ފުރަތަމަ ސަފްޙާ / ޚަބަރު / މޮރޮކޯގެ ބައި ގަރުނުވީ އިންތިޒާރާއި، މާނޭގެ އަލްވަދާއު

މޮރޮކޯގެ ބައި ގަރުނުވީ އިންތިޒާރާއި، މާނޭގެ އަލްވަދާއު

އެޑްމިން
އެޑްމިން
1 މަސް ކުރިން 18 ޖެނުއަރީ 2026

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ފައިނަލްގައި މިރޭ އަމިއްލަ ގައުމުގައި މޮރޮކޯއިން ސެނެގާލްއާ ދެކޮޅަށް ނުކުންނައިރު 50 އަހަރުވީ ދިގު އިންތިޒާރަކަށް ނިމުން ގެންނަން އެ ޓީމުގެ ކުޅުންތެރިން ތިބޭނީ ކެތްމަދުވެފައިކަން ޔަގީނެވެ. އަނެއްކޮޅުން މިރޭގެ މެޗު އެންމެ ހާއްސަވާ އަނެއް ސަބަބަކީ މިއީ އެފްރިކާއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ދިވެހިންގެ ލޯބި ހޯދާފައިވާ ސެނެގާލްގެ ސަޑިއޯ މާނޭ އެފްރިކާ ކަޕްގައި ކުޅޭނެ އެންމެ ފަހު މެޗަށް ވުމެވެ.

މީގެ ހަތަރު އަހަރުކުރިން މުބާރާތުގެ ތަށި އުފުލާލި ސެނެގާލުގެ މައްޗަށް މިރޭ މޮރޮކޯގެ މައްޗަށް ކުރި ހޯދިއްޖެ ނަމަ އެއީ މިފަހުން ފުޓްބޯޅައިގެ އެކި ވަސީލަތްތައް ގާއިމުކުރަން އެގައުމުން ކޮށްފައިވާ ބޮޑު އިންވެސްޓްމަންޓްގެ ފޮނި ނަތީޖާކަމަށް ވެސް ވާނެ އެވެ. މިވަގުތު އެފްރިކާގެ ފުޓްބޯޅައިގެ އެންމެ ވަރުގަދަ ދެ ބާރުގެ ގޮތުގައި އޮތް ދެ ގައުމުން މިރޭ ރާއްޖޭގެ ގަޑިން 12 ޖަހާއިރު މޮރޮކޯގެ ރަބާތުގައި ކުޅެން ހަމަޖެހިފައިވާ މެޗަށް ނުކުންނައިރު މޮރޮކޯ އަކީ މިވަގުތު ދުނިޔޭގެ ފުޓްބޯޅައިގެ ރޭންކިންގެ 11 ވަނައިގައި އޮތް ގައުމެވެ. ސެނެގާލް އޮތީ މޮރޮކޯއަށްވުރެ އަށް ދަރަޖަ ފަހަތުން 19 ވަނައިގަ އެވެ.

“މި ތަށްޓަށް އިންތިޒާރުކުރަމުން އަންނަތާ މިހާރު 50 އަހަރުވީ” މެޗްގެ ކުރިން ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މޮރޮކޯގެ ޑިފެންޑަރު ރުމައިން ސައިސް ބުނެފައިވެ އެވެ.

“މޮރޮކޯގެ ކޮންމެ ރައްޔިތަކަށްވެސް އެއީ ވަރަށް ދިގު އިންތިޒާރެއް. މި ތަށި ކާމިޔާބުކުރުމަކީ މޮރޮކޯގެ ކޮންމެ ރައްޔިތެއްގެވެސް ހުވަފެނެއް.” އޭނާ ބުނެފައިވެއެވެ.

މޮރޮކޯ އޮތީ އެންމެ ރަގަޅު ފޯމުގައި

އެންމެ ފަހުން އޮތް އެފްރިކާ ކަޕް މޮރޮކޯ އަށް ނިންމާލަންޖެހުނީ ދެވަނަ ބުރާ ހަމައިންނެވެ. އެކަމަކު އެ މުބާރާތުގެ ގަދަ 16 ގައި މުބާރާތުގެ ޗެމްޕިއަންކަން ހޯދި އައިވަރީ ކޯސްޓާ ވާދަކޮށް ބަލިވި ފަހުން މިހާތަނަށް މޮރޮކޯއިން ވާދަވެރި 26 މެޗު ކުޅެފައިވާއިރު އެއިން އެއްވެސް މެޗަކުން ބަލިވެފައެއް ނެތެވެ. މީގެ އިތުރުން 2009 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ފަހުން އަމިއްލަ ގައުމުގައި އެޓީމުން ކުޅުނު ރަސްމީ އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. މިއީ މިރޭގެ ފައިނަލަށް މޮރޮކޯއިން ނުކުންނައިރު އެޓީމަށް ލިބޭނެ އެންމެ ބޮޑު އިތުބާރެވެ.

މިރޭގެ ފައިނަލަށް މޮރޮކޯ ނުކުންނައިރު އެޓީމަށް އޮތް އެންމެ ބޮޑު އެއް ހިތްހަމަޖެހުމަކީ މި މުބާރާތުގައި އެޓީމުގެ ޑިފެންސް އާދަޔާހިލާފަށް ވަރުގަދަވުމެވެ. މިފަހަރުގެ މުބާރާތުގައި މޮރޮކޯއިން މިހާތަނަށް ކުޅުނު ހަ މެޗްގެ ތެރެއިން އެޓީމް ކޮޅަށް ގޯލެއް ވަދެފައިވަނީ އެންމެ މެޗެއްގަ އެވެ. އެއީވެސް އިދިކޮޅުން ވާދަކުރި ޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. މޮރޮކޯގެ ވަރުގަދަ ޑިފެންސް މިރޭ ކުރިމަތިލކާންޖެހޭނީ މި މުބާރާތުގައި މިހާތަނަށް 12 ގޯލް ކާމިޔާބުކޮށްފައިވާ ސެނެގާލްގެ ފޯވާޑް ލައިނާ އެވެ.

އެފްރިކާ ކަޕް 1976 ވަނަ އަހަރު ކާމިޔާބުކުރި މޮރޮކޯ ޓީމް. އޭގެފަހުން ސަރަހައްދީ ޗެމްޕިއަންކަން ނުލިބި މޮރޮކޯ ވަނީ 50 އަހަރު ހޭދަކޮށްފަ. މިފަހަރު ލިބިފަ ވަނީ ރަނުގެ ފުރުސަތެއް

މޮރޮކޯގެ ފޯވާޑް ލައިނަށް ބަލާއިރު އެންމެ ފާހަގަކޮށްލެވޭ އެކަކަށް ހުރީ މި މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްފައިވާ ބްރަހިމް ޑިއާޒް އެވެ. ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ މި ކުޅުންތެރިޔާ ވަނީ މި މުބާރާތުގައި މޮރޮކޯ ކުޅުނު ހަ މެޗްގެ ތެރެއިން ފަސް މެޗްގައި ގޯލް ޖަހައިފަ އެވެ. މޮރޮކޯގެ ޓީމުގައި ހިމެނޭ ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިންގެ ތެރޭގައި އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެންމެ ފަހުން ހޯދި އެޓީމުގެ ކެޕްޓަން އަޝްރަފް ހަކީމީ އާއި، ދެވަނަ ފަހަރަށް އެފްރިކާގެ އެންމެ މޮޅު ގޯލްކީޕަރުގެ މަގާމު މިދިޔަ ނޮވެމްބަރު މަހު ހޯދި ޔަސިން ބޯނޯ ހިމެނެ އެވެ. އުމުރުން 34 އަހަރުގެ ބޯނޯ ވަނީ މި މުބާރާތުގެ ސެމީ ފައިނަލްގައި ނައިޖީރިއާއާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މޮރޮކޯއިން ކުރި ހޯދި މެޗުގައި ދެ ޕެނަލްޓީ މަތަކޮށްފައެވެ.

މާނޭއާ އެކު ސެނެގާލްގައި ތިބީ ހުސް ތަރިން

މިރޭގެ ފައިނަލްގައި މޮރޮކޯއާ ވާދަކުރާ ސެނެގާލް މުބާރާތުގެ ފައިނަލުން ޖާގަ ހޯދީ މުބާރާތުގެ ތަށި ހަތް ފަހަރު ކާމިޔާބުކޮށްފައިވާ މިސްރު ސެމީ ފައިނަލްގައި ބަލިކޮށްގެންނެވެ. އެ މެޗުގައި ސެނެގާލުން މިސްރުގެ މައްޗަށް ކުރި ހޯދި ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވާޑް ސަޑިއޯ މާނޭ އެވެ.

ސެނަގާލުން 2021 ވަނަ އަހަރުގެ އެފްރިކާ ކަޕްގެ ފައިނަލްގައި މިސްރާ ވާދަކޮށް ޕެނަލްޓީ ޖަހައިގެން މުބާރާތް ކާމިޔާބުކުރިއިރު ވެސް މެޗުން މޮޅުކޮށްދިން ޕެނަލްޓީ ކާމިޔާބުކޮށްދިނީ އުމުރުން 33 އަހަރުގެ މާނޭ އެވެ. ކަން މިހެން އޮތުމާއެކު މާނޭ ފާހަގަވެފައިވަނީ ޓީމަށް އެންމެ މުހިންމުވާ ދަނޑިވަޅުތަކުގައި ނަތީޖާ ނެރޭ ކުޅުންތެރިޔާގެ ގޮތުގަ އެވެ.

މާނޭ 2022 ވަނަ އަހަރު ސެނެގާލް އިން ހޯދި އެފްރިކާ ކަޕްގެ ތަށި އުފުލާލަނީ. މިރޭގެ ފައިނަލަކީ އެފްރިކާ ކަޕްގައި މާނޭ ކުޅޭނެ ފަހު މެޗު

ކުރިން އިނގިރޭސި ވިލާތުގެ ލިވަޕޫލްގައި ކާމިޔާބު އަހަރުތަކެއް ހޭދަކޮށްފައިވާ މާނޭ ވަނީ މިފަހަރުގެ އެފްރިކާ ކަޕަކީ އޭނާގެ އެންމެ ފަހު މުބާރާތް ކަމަށް އިއުލާންކޮށްފަ އެވެ. މިސަބަބާއެކު މިފަހަރުގެ މުބާރާތް ސެނެގާލަށް ކާމިޔާބުވާން އެންމެ ބޮޑަށް އެދިގެން ހުންނާނެ އެކަކީ މާނޭ ކަމަށް ޔަގީނުންވެސް ވާނެ އެވެ.

“ފައިނަލަކަށް އަބަދުވެސް ނުކުންނަން ޖެހޭނީ މޮޅުވާން. އެފްރިކާ ކަޕްގައި އަހަރެން ކުޅޭ އެންމެ ފަހު ފަހަރު، ފައިނަލްގައި ކުޅެން ލިބުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް. އަދި މިރޭގެ މެޗުން ޓީމު މޮޅުކޮށްދިނުން ވާނީ ލިބޭ އަދި މާ ބޮޑު އުފަލަކަށް.” މާނޭ ބުނެފައިވެ އެވެ.

މާނޭގެ އިތުރުންވެސް ސެނެގާލްގެ ފޯވާޑްލައިންގައި ހުނަރުވެރި މޮޅު ކުޅުންތެރިން އެބަތިއްބެވެ. އޭގެ ތެރޭގައި އެވަޓަންގެ އިލްމާން އެންޑިޔާއި އާއި ބަޔާން މިޔުނިކަށް ކުޅެމުން އަންނަ ނިކޮލަސް ޖެކްސަން، ފްރެންޗް ލީގުގައި ކުޅެމުން އަންނަ ހަބީބް ޑިއާލޯ، ކްރިސްޓަލް ޕެލަސްގެ އިސްމާއިލާ ސާ އަދި ޕީއެސްޖީއަށް ކުޅެމުން އަންނަ 17 އަހަރުގެ ޒުވާން ފޯވާޑް އިބްރާހިމް އެމްބާޔޭ ހިމެނެ އެވެ. މިރޭގެ މެޗަށް ސެނެގާލް ނުކުންނައިރު އެޓީމަށް އޮތް ހަމައެކަނި ކަންބޮޑުވުމަކީ ޓީމްގެ ކެޕްޓަން ކަލިދޯ ކޫލިބަލީ މިޑްފީލްޑަރު ހަބީބް ޑިއާރާ އަށް ސަސްޕެންޝަންގެ ސަބަބުން ނުކުޅެވުމެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!