އޭދަފުށީގައި މިހާރު ކުރިއަށްދާ އޭދަފުށި ފުޓްސަލް ކަޕްގައި، މުބާރާތުގެ ޗެމްޕިއަންކަން މިދިޔަ އަހަރު ހޯދި ސީސީ ސްޕޯޓްސް ކްލަބް ރޭ ކުޅުނު މެޗުން ވެސް ބަލިވެ މުބާރާތުގައި ކުރިއަށް ދިއުމުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ރޭ ވަނީ ގްރޫޕް ސްޓޭޖުގެ ހަތަރު މެޗު ކުޅެފަ އެވެ. ގްރޫޕް އޭގައި ހިމެނޭ ސީސީ ކުޅުނު މެޗުގައި ކޭބަލް ބްރަދާސްއާ ވާދަކޮށް ބަލިވީ 2-4 އިންނެވެ.
މެޗުގައި ކޭބަލް ބްރަދާސްގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަނަސް މުހައްމަދާއި، އިސްމާއީލް ފައުޒީ އަދި ހުސައިން ސުހައިލް (ސޮކޭ) އެވެ. މެޗުގައި ސޮކޭ ވަނީ ދެ ގޯލު ޖަހައި މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ.
ސީސީ ސްޕޯޓްސްގެ ފުރަތަމަ ގޯލު މަޝްހޫރު ފުޓްސަލް ތަރި އަޔާޒް އަހުމަދު (އަޔާ) ކާމިޔާބުކޮށްދިންއިރު، ދެ ވަނަ ގޯލަކީ އަޔާ ތަނަވަސްކުރި ފުރުސަތެއްގައި ސޮކޭ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.
މި ގްރޫޕުގައި ކުޅުނު ފުރަތަމަ މެޗުގައި ސީސީ ވަނީ މުރިނގު އެފްސީ އަތުން 3-2 އިން ބަލިވެފަ އެވެ.
ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ސީސީ މިރޭ ނުކުންނާނީ ދަ ބްރަދަހުޑް އެފްސީއާ ދެކޮޅަށެވެ. މި މެޗު ކާމިޔާބުކުރިޔަސް ސީސީ އަށް ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުވާނީ އެހެން މެޗުތަކުގެ ނަތީޖާއަށް ވާގޮތަކުންނެވެ.
ސީސީ އަތުން ހޯދި މޮޅާ އެކު ކޭބަލް ބްރަދާސް ވަނީ ހަތަރު ޕޮއިންޓް ކަށަވަރުކޮށް ގްރޫޕުގެ އެއް ވަނަ އަށް އަރައިފަ އެވެ. ހަތަރު ޕޮއިންޓާ އެކު ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް އެޓީމު ވަނީ ޖެހިލާފަ އެވެ.
ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ގްރޫޕް ބީގައި ހިމެނޭ ނަލަ ބްރަދާސް ވަނީ އެޓީމުގެ ފުރަތަމަ މެޗުގައި 4-1 އިން ސަޑަންލީ ބަލިކޮށްފަ އެވެ.
މެޗުގައި ނަލަ ބްރަދާސްގެ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އަފްނާން އާއި އަލީ ނާއިލް ނިމާލް އެވެ. މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. މެޗުގައި ސަޑަންލީގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު އައިކް އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ނަލަ ބްރަދާސް އަށް ކުޅޭ މަޝްހޫރު ފުޓްސަލް ތަރި އަލީ ހައިޝަމް (ޗުންޕު) އެވެ.
ގްރޫޕް ސީގައި ހިމެނޭ ވެލާ ސްޕޯޓްސް އާއި އެއިޓީފޯ އެފްސީން ރޭ ވަނީ ފުރަތަމަ މެޗުތަކުން މޮޅުވެފަ އެވެ.
ވެލާ ސްޕޯޓްސް އިން ސީސީ ދަ ރެޑްސް ބަލިކުރީ 1-2 އިންނެވެ. މި މެޗުގައި ވެލާގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އައިޝާން އަހުމަދު ބަޝީރު އާއި މުހައްމަދު އަޒްދާން ޝާކިރު އެވެ. ސީސީ ދަ ރެޑްސްގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ހޫދު އަބްދުﷲ މަލިކު އެވެ.

މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ވެލާ ސްޕޯޓްސްގެ ދެ ގޯލު ވެސް ޖަހަން މަގުފަހިކޮށްދިން އިބްރާހީމް ސިނާހް (ސިނާ) އެވެ.
އެއިޓީފޯ އެފްސީން ހޯދި ބޮޑު މޮޅުގައި ގިނަ ގޯލުތައް ފެނުނީ މެޗުގެ ފަހުކޮޅެވެ. މެޗުގައި އެޓީމުގެ 7 ގޯލުގެ ތެރެއިން ހުސައިން ޝިހުބާން އަދި މުހައްމަދު އަޖުފާން، މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ ދެ ގޯލު ޖަހައިފަ އެވެ. ބާކީ ހަތަރު ގޯލު ކާމިޔާބުކޮށްދިނީ މުހައްމަދު ހައްސާން އަހުމަދާއި، އަބްދުﷲ ޖާހު ޖާދުﷲ އަދި މުހައްމަދު ޖަޒްލާން ޖާދުﷲ އެވެ.
މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝިހުބާން އެވެ.

މުބާރާތުގައި މިއަދު ހަ މެޗު ކުޅޭނެ އެވެ. މި މެޗުތަކަށް ފަހު މުބާރާތުގެ ކުއާޓާ ފައިނަލުގެ ބައެއް ޖާގަތަށް ކަށަވަރުވާނެ އެވެ.
އޭދަފުށީގައި ފިތުރު އީދާ ގުޅުވައިގެން ކައުންސިލުން ކުރިއަށްގެންދާ މުބާރާތުގައި 12 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ ކައުންސިލުން މި މުބާރާތް ބާއްވާ ހަތަރު ވަނަ އަހަރެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުން މުބާރާތުގެ މެޗުތަކުގެ ޚަބަރުތަކުގެ އިތުރުން މެޗުތަކުގެ ލައިވް ކަވަރޭޖް ވެސް ގެނެސްދޭނެ އެވެ.