ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ފަސް ކުޅުންތެރިންނާއެކު އެފްސީ އަމިގޯސް އިން ޗެމްޕިއަން ބަލިކޮށްފި
އެންމެ ފަސް ކުޅުންތެރިންނާއެކު އެފްސީ އަމިގޯސް އިން ޗެމްޕިއަން ބަލިކޮށްފި
އެފްސީ އަމިގޯސް އިން ޗެމްޕިއަން ކާންޓް ޕްލޭ ބަލިކުރި މެޗުގެ ތެރެއިން. ފުރަތަމަ ރޭގެ މެޗުތައް ވެސް ފެނުނީ ވާދަވެރިކޮށް. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

އެންމެ ފަސް ކުޅުންތެރިންނާއެކު އެފްސީ އަމިގޯސް އިން ޗެމްޕިއަން ބަލިކޮށްފި

ފަހުމިނެޓް
ފަހުމިނެޓް
13 ގަޑިއިރު ކުރިން 21 މާރޗް 2026

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2026 ރޭ ފެށިއިރު މުބާރާތުގެ ދެވަނަ މެޗުގައި އެންމެ ފަސް ކުޅުންތެރިންނާ އެކު ނުކުމެ އެފްސީ އަމިގޯސްއިން އެންމެފަހުގެ ޗެމްޕިއަން ކާންޓް ޕްލޭ ބަލިކޮށްފި އެވެ.

ތޮއްޑޫ ސޯސަން ކްލަބުގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާމި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ބައްދަލުކޮށްފައިވަނީ އެންމެ ފަހުގެ ރަނަރަޕް ޔަންގް ސްޓާ އާއި މި މުބާރާތް އެއް ފަހަރު ކާމިޔާބުކޮށްފައިވާ ހެލޯ ބޭބީ އެވެ. މިމެޗު 1-2 އިން ކާމިޔާބުކޮށްފައިވަނި ހެލޯ ބޭބީ އެވެ.

މިއަހަރު މާލޭގައި އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އައްޑޫ ސިޓީގެ ހިތަދު ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން ރޭގެ މެޗަށް ނުކުތް ހެލޯ ބޭބީއިން ޖެހި ދެ ލަނޑުގެ ތެރެއިން ފުރަތަމަ ލަނޑު ފުރަތަމަ ހާފުނިމެން އުޅެނިކޮށް އެ ޓީމަށް ކާމިޔާބުކޮށްދިނީ ގދ. ވާދޫއަށް ނިސްބަތްވާ މުހައްމަދު އިޔާދު އަލީ އެވެ. ދެވަނަ ލަނޑުމެޗު ނިމެން ގާތްވެފައި ވަނިކޮށް ޔަންގް ސްޓާގެ ގޯލަށް ވައްދާލީ ޔޫސުފް ސިދާމް އަލީ (ސިއްކޮ) އެވެ.

ހެލޯ ބޭބީ އާއި ޔަންގް ސްޓާ ވާދަކުރި މެޗު ފަށަން ތައްޔާރުވެގެން. މެޗުން ހަނި މޮޅެއް ހޯދީ ހެލޯ ބޭބީ. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް
ހެލޯ ބޭބީ އާއި ޔަންގް ސްޓާ ވާދަކުރި މެޗު ފަށަން ތައްޔާރުވެގެން. މެޗުން ހަނި މޮޅެއް ހޯދީ ހެލޯ ބޭބީ. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް

މެޗުގައި ޔަންގް ސްޓާއިން ގިނަ ހަމަލާތަކެއް އުފެއްދިނަމަވެސް އެޓީމަށް ހެލޯ ބޭބީގެ ގޯލު ފޫއަޅުވާލެވޭ ގޮތްވީ ދެ ލަނޑުގެ ލީޑެއް ހެލޯ ބޭބީއިން ނެގިފަހުންނެވެ. ޔަންގް ސްޓާއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު އެޓީމަށް ކާމިޔާބުކޮށްދީފައިވަނީ އިސްމާއިލް ވަޖީހް (ވައްޖެ) އެވެ.

ސޯސަން ފުޓްސަލް ކަޕްގައި ރޭ ކުޅުނު ދެވަނަ މެޗުގައި އެންމެފަހުގެ ޗެމްޕިއަން ކާންޓް ޕްލޭގެ މައްޗަށް މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ އެފްސީ އަމިގޯސް އިން ކުރި ހޯދީ 0-1 އިންނެވެ. އެފްސީ އަމިގޯސް ޓީމުގައި ހިމަނާފައިވާ ރާއްޖޭގެ މަޝްހޫރު ގިނަ ކުޅުންތެރިން ރޭގެ މެޗުގައި ނުކުޅެ އެވެ.

ރޭގެ މެޗަށް އަމިގޯސްއަށް ހަމަކުރެވުނީ ވެސް އެންމެ ފަސް ކުޅުންތެރިންނެވެ. އެ ސަބަބާހުރެ މުޅި މެޗު އެޓީމަށް ކުޅެން ޖެހުނީ ކުޅުންތެރިޔަކު ބަދަލު ނުކޮށެވެ. އެފްސީ އަމިގޯސްއިން ރޭގެ މެޗުގައި ޖެހި ހަމައެކަނި ލަނޑު މެޗުގެ ދެވަނަ ހާފުގެ ދެވަނަ މިނެޓްގެ ތެރޭގައި އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ރައުހާން ރިފާތެވެ.

އެންމެ ފަހުން އޮތް ގޯލްޑަން ފުޓްސަލް މުބާރާތުން ވިދާލި ގިނަ ކުޅުންތެރިންތަކެށް ހިމަނައިގެން ކުޅުނު ކާންޓް ޕްލޭއިން ރޭގެ މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި ޕަވަރ ޕްލޭގެ ބޭނުންކޮށްގެންވެސް ލަނޑެއް ކާމިޔާބުކުރެވޭތޯ ވަނީ ވަރަށް ބޮޑަށް މަސައްކަތްކޮށްފަ އެވެ. އެކަމަކު ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ އެއް ގޯލްކީޕަރު ނާޖިހް އިބްރާހިމް ގޯލް ބެލެހެއްޓި އަމިގޯސްގެ ތަޖުރިބާކާރު ކުޅުންތެރިން ވަނީ ވަރަށް ވިސްނުންތެރިކަމާއެކު އެ ޕްރެޝަރާ ކުރިމަތިލައި ކާމިޔާބު ހޯދައިފަ އެވެ.

ޔަންގް ޕްލެޔާ މޮޅުވި މެޗުގައި ފުޓްސަލް ތަރި އަލްސަން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް
ޔަންގް ޕްލެޔާ މޮޅުވި މެޗުގައި ފުޓްސަލް ތަރި އަލްސަން ބޯޅަ ހިފައިގެން ދަނީ. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް

ރޭ ކުޅުނު ތިންވަނަ މެޗުގައި ބައްދަލުކޮށްފައިވަނީ ބޮޑުފޮޅުދޫއަށް ނިސްބަތްވާ ޔަންގް ޕްލޭޔާ އާއި އެފްސީ ރެބޯނާ އެވެ. ވާދަވެރި ކުޅުމެއް ފެނުނު މި މެޗު 2-3 އިން ކާމިޔާބުކުރީ ޔަންގް ޕްލޭޔާ އެވެ. ޔަންގް ޕްލޭޔާއަށްމި މެޗުގައި ގޯލުތައް ކާމިޔާބުކޮށްދީފައިވަނީ އެންމެ ފަހުން އޮތް ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަލީ އަލްސަންގެ އިތުރުން މާހިދު އިބްރާހިމާއި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ޖާދުﷲ އަހްމަދެވެ.

އެފްސީ ރެބޯނާއަށް މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ އިބްރާހިމް ސުހާން މުހައްމަދާއި، އިބްރާހީމް އިޔާދު އަހްމަދެވެ.

އަމިގޯސް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް
އަމިގޯސް ސްޕޯޓްސް ކްލަބުގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ. ފޮޓޯ: ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް

މުބާރާތުގައި ރޭ ކުޅުނު އެންމެ ފަހު މެޗުގައި ވާދަކޮށްފައިވަނީ އަމިގޯސް ސްޕޯޓްސް ކްލަބާއި، ފްލޭޝް އެވެ. މި މެޗު 1-3 އިން ކާމިޔާބުކުރީ އަމިގޯސްއެވެ. މެޗުގައި ޖެހި ހަތަރު ގޯލްވެސް ފެނިފައިވަނީ މެޗުގެ އެންމެ ފަހު ދިހަ މިނެޓާއި އިތުރު ވަގުތުގެ ތެރޭގަ އެވެ.

އަމިގޯސްއަށް ރޭގެ މެޗުގައި ގޯލްތައް ކާމިޔާބުކޮށްދިނީ މޫސާ މާއިލް އިސްމާއިލް އާއި އަހްމަދު ޝަމީމްގެ އިތުރުން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މުހައްމަދު ޝަފީއު ނަސްރުﷲ އެވެ. ފްލޭޝްއިން މި މެޗުގައި ޖެހިހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އަހްސަން ރަޝީދެވެ.

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި މިރޭ ކުޅޭ މެޗުތައް
ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި މިރޭ ކުޅޭ މެޗުތައް

ތޮއްޑޫގައި ކުރިއަށްދާ ފޯރިގަދަ ރިލެކްސް ކަމަނަ ފުޓްސަލް މުބާރާތުގައި މިރޭ ވެސް ފޯރިގަދަ މެޗުތަކެއް ކުޅޭނެ އެވެ. މިއަހަރުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުން މުބާރާތުގެ ހަބަރުތަކުގެ ފަހު އަޕްޑޭޓާއި މެޗު ސްކޯގެ މައުލޫމާތު ވަގުތުން ލިބޭނެ އެވެ. 

ކޮމެންޓްސް