ފުރަތަމަ ސަފްޙާ / ޚަބަރު / އެންމެ ގިނަ ފުޓްސަލް ތަރިން ފެންނާނެ މުބާރާތް ތޮއްޑޫގައި މިރޭ ފަށަނީ
އެންމެ ގިނަ ފުޓްސަލް ތަރިން ފެންނާނެ މުބާރާތް ތޮއްޑޫގައި މިރޭ ފަށަނީ
މުބާރާތުގެ މިދިޔަ އަހަރުގެ ފައިނަލް މެޗުގެ ތެރެއިން. މިއަހަރު ވެސް މަޝްހޫރު ގިނަ ކުޅުންތެރިންތަކެއް ތޮއްޑޫ ޓީމުން ފެންނާނެ. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

އެންމެ ގިނަ ފުޓްސަލް ތަރިން ފެންނާނެ މުބާރާތް ތޮއްޑޫގައި މިރޭ ފަށަނީ

ފަހުމިނެޓް
ފަހުމިނެޓް
12 ގަޑިއިރު ކުރިން 20 މާރޗް 2026

އަރި އަތޮޅު އުތުރުބުރީގައި ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ތޮއްޑޫގައި މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2026 ގެ ނަމުގައި ތޮއްޑޫ ސޯސަން ކްލަބުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މުބާރާތުގައި މިރޭ ހަތަރު މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

މިއީ މިފަހަރުގެ ފިތުރު އިދާ ދިމާކޮށް ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްގެންދާ ފުޓްސަލް މުބާރާތްތަކުގެ ތެރެއިން ރާއްޖޭގެ ފުޓްސަލްގައި ނަން ހިނގާ ތަރިން އެންމެ ގިނައިން ފެންނާނެ މުބާރާތެވެ.

ޖުމްލަ އަށް ޓީމު ވާދަކުރާ މި މުބާރާތުގައި ރާއްޖެއަށް ސާފްފުޓްސަލް ޗެމްޕިއަންޝިޕުން ރަން މެޑަލް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު ފަސް ކުޅުންތެރިއަކު ކުޅޭނެ އެވެ. އޭގެ ތެރޭގައި ޓީމުގެ ދެ ގޯލްކީޕަރުން ކަމަށްވާ ޒައިދާން އަހްމަދު (އަސޫ) އާއި އިބްރާހިމް ނާޖިހް (ހޭޓް) ގެ އިތުރުން ޢަބްދުﷲ ޝާފިއު (ޝާއްޕެ) އާއި، އަހްމަދު ހަމީދު (އައްމަޑޭ) އަދި ހުސައިން ޝަރިފް (އޮންލީ) ހިމެނެ އެވެ.

ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ފުޓްސަލް ޓީމުގެ ބައެއް ކުޅުންތެރިންގެ އިތުރުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ކިންގުގެ މަގާމު އެންމެ ފަހުން ހޯދި ޔާމީން މުހައްމަދު (ޔާންޓެ) އާއި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގަކަށް އެންމެ ފަހުން ވި އަހްމަދު އަފްލާޒް ވެސް މިމުބާރާތުގައި ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރާއްޖޭގެ ފުޓްސަލްގެ އެންމެ މަޝްހޫރު ދެކުޅުންތެރިން ކަމަށްވާ އަލީ ހާފިޒް (ހާއްޕެ) އާއި އަޔާޒް އަހްމަދު (އަޔާ) ގެ އިތުރުން، އިބްރާހިމް އަސްވާދު (ގަބޭ) އަދި އަލީ ޝާމިސް (ތޮއްޕެ) ވެސް މިރޭ ތޮއްޑޫގައި ފަށާ މުބާރާތުން ފެންނާނެ އެވެ.

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި މިރޭ ކުޅޭ މެޗުތައް
ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި މިރޭ ކުޅޭ މެޗުތައް

މިމަހުގެ 24 އާ ހަމައަށް ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެން ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކްރޮސްކޮށް ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ރަނަރަޕް ޔަންގް ސްޓާ އަދި ބޮޑުފޮޅުދޫއަށް ނިސްބަތްވާ ޔަންގް ޕްލޭޔާގެ އިތުރުން 2024 ވަނަ އަހަރުގެ ޗެމްޕިއަން ހެލޯ ބޭބީ އާއި އެފްސީ ރެބޯނާ އެވެ.

ގްރޫޕް ބީގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭ އާއި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ އެފްސީ އަމިގޯސްގެ އިތުރުން ފްލޭޝް އާއި އަމިގޯސް އެސްސީ އެވެ.

ޗެމްޕިއަންޓީމަށް 55,000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ މެޗުތަކުގެ ލައިވް ސްކޯ އާއި އެންމެފަހުގެ މައުލޫމާތު ފަހުމިނެޓްގެ ވެބްސައިޓުން ގެނެސްދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

ކޮމެންޓްސް