އޭދަފުށި ފުޓްސަލް ކަޕްގައި މިއަދު ހަވީރު އަބްދުﷲ ޝާފިއު (ޝާއްޕެ) ހިމަނައިގެން ކުޅުނު އޯލް ވުލްވްސް އިން 9 ލަނޑުން މޮޅުވެއްޖެ އެވެ.
އޯލް ވުލްވްސް އަކީ މިއަހަރު އެންމެ ވަރުގަދަކޮށް އޭދަފުށި ފުޓްސަލް އަށް ތައްޔާރުވި އެއް ޓީމެވެ. ޓީމު ވަރުގަދަކުރަން އެޓީމުން ގެނައި އެންމެ މުހިއްމު ކުޅުންތެރިއަކީ މަޝްހޫރު ފުޓްސަލް ތަރި އަބްދުﷲ ޝާފިއު (ޝާއްޕެ) އެވެ.
ޝާއްޕެ އަކީ މިއަހަރު ރާއްޖޭން ސަރަހައްދީ ފުޓްސަލްގެ ޗެމްޕިއަންކަން ހޯދި ޓީމުގެ މުހިއްމު ކުޅުންތެރިއެކެވެ. އަދި، އޭގެފަހުން ޝާއްޕެ ވަނީ ގޯލްޑަން ފުޓްސަލް ޗެލެންޖް ހދ. ނައިވާދޫ އިން ހޯދިއިރު ވެސް މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގައުމީ ޓީމުގެ ކާމިޔާބީއަށް ފަހު ރާއްޖެ އައިސް ނައިވާދޫ ޓީމާ ގުޅުމަށް ފަހު ޝާއްޕެ މޮޅު ކުޅުމެއް ދެއްކި އެވެ.
އޯލް ވުލްވްސް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ ދެ މެޗުގައި ވެސް ޝާއްޕެ ކުޅެފައެއްނުވެ އެވެ. އެ ދެ މެޗުން ވެސް އެޓީމަށް މޮޅެއް ނުލިބުނެވެ. ފުރަތަމަ މެޗުގައި އަފްރޯ ސްޕޯޓްސް ކްލަބާ ވާދަކޮށް 3-1 އިން ބަލިވިއިރު ދެ ވަނަ މެޗުގައި ނަލަ ބްރަދާސްއާ ވާދަކޮށް 2-2 އިން އެއްވަރުވީ އެވެ.

މިއަދު ހަވީރު އޭދަފުށީ ފުޓްސަލް ސްޓޭޑިއަމްގައި އޯލް ވުލްވްސް ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އެފްސީ ސަޑަންލީއާ ވާދަކޮށް އެޓީމު މޮޅުވީ 0-9 އިންނެވެ. މެޗުގައި ޝާއްޕެ ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމަށް ދެން ގޯލުތައް ކާމިޔާބުކޮށްދިނީ އަހުމަދު ފާތިން އާއި އަހުމަދު ޖައުޝަން އަބްދުﷲގެ އިތުރުން އަލީ ނަސީމް އަދި މުހައްމަދު ސަމާހު އެވެ. މެޗުގަައި ފާތިން އަދި ޖައުޝަން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
https://fahuminet.com/tournaments/eydhafushi-futsal-cup-2026
މޮޅާ އެކު އޯލް ވުލްވްސް އަށް ވަނީ ކުއާޓާ ފައިނަލުން ފުރުސަތު ލިބިފަ އެވެ. އެޓީމު މިވަގުތު އޮތީ ހަތަރު ޕޮއިންޓާ އެކު ގްރޫޕުގެ ދެ ވަނައިގަ އެވެ. ތިން މެޗުން ވެސް ބަލިވި ސަޑަންލީ ވަނީ މުބާރާތުން ކަޓައިފަ އެވެ.
މުބާރާތުގައި ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނެ އެވެ.