އއ. ތޮއްޑޫގައި މިހާރު ކުރިއަށްދާ ރިލެކްސް ކަމަނަ ފުޓްސަލް ކަޕް 2026 ގައި ރޭ ކުޅުނު މެޗުތަކާ އެކު އެފްސީ އަމިގޯސް އިން ސެމީ ފައިނަލްގެ ޖާގަ ކަށަވަރުކުރި އިރު އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭ އާއި ރަނަރަޕް ޔަންގް ސްޓާއިން އުންމީދު އާކޮށްފި އެވެ.
ސޯސަން ފުޓްސަލް ކަޕްގައި ރޭ ކުޅުނު ފުރަތަމަ މެޗު ވީ ފޯރިގަދަ މެޗަކަށެވެ. މުބާރާތުގެ ތަށި އެއް ފަހަރު އުފުލާލައިފައިވާ ހެލޯ ބޭބީ އާއި ބޮޑުފޮޅުދުއަށް ނިސްބަތްވާ ޔަންގް ޕްލޭޔާސް އިން މިރޭގެ މެޗަށް ނުކުތްއިރު އެ ދެޓީމުން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު އޮތީ ކާމިޔާބުކޮށްފަ އެވެ.
ދެޓީމުގެ ފަރާތުންވެސް ވަރަށް ވާދަވެރި އަދި ބަލާހިތްވާ ފަދަ ކުޅުމެއް ފެނުނު މި މެޗު ނިމުނީ 5-5 އިން އެއްވަރު ވެގެންނެވެ. މެޗުގެ ކުރީކޮޅު ޔަންގް ޕްލޭޔާސް އިން ދެ ލަނޑުގެ ލީޑެއް ނެގި ނަމަވެސް މެޗުގެ ފަހުކޮޅާ ހަމައަށް އައިއިރު ޔަންގް ޕްލޭޔާސްއަށް ޖެހިފައި އޮތީ ފަހަތުން އަރައި ހަމަކުރާށެވެ.
https://fahuminet.com/tournaments/relax-kamana-sosun-futsal-cup-2026
މި މެޗުގައި ހެލޯ ބޭބީއިން ޖެހި ފަސް ގޯލްގެ ތެރެއިން އެއް ގޯލަކީ ޔަންގް ޕްލޭޔާސްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. ހެލޯ ބޭބީގެ އަނެއް ހަތަރު ގޯލް ޖަހާފައިވަނީ ޔޫސުފް ސިދާމް އަލީ (ސިއްކޮ) އާއި އަހްމަދު އަމްނުގެ އިތުރުން ހުސައިން ސާއިލް އަދި ހަސަން ސަހާފް އެވެ.
ޔަންގް ޕްލޭޔާސް އަށް ގޯލްތައް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ އަލްސަން އާއި ޔޫސުފް ރައްޔާންގެ އިތުރުން ޖާދުﷲ އަހްމަދާއި މާއިން މުހައްމަދެވެ. މީގެ ތެރެއިން ޖާދުﷲ ވަނީ މި މެޗުގައި ދެ ގޯލް ކާމިޔާބުކޮށްފަ އެވެ.
ރޭ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ އަމިގޯސްއަށް ނިސްބަތްވާ ދެ ޓީމެވެ. އަމިގޯސް އެސްސީގެ މައްޗަށް 0-2 އިން އެފްސީ އަމިގޯސްއިން ކުރި ހޯދި މި މެޗުގައި އެފްސީ އަމިގޯސްއިން ޖެހި ދެ ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ކ. ގާފަރު ޓީމުން ވިދާލި ޝަނާން ރަޝާދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ ޝަނާނެވެ. މި ނަތީޖާއާއެކު އެފްސީ އަމިގޯސްއަށް ވަނީ ސެމީ ފައިނަލްގެ ޖާގަ ކަށަވަރުވެފަ އެވެ.

ސޯސަން ކަޕްގައި ރޭ ކުޅުނު ތިންވަނަ މެޗު 0-2 އިން ކާމިޔާބުކުރީ ޔަންގް ސްޓާ އެވެ. ޔަންގް ސްޓާއިން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗު ނާކާމިޔާބުވި ނަމަވެސް މިރޭ އެޓީމުން ވަނީ 0-2 އިން އެފްސީ ރެބޯނާ ބަލިކޮށް މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ އުންމީދު އާކޮށްފަ އެވެ. މި މެޗުގައި ޔަންގް ސްޓާއިން ޖެހި ދެ ލަނޑުވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިބްރާހިމް ރިމާހެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭ ކުޅުނު ފުރަތަމަ މެޗުން ބަލިވި ނަމަވެސް މިރޭ އެޓީމުން ފްލޭޝްއާ ދެކޮޅަށް ކުޅުނު މެޗު ފަސޭހަ ކަމާއެކު ވަނީ ފަސޭހަކަމާއެކު ކާމިޔާބުކޮށްފަ އެވެ. ފްލޭޝްގެ މައްޗަށް ކާބްޓް ޕްލޭއިން މިރޭ 1-5 އިން ކުރި ހޯދާފައިވާއިރު އެ ޓީމުން ޖެހި ފަސް ލަނޑުގެ ތެރެއުިން ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ ޖުމެއިލް ޖަމީލެވެ. ކާންޓް ޕްލޭއިން މެޗުގައި ޖެހި އަނެއް ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. އިސްދޫ ޓީމުން ވިދާލި އަލި ހުމޭޒު އަދި އަލީ މީސާގުގެ އިތުރުން ރ. ދުވާފަރުގެ ތަރި މުހައްމަދު އިސާމް (ޝަންޓޭ) އެވެ.
މި މެޗުގައި ފްލޭޝްއިން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ އާދަމް ރިޝާދެވެ. މި ނަތީޖާއާއެކު މުބާރާތުގެ ކުއާޓާ ފައިނަލަށް ދިއުމަށް ކާންޓް ޕްލޭއިން ކުރަމުން އަންނަ މަސައްކަތަށް ވަނީ ދިރުން ލިބިފަ އެވެ.

މުބާރާތުގައި މިރޭ އޮންނާނީ ގްރޫޕް ސްޓޭޖްގެ އެންމެ ފަހު ހަތަރު މެޗެވެ. މީގެ ތެރެއިން އެންމެ ފޯރި ގަދަވާނެ ކަމަށް ބެލެވެނީ ގްރޫޕް އޭގައި ކުޅޭ ޔަންގް ސްޓާ އާއި ޔަންގް ޕްލޭޔާސްގެ މެޗެވެ. މުބާރާތަށް ވަރަށް ވަރުގަދައަށް ތައްޔާރުވި މި ދެޓީމުގެ ތެރެއިން ޔަންގް ސްޓާއަށް ސެމީގެ ފުރުސަތު ޔަގީންވާން އޮތީ މާދަމާރޭ ޔަންގް ޕްލޭޔާސް ބަލިކޮށްގެންނެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.
