އޭދަފުށީ ކައުންސިލުން އިންތިޒާމުކޮށްގެން 12 ޓީމާ އެކު ކުރިއަށްގެންދާ އޭދަފުށި ފުޓްސަލް ކަޕްގައި އިއްޔެގެ މެޗުތަކަށް ފަހު އަފްރޯ ސްޕޯޓްސް ކްލަބާއި ކޭބަލް ބްރަދާސް އަދި އެއިޓީފޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގަތައް ކަށަވަރުކޮށްފި އެވެ.
މުބާރާތް ތިން ގްރޫޕަކަށް ބަހާލައިގެން ކުޅޭއިރު ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ދެ ޓީމަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެ އެވެ. ބާކީ ދެ ޖާގަ ލިބޭނީ ތިން ވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެ ޓީމަށެވެ.
އިއްޔެ އަފްރޯ އިން ވަނީ 0-6 ގެ ބޮޑު ތަފާތަކުން އެފްސީ ސަޑަންލީ ބަލިކޮށްފަ އެވެ. މެޗުގައި އަފްރޯގެ މުހައްމަދު ފާސިރު ހެޓްރިކް ހެދި އެވެ. މިއީ ދެ މެޗުގައި ފާސިރު ޖެހި 5 ވަނަ ގޯލެވެ. އެޓީމުގެ އަނެއް ތިން ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު ރާހިލް ރަޝީދު އާއި އުނައިސް ޒުބައިރުގެ އިތުރުން ޒުވާން ކުޅުންތެރިޔާ އަލީ އައިކް ރަޝީދެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ފާސިރެވެ.
https://fahuminet.com/tournaments/eydhafushi-futsal-cup-2026
އަފްރޯ އޮތީ ކުޅުނު ދެ މެޗުން ހޯދި 6 ޕޮއިންޓާ އެކު ގްރޫޕް ބީގެ އެއް ވަނައިގަ އެވެ. އެ ގްރޫޕުގައި އިއްޔެ ހަވީރު އޯލް ވުލްވްސް އާއި ނަލަ ބްރަދާސް ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. ގްރޫޕުގައި ކޮންމެ ޓީމަކަށް އަދި އެއް މެޗު އެބައޮތެވެ. ދެ މެޗުން ބަލިވުމާ އެކު ސަޑެންލީ އަށް މިހާރު ވަނީ ފުރުސަތު ހަނިވެފަ އެވެ.

އެއިޓީފޯ ކުއާޓާ ފައިނަލް ޔަގީންކުރީ އެޓީމުގެ ދެ ވަނަ މެޗުގައި ސީސީ ދަ ރެޑްސް 6-2 އިން ބަލިކޮށްގެންނެވެ. މެޗުގައި އެއިޓީފޯގެ ސުލްތާން ހަބީބް ދެ ގޯލު ޖެހި އެވެ. އެޓީމުގެ ބާކީ ގޯލުތައް ކާމިޔާބުކޮށްދިނީ ޝާފީ އަލީ އާއި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި މުހައްމަދު ހައްސާން އަހުމާއި މުހައްމަދު އަޖުފާންގެ އިތުރުން އަލީ ޝިފާއު އެވެ. ސީސީ ދަ ރެޑްސްގެ ދެ ގޯލު ވެސް ކާމިޔާބުކޮށްދިނީ މުހައްމަދު ފިއަޒަން އެވެ.
މި ގްރޫޕްގައި ވެލާ ސްޕޯޓްސް ކްލަބް ރޭ ވަނީ ކްލަބް ފޯކަސް އަތުން 2-1 އިން ބަލިވެފަ އެވެ. ކްލަބް ފޯކަސްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ޔައިޝް މުސްތަފާ އާއި އިސްމާއީލް ނާޒިލް ނަޒީފް އެވެ. ވެލާގެ ހަމައެކަނި ގޯލަކީ ކްލަބް ފޯކަސްގެ މުހައްމަދު އަތޫފް ރިފާއު އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

މެޗުން ވެލާ ބަލިވިއިރު، ދެ ވަނަ ހާފުގައި އެޓީމުގެ ގޯލްކީޕަރު އަލީ އަޖުފާން އަމްޖަދަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ކޭބަލް ބްރަދާސް ކުއާޓާ ފައިނަލްގެ ޖާގައެއް ކަށަވަރުކުރީ މުރިނގު އެފްސީއާ ވާދަކޮށް 1-1 އިން މެޗު އެއްވަރުކޮށްގެންނެވެ. މެޗުގައި ފުރަތަމަ ގޯލު ޖެހީ ކޭބަލް ބްރަދާސްގެ އިސްމާއީލް ފައުޒީ އެވެ. ދެ ވަނަ ހާފުގައި މުރިނގަށް ނަތީޖާ ހަމަހަމަކޮށްދިނީ އިބްރާހީމް ސިމާހު އެވެ. ސިމާހު ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދައިފަ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބް ވަނީ ރޭ 2-4 އިން ބްރަދަހުޑް އެފްސީ ބަލިކޮށްފަ އެވެ.
މެޗުގައި ސީސީގެ ހަތަރު ގޯލުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދިނީ ނިޝާމް މުހައްމަދު ރަޝީދު އެވެ. އަނެއް ދެ ގޯލު ޖެހީ އަހުމަދު ސިޒާން އާއި އަހުމަދު އަޝްރަފް ޔޫސުފް އެވެ. ބްރަދަހުޑްގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އިސްމާއީލް ނަސީއާއި އަލީ ނަސީރެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސީސީގެ ރަޒާން ޖައުފަރެވެ.
ސީސީ އަށް ކުޅޭ މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) އަށް ވަނީ ރަތް ކާޑު ދައްކައިފަ އެވެ.
ފަހު މެޗުން ހޯދި މޮޅާ އެކު ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށް ސީސީ އަށް އުއްމީދެއް އެބައޮތެވެ.
އޭދަފުށި ފުޓްސަލް ކަޕްގެ ގްރޫޕް ސްޓޭޖުގެ މެޗުތައް ކުރިއަށްދާއިރު މިއަދު ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ.