުގެ މުބާރާތް ކާމިޔާބުކުރީ އަލީ ހާފިޒް (ހާއްޕެ) ގެ މޮޅު ކުޅުމާ އެކު އެވެ. މިފަހަރު އެޓީމުން ފެންނަނީ ހާއްޕެއެކޭ އެއްވަރަށް ފުޓްސަލްގައި މަޝްހޫރު އަޔާޒް އަހުމަދު (އަޔާ) އެވެ. 

https://fahuminet.com/tournaments/eydhafushi-futsal-cup-2026

އޭދަފުށީ ފުޓްސަލް ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ މިރޭ 8 ޖަހާއިރު އެވެ. 

ކޮމެންޓްސް

Matches
3
Ongoing
2
Upcoming
Settings