ފ. މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ އެލް4 ކަޕް ފުޓްސަލް މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
ޖުމްލަ ހަ ޓީމަކުން ބައިވެރިވި މި މުބާރާތުގައި މިރޭ ތިން މެޗު ކުޅޭ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެލް4 ކަޕްގެ ނަމުގައި 2011 ވަނަ އަހަރުން ފެށިގެން މުޅި ފ. އަތޮޅަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މުބާރާތް މިފަހަރު ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ.
މި ފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ފެލޭލާއާއި ރަނަރަޕް މަގާމު ލިބުނު ފައުޒް ސްޕޯޓްސް ކްލަބްގެ އިތުރުން މިދިޔަ އަހަރުއޮތް މުބާރާތުގެ ސެމީގައި ވާދަކުރި ފައުޒް ނިއު ޖެނެރޭޝަން، ސީއެސް ސްޕޯޓްސް އަދި ދަރަނބޫދޫ އަށް ނިސްބަތްވާ އެކްސް އެވެ.
މިރެއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތަކީ މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 39 ވަނަ ކުޅިވަރު މުބާރާތެވެ. އުފެދުނު ފަހުން މިއަހަރަށް 45 އަހަރު ފުރޭ މަގޫދޫ ޒުވާނުންގެ ކްލަބުގެ ފަރާތުން މިއަހަރު ބާއްވާ އެލް4 ކަޕްގެ ފޯމެޓް އެކުލަވާލައިފައި މިހާރު އޮތް ގޮތުން، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ މުބާރާތުގެ ފައިނަލުގަ އެވެ.
އެހެން އަހަރުތަކެކޭވެސް އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ބައެއް ކުޅުންތެރިން ފެންނާނެ ކަމަށް ވަނީ އެނގިފަ އެވެ. އޭގެތެރޭގައި ރާއްޖެއަށް ސާފު ފުޓްސަލް ޗެމްޕިއަންޝިޕުން ރަން މެޑަކް ހޯދައިދިން ގައުމީ ޓީމުގައި ހިމެނުނު އަލީ ޝިޔާހް އަދި އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު އެންމެ ފަހުން ހޯދި އަހްމަދު އަފްލާޒްގެ އިތުރުން އެ މުބާރާތުގައި ސްޓެލްކޯ ޓީމަށް ކުޅުނު ކިރްގިސްތާނުގެ އުލާން ވެސް މިފަހަރު އެލް4 ކަޕުން ފެންނާނެ އެވެ.
އެލް4 ކަޕްގެ މިއަހަރުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ ޚަބަރުތަކާއި ލައިވްސްކޯ ކަވަރޭޖް ގެނެސްދޭނެއެވެ.