އޭދަފުށި ފުޓްސަލް ކަޕް ރޭ ފެށިއިރު ފުރަތަމަ މެޗުން ވެސް މުބާރާތުގެ ވާދަވެރިކަން ހުންނާނެ މިންވަރު ދައްކާލައިފި އެވެ. އޭދަފުށި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ތިން މެޗު ކުޅެފައިވާ އިރު ފުރަތަމަ މެޗުގައި ވާދަކުރީ އެންމެ ފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބާއި މިދިޔަ އަހަރުގެ މުބާރާތުގެ ކުއާޓާ ފައިނަލްގައި ވާދަކުރި މުރިނގު ސްޕޯޓްސް ކްލަބެވެ.
ގިނަ ބަޔަކު ހީކުރި ގޮތާ ހިލާފަށް ގްރޫޕް އޭގެ ފުރަތަމަ މެޗު 2-3 އިން ކާމިޔާބުކުރީ މުރިނގެވެ. ސީސީގެ މައްޗަށް ރޭ އެ ޓީމުން ކުރި ހޯދީ މެޗުގެ ފުރަތަމަ ދެ ގޯލް ސީސއިން ޖަހައި ލީޑު ހޯދާފައި އޮއްވަ އެވެ. ރޭގެ މެޗުގައި ފެނުނު ފަސް ގޯލްގެ ތެރެއިން ހަތަރު ގޯލް ފެނުނީ ފަހު ހާފުގަ އެވެ.
ސީސީއިން ޖެހި ދެ ގޯލްގެ ތެރެއިން ފުރަތަމަ ގޯލް މެޗުގެ ދިހަ ވަނަ މިނެޓްގައި އަބްދުﷲ ފާސިރު ދިން ބޯޅައަކުން ކާމިޔާބުކުރީ ރަޒާން ޖައުފަރެވެ. ދެވަނަ ގޯލް ފަހު ހާފް ފަށައިގެން ފަސްވަނަ މިނެޓްގެ ތެރޭގައި މުރިނގުގެ ގޯލަށް ވައްދާލައިފައިވަނީ އިސްމާއިލް އުމަރެވެ. މިއީ ވެސް އަބްދުﷲ ފާސިރު ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ލަނޑެކެވެ.

މުރިނގުން މެޗުގައި ޖެހި ތިން ގޯލްވެސް ކާމިޔާބުކޮށްފައިވަނީ ފަހު ދިހަ މިނެޓްގެ ތެރޭގަ އެވެ. ފުރަތަމަ ލަނޑު ފަހު ހާފުގެ 11 ވަނަ މިނެޓްގެ ތެރޭގައި ޝާހީ މޫސާ (ހިތޭ) ދިން ބޯޅައަކުން ކާމިޔާބުކުރީ އިސްމާއިލް ޝަރީފެވެ. އޭގެ ދެ މިނެޓް ފަހުން މެޗުގެ ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މުރިނގަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ހިތޭ އެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް މުރިނގުން އެ ޓީމު ކޮޅަށް އަނބުރާލީ ޓީމު ނިސްބަތްވާ އާއިލާގެ ދެބެއިންގެ މަސައްކަތުންނެވެ. މެޗުގެ ފަހު މިނެޓްގައި ސީސީ ކޮޅަށް މުރިނގުން ވައްދާލި ލަނޑަކީ މިއަހަރު މާލޭގައި އޮތް ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވި އޭދަފުށި ޓީމުގައި މޮޅު ކުޅުމެއް ދެއްކި ހުސައިން ޝަރީފް (މުޑާ) ދިން ބޯޅައަކުން ބޭބެ އިންރާހިމް ޝަރީފް (ލުއްޑާ) ކާމިޔާބުކުރި ލަނޑެކެވެ.
މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުވެސް ނިމުނީ އެހާ ވާދަވެރިކޮށެވެ. ގްރޫޕް އޭގައި ހިމެނޭ އަނެއް ދެ ޓީމު ކަމަށްވާ ދަ ބްރަދަހުޑް އެފްސީ އާއި ކޭބަލް ބްރަދާސް ވާދަކުރި މެޗު ނިމިފައިވަނީ 2-2 އިން އެއްވަރުވެގެންނެވެ. ފުރަތަމަ މެޗާ ހިލާފަށް މި މެޗުގައި ޖެހި ހުރިހާ ގޯލެއްވެސް ފެނިފައިވަނީ މެޗުގެ ފުރަތަމަ ހާފުގަ އެވެ.
މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ ކޭބަލް ބްރަދާސް އިންނެވެ. ހުސައިން ސުހައިލް (ސޮކޭ) ތަނަވަސްކޮށްދިން ފުރުސަތެއްގެ ބޭނުން ހިފައިގެން މެޗުގެ އަށް ވަނަ މިނެޓްގައި މުރިނގަށް ލީޑް ނަގައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އިސްމާއިލް ފައުޒީ (އޮއްވި) އެވެ. އޭގެ ހަމިނެޓް ފަހުން ބްރަދަހުޑުން ލަނޑެއް ޖަހައި ނަތީޖާ ހަމަހަމަކުރި އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މަޒީން ދިން ބޯޅައަކުން އަހްމަދު އަފްލާހް އަލީ އެވެ.
މެޗުގެ 17 ވަނަ މިނެޓްގައި އަނެއްކާވެސް ލީޑު ނެގީ ކޭބަލް ބްރަދާސްއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމްރާހް އަބްދުލްއަޒީޒް ދިން ބޯޅައަކުން ސުހައިލް އެވެ. ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި އޮއްވައި ބްރަދަހުޑުން އަލުން މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ ފުރަތަމަ ލަނޑު ޖަހަން އެހީތެރިވެދިން މަޒީން ދިން ބޯޅައަކުން އިސްމާއިލް ނަސީރެވެ.

ރޭ ކުޅުނު ފަހު މެޗަކީ ވެސް ފޯރިގަދަ ކުޅުމެއް ފެނުނު މެޗެކެވެ. މިހާތަނަށް ބޭއްވި އޭދަފުށި ފުޓްސަލް ކަޕްގެ ތިން މުބާރާތުގެ ތެރެއިން ދެ މުބާރާތް ކާމިޔާބުކޮށްފައިވާ އަފްރޯ ސްޕޯޓްސް ކްލަބާއި، މިދިޔަ އަހަރުގެ ސެމީ ފައިނަލްގައި ވާދަކުރި އޯލް ވުލްވްސް ވާދަކުރި މެޗު 1-3 އިން ކާމިޔާބުކުރީ އަފްރޯ އެވެ.
އޯލް ވުލްވްސްގެ މައްޗަށް އަފްރޯއިން ރޭ ކުޅުނު ގްރޫޕް ބީގެ މެޗުގައި ކުރި ހޯދި ނަމަވެސް މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީ އޯލް ވުލްވްސްއިންނެވެ. މެޗު ފަށައިގެން ހަތް ވަނަ މިނެޓްގެ ތެރޭގައި އޯލް ވުލްވްސްއަށް ލަނޑު ޖަހައިދިނީ އަހްމަދު ފާތިން އެވެ.
ރާއްޖޭގެ ފުޓްސަލްގައި ނަން ހިނގާ ގިނަ ކުޅުންތެރިންތަކެއް ހިމަނައިގެން މުބާރާތަށް ނުކުތް އަފްރޯއިން ރޭގެ މެޗުގައި ޖެހި ތިން ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފަހު ހާފުގަ އެވެ. ފުރަތަމަ ލަނޑު ފަހު ހާފު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި މުހައްމަދު ފާސިރު (ފާއްޓޭ) އެވެ. މި ލަނޑުޖަހަން ފާއްޓޭއަށް ފުރުސަތު ފަހިކޮށްދިނީ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ޓީމުގައި ހިމެނުނު އަހްމަދު ރާހިލް ރަޝީދެވެ.
އޭގެ ތިން މިނެޓް ފަހުން އިޝާން އިބްރާހިމް (ސައްޓު) ދިން ބޯޅައަކުން ރާހިލް ވަނީ އަފްރޯއަށް ލީޑް ނަގައިދީފަ އެވެ. މެޗުގައި އަފްރޯއިން ޖެހި ތިންވަނަ ލަނޑު ސައްޓުގެ އެހީތެރިކަމާއެކު އޯލް ވުލްވްސްގެ ގޯލަށް ވައްދާލީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ފާއްޓޭ އެވެ.
އޭދަފުށި ފުޓްސަލް ކަޕްގައި މިރޭ ހަތަރު މެޗް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. މުބާރާތުގެ މެޗުތަކުގެ ލައިވް ސްކޯއާއި އެންމެ ފަހުގެ މައުލޫމާތު "ފަހުމިނެޓް" އިން ގެނެސްދޭނެ އެވެ.