ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމުކޮށްގެން ބާއްވާ އެލް4 ކަޕް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު މެޗުތަކުން ސީއެސް ސްޕޯޓްސް އާއި ފައުޒް ސްޕޯޓްސްއިން ބޮޑު މޮޅެއް ހޯދިއިރު އެންމެ ފަހުން ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފެލޭލާ ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެ އެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައި ވަނީ ސީއެސް ސްޕޯޓްސް އާއި އެލްބީއޯ ސްޕޯޓްސް އެވެ. މި މެޗު 7-1 އިން ކާމިޔާބުކުރީ ސީއެސް ސްޕޯޓްސް އެވެ. މި މެޗުގައި ސީއެސް ސްޕޯޓްސް އިން ޖެހި ހަތް ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހާފައިވަނީ ފުރަތަމަ ހާފުގަ އެވެ.
މި މެޗުގައި ސީއެސް ސްޕޯޓްސްގެ އަލީ އައިހަމް އާއި އަހްމަދު މުއާޒް ހެޓްރިކް ހެދިއިރު އެ ޓީމުގެ އާދިލް އަލީ ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ. އެލްބީއޯ ސްޕޯޓްސް އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ ފުރަތަމަ ހާފުގެ ފަހުމިނެޓްގައި ޖެހީ މިލްޔާފް އަބްދުއްސައްތާރެވެ.
މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި ވާދަކުރީ އެންމެ ފަހުގެ ޗެމްޕިއަން ފެލޭލާ ސްޕޯޓްސް އާއި ފައުޒް ނިއު ޖެނެރޭޝަން އެވެ. މި މެޗު 3-3 އިން އެއްވަރުވެގެން ނިމުނުއިރު މެޗުގައި ޖެހި ހަ ލަނޑުވެސް ފެނިފައި ވަނީ ފުރަތަމަ ހާފުގަ އެވެ. މި މެޗުގައި ފައުޒް ނިއު ޖެނެރޭޝަނުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ކާމިޔާބު ކޮށްދީފައިވަނީ އަހްމަދު އަޔާސް އެވެ. އަނެއް ލަނޑު ފެލޭލާގެ ގޯލަށް ވައްދާލީ ފައުޒް ނިއު ޖެނެރޭޝަންގެ އިސްމާއިލް ޒަރީރެވެ.
މެޗުގައި ފެލޭލާ އަށް ގޯލްތައް ކާމިޔާބުކޮށްދިނީ ދެގޯލް ޖެހި ސާމިން މުހައްމަދު ނަސީރާއި، މޫސާ މާހިލް މިގްދާދެވެ.
ރޭ ކުޅުނު ފަހު މެޗުގައި އެންމެ ފަހުގެ ރަނަރަޕް ފައުޒުން ވަނީ ރަށުން ބޭރުން ބައިވެރިވި ހަމައެކަނި ޓިމު ކަމަށްވާ އެކްސް ސްޕޯޓްސް 3-6 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ފައުޒުން ޖެހި ހަ ލަނޑުގެ ތެރެއިން ދެ ގޯލު ކާމިޔާބުކޮށްދީފައިވަނީ ކްލަބް މޯލްޑިވްސް ކަޕްގައި ސްޓެލްކޯ ޓީމުން ވިދާލި ކިރުގިސްތާނުގެ އުލާން އެވެ. އުލާންގެ އިތުރުން ފައުޒްގެ މުހައްމަދު އަރީޝް ވެސްވަނީ މި މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފަ އެވެ. ފައުޒުން ޖެހި އަނެއް ދެ ގޯލް އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު އުލޫފާއި، އިޝާން ބިން ހިޝާނެވެ.
ދަރަނބޫދޫއަށް ނިސްބަތްވާ އެކްސްއިން ފައުޒްގެ ގޯލަށް ވައްދާލި ތިން ލަނޑުގެ ތެރެއިން ފުރަތަމަ ދެ ލަނޑު ކާމިޔާބުކުރީ ލުހާމް ލަތީފެވެ. އަނެއް ގޯލް ކާމިޔާބުކުރީ ޝައުދާން އަބްދުލްގަނީ އެވެ.
ލީގު އުސޫލުން ކުރިއަށްގެންދާ މި މުބާރާތުގައި މިރޭ ވެސް ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.