މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ އެލް4 ކަޕް ފުޓްސަލް މުބާރާތުގައި ހަ ޓީމަކުން ބައިވެރިވެއްޖެ އެވެ.
މާދަމާއިން ފެށިގެން މި މަހުގެ 25 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ މި މުބާރާތަކީ މަގޫދޫ ޒުވާނުންގެ ކްލަބުން އިންތިޒާމްކޮށްގެން ބާއްވާ 39 ވަނަ ކުޅިވަރު މުބާރާތެވެ.
އެލް4 ކަޕްގެ ނަމުގައި 2011 ވަނަ އަހަރުން ފެށިގެން މުޅި ފ. އަތޮޅަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިފަހަރު ބައިވެރިވެފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން ފެލޭލާއާއި ރަނަރަޕް މަގާމު ލިބުނު ފައުޒް ސްޕޯޓްސް ކްލަބްގެ އިތުރުން މިދިޔަ އަހަރު އޮތް މުބާރާތުގެ ސެމީގައި ވާދަކުރި ފައުޒް ނިއު ޖެނެރޭޝަން، ސީއެސް ސްޕޯޓްސް އަދި ދަރަނބޫދޫ އަށް ނިސްބަތްވާ އެކްސް އެވެ.
އުފެދުނު ފަހުން މިއަހަރަށް 45 އަހަރު ފުރޭ މަގޫދޫ ޒުވާނުންގެ ކްލަބުގެ ފަރާތުން މިއަހަރު ބާއްވާ އެލްފޯ ކަޕްގެ މެޗުތައް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ ލީގު އުސޫލުންނެވެ. ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށް ފަހު އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ވާދަކުރާނީ މުބާރާތުގެ ފައިނަލުގަ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ބައެއް ކުޅުންތެރިން ފެންނާނެ ކަމަށް ވަނީ އެނގިފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގު ކަމުގެ މަގާމު އެންމެ ފަހުން ހޯދި އަހްމަދު އަފްލާޒްގެ އިތުރުން މުޅިރާއްޖެއަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ލ. ގަމު ޓީމަށް ކުޅުނު އަބްދުﷲ ޖުނައިދު (ޖެންނޭ) އާއި އަލީ ޝިޔާހް އަދި ސާމިން މުހައްމަދު ނަސީރު (ސާންކޮ) ހިމެނެ އެވެ. އަދި، ކްލަބް މޯލްޑިވްސް ކަޕްގައި ސްޓެލްކޯ ޓީމަށް ކުޅުނު ކިރްގިސްތާނުގެ އުލާން ވެސް މިފަހަރު އެލްފޯ ކަޕުން ފެންނާނެ ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ.
މިއަހަރުގެ މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ވެސް "ފަހުމިނެޓް" އެވެ. މި ނޫހުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތުތައް ބެލުންތެރިންނާ ހަމައަށް ގެނެސްދޭނެއެވެ.