ފުރަތަމަ ސަފްޙާ / ޚަބަރު / ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ނިންމައިފި
ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ނިންމައިފި

ސެނެގާލް އަތުން ތަށި އަތުލައި މޮރޮކޯއަށް ދޭން ނިންމައިފި

ފަހުމިނެޓް
ފަހުމިނެޓް
8 ގަޑިއިރު ކުރިން 18 މާރޗް 2026

އެންމެ ފަހުން ބޭއްވި އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ތަށި ސެނެގާލް އަތުން އަތުލައި މުބާރާތުގެ ޗެމްޕިއަނުންނަކީ މޮރޮކޯ ކަމަށް އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާ (ކާފް) އިން ނިންމައިފި އެވެ.

އެފްރިކާ ކަޕްގެ ޗެމްޕިއަންކަން ސެނެގާލުން ހޯދާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު މޮރޮކޯގައި ކުޅުނު ފައިނަލް މެޗު 0-1 އިން ކާމިޔާބުކޮށްގެންނެވެ. އެ މެޗުގެ ނަތީޖާ 0-0 އިން އެއްވަރުވެގެން ނިމެން ދަނިކޮށް އިތުރު ވަގުތުގައި މެޗުގެ ރެފްރީ މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާ ގުޅިގެން ސެނެގާލްގެ ކުޅުންތެރިން ވަނީ އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ދަނޑުން ފައިބައިފަ އެވެ.

ސެނެގާލްގެ ކުޅުންތެރިން އަލުން އެނބުރި ދަނޑަށް ނުކުތީ 17 މިނެޓް ފަހުންނެވެ. އެ ހިސާބުން އަލުން މެޗު ފަށައި މޮރޮކޯއަށް ލިބުނު ޕެނަލްޓީ އެޓީމުގެ ބްރަހިމް ޑިއާޒް ފޮނުވާލުމުން ސެނެގާލްގެ ގޯލްކީޕަރު މަތަކުރި އެވެ.

މޮރޮކޯގެ މައްޗަށް ސެނެގާލުން ކުރި ހޯދީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގައި އެޓީމުގެ ޕާޕޭ ގޭ ކާމިޔާބުކުރި ގޯލުންނެވެ.

އެ ނަތީޖާއާ އެކު މެޗުން ސެނެގާލް މޮޅުވި ކަމަށް ބަލައި މުބާރާތުގެ ތަށި އެ ޓީމާ ހަވާލުކޮށްފައި އޮތް ނަމަވެސް އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުންގެ އެޕީލް ބޯޑުން ނިންމި ނިންމުމަކާއެކު އެކަން މިހާރު މިވަނީ ބަދަލުވެފަ އެވެ.

އެ ފެޑެރޭޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސެނެގާލުން މެޗު ދޫކޮށްލީ ކަމަށް ބަލައި މެޗުގެ ނަތީޖާ އަކީ 0-3 ކަމަށް މިހާރު ކަނޑައަޅާފައިވާ ކަމަށެވެ.

އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާގެ އެ ނިންމުމާ ވިދިގެން ސެނެގާލްގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބުނެފައިވަނީ އެއީ ވަރަށް ބޭއިންސާފު އަދި ބަލައި ނުގަނެވޭނެ ނިންމުމެއް ކަމަށާއި، އެ ނިންމުން ކޯޓް އޮފް އާބިޓްރޭޝަން ފޯރ ސްޕޯޓްސްގައި އިސްތިއުނާފުކުރާނެ ކަމަށެވެ.

އެފްރިކާގެ ފުޓްބޯޅަ ފެޑެރޭޝަނުން ސެނެގާލް އަތުން ތަށި އަތުލުމަށް ނިންމި ނިންމުން މި އައީ ފައިނަލް މެޗުގެ މައްސަލަ މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަނުން ހުށަހެޅުމުންނެވެ. އެ މައްސަލަ އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާއަށް ހުށަހެޅުމުން އެ އިދާރާއިން ވަނީ އެއީ ބަލައިގަނެވޭނެ މައްސަލައެއްގެ ގޮތުގައި ކުރިން ކަނޑައަޅައިފަ އެވެ.

އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ފައިނަލް މެޗުގައި ސެނެގާލް ކުޅުންތެރިންގެ ފަރާތުން ފެނުނު އަމަލަކީ މުބާރާތުގެ ގަވާއިދުގެ 82 ވަނަ މާއްދާއާ ހިލާފު އަމަލެއް ކަމަށާއި އޭގެ ނަތީޖާއެއްގެ ގޮތުން ގަވާއިދުގެ 84 ވަނަ މާއްދާގައި ވާގޮތަށް އަމަލުކުރީ ކަމަށެވެ.

މުބާރާތުގެ ގަވާއިދުގެ 82 ވަނަ މާއްދާގައި ބުނެފައިވަނީ އެއްވެސް ޓީމަކުން މެޗެއް ކުޅެން އިންކާރުކޮށްފިނަމަ ނުވަތަ މެޗު ނުނިމެނީސް ރެފްރީގެ ހުއްދައާ ނުލައި ދަނޑުން ފައިބައިފި ނަމަ އެޓީމެއް އެ މެޗަކުން ބަލިވީ ކަމަށް ނިންމައި މުބާރާތުން ވަކި ކުރެވޭނެ ކަމަށެވެ.

ކޮމެންޓްސް