ފުރަތަމަ ސަފްޙާ / ޚަބަރު / ކުޅިވަރުގެ އެންމެ މަތީ އަހްލާގާ އެކު މާނޭ އަނެއްކާވެސް ހީރޯއަކަށް

ކުޅިވަރުގެ އެންމެ މަތީ އަހްލާގާ އެކު މާނޭ އަނެއްކާވެސް ހީރޯއަކަށް

އެޑްމިން
އެޑްމިން
1 މަސް ކުރިން 19 ޖެނުއަރީ 2026

އެފްރިކާ ކަޕްގެ ތަށި ދެވަނަ ފަހަރަށް ސެނެގާލުން ރޭ އުފުލާލިއިރު މިފަހަރު ވެސް އެޓީމުގެ ބަތޮލަކަށްވީ އުމުރުން 33 އަހަރުގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މީގެ ހަތަރު އަހަރު ކުރިން މި މުބާރާތުގެ ޗެމްޕިއަންކަން ސެނެގާލަށް ހޯދައިދިން ޕެނަލްޓީ ކާމިޔާބުކޮށްދީގެން މާނޭ ވަނީ އެގައުމުގެ އެތައް މިލިއަން ބައެއްގެ ލޯބި ހޯދައިފަ އެވެ.

ރޭގެ މެޗުގައި އެފަދަ ޖާދޫއެއް މާނޭގެ ފަރާތަކުން ނުފެނެ އެވެ. މޮރޮކޯއާ ދެކޮޅަށް ރޭ ކުޅުނު ފައިނަލް މެޗުގައި ސެނެގާލުން ޖެހި ހަމައެކަނި ލަނޑަކީ ވެސް އެޓީމުގެ ޕާޕޭ ގުއޭގެ އަމިއްލަ މަސައްކަތުން ކާމިޔާބުކުރި ގޯލެކެވެ. އެހެންވީއިރު ދެން އުފެދޭނެ ސުވާލަކީ މިފަހަރު ވެސް މާނޭ ހީރޯއަކަށް ވީ ކިހިނެއް ހެއްޔެވެ؟

ޔޫރަޕްގެ އެންމެ ކާމިޔާބު ކްލަބްތަކުގެ ތެރޭގައި ހިމެނޭ ލިވަޕޫލާއި، ބަޔާން މިއުނިކަށް ކުރިން ކުޅެފައިވާ މާނޭގެ ފަރާތުން ރޭ ފެނުނީ ކުޅިވަރުގެ އެންމެ މަތިވެރި އަހްލާގެވެ. މެޗުގެ 90 މިނެޓް ހަމަވެގެން ދިން އިތުރު ވަގުތުގެ ތެރޭގައި މެޗްގެ ރެފްރީ މޮރޮކޯއަށް ޕެނަލްޓީއެއް ދިން ހިސާބުން ސެނެގާލްގެ ކޯޗް ޕާޕޭ ތިއާއޯ ކުޅުންތެރިންނަށް އެންގީ ދަނޑުން ފޭބުމަށެވެ. އެކަމަކު އެއީ އެންމެ ރަގަޅު ގޮތް ނޫން ކަމަށް މާނޭއަށް ގަބޫލުކުރެވޭތީ އޭނާ ފުރަތަމަ ދަނޑަކުން ނުފައިބަ އެވެ. އެކަމަކު ކުޅުންތެރިން ޗޭންޖިން ގޮސް ރޫމަށް ވަނުމާއެކު މާނޭ މަސައްކަތްކުރީ ކުޅުންތެރިން ގާތަށް ގޮސް ވާހަކަދައްކައިގެން އަލުން އަނބުރާ ދަނޑަށް ގެންނާށެވެ. 17 މިނެޓް ފަހުން ނަމަވެސް އޭނާ އެކަން ކާމިޔާބުކުރި އެވެ. އެ މަސައްކަތުގައި އޭނާއަށް އެންމެ ބޮޑު އެހީތެރިކަމެއްވީ ސެނެގާލްގެ ގޯލްކީޕަރު މެންޑީ އެވެ.

ސެނެގާލްގެ ކުޅުންތެރިން އަލުން ދަނޑަށް ނުކުތުމާއެކު މެޗު ފެށީ މޮރޮކޯއަށް ލިބުނު ޕެނަލްޓީއާ ހަމައިންނެވެ. އެކަމަކު މޮރޮކޯގެ އެންމެ އިތުބާރުހުރި ފޯވާޑް ބްރާހިމް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ގޯލްކީޕަރު މެންޑީ ފަސޭހަކަމާ އެކު މަތަކުރި އެވެ. ސެނެގާލް މެޗުން މޮޅުވި ލަނޑު ކާމިޔާބުކޮށްފައި ވަނީ ފުރިހަމަ ވަގުތު ހަމަވެގެން އިތުރަށް ދިން 15 މިނެޓުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ހަތަރު ވަނަ މިނެޓްގަ އެވެ.

ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފޭބުމުން ކުޅުންތެރިން ކުޅުމުގެ ތެރެއަށް ގެނައުމަށް މާނޭ މަސައްކަތްކުރަނީ. މާނޭ ދެއްކި އަހްލާގަށް އަންނަނީ ތައުރީފް އޮހެމުން.

ރޭގެ މެޗުގައި މާނޭ އަދާކުރި ދައުރު މުޅި ޓީމުން ބަލައިގަނެ ޗެމްޕިއަން ޓީމަށް ޓްރޮފީ ހަވާލުކުރުމުގެ ކުރިން ކެޕްޓަން ބޭންޑް ވަނީ މާނޭގެ އަތުގައި އަޅުވައިފަ އެވެ.

މެޗަށް ފަހު މީޑިއާއާ ވާހަކަދައްކަމުން ރޭ މެޗްގައި ސެނެގާލްގެ ޓީމުގެ ފަރާތުން ފެނުނު ކަންކަމާ މެދު މާނޭ ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.

“ފުޓްބޯޅައަކީ ވަރަށް ހާއްސަ ކުޅިވަރެއް. މުޅި ދުނިޔެ މި ކުޅިވަރު ބަލާ. އެތައް ބަޔަކު މި ކުޅިވަރު ދެކެ ލޯބިވޭ. އެތައް ބަޔަކަށް މިއިން ހިތްހަމަޖެހުން ލިބޭ. އެހެންވީމަ ފުޓްބޯޅައާ މެދު މީހުން ރަގަޅަށް ދެކޭނެ ގޮތަކަށް ހުރިހާ ކުޅުންތެރިން ވެސް އަމަލުކުރަން ޖެހޭނީ.” ސެނެގާލްގެ ކުޅުންތެރިން ދަނޑުން ފައިބައިގެން ދިޔަދިއުމަށް އިޝާރާތްކުރަމުން މާނޭ ބުނެފައިވެ އެވެ.

އަހަރެންނަށް ހީވަނީ އިދިކޮޅު ޓީމަށް ރެފްރީ ޕެނަލްޓީއެއް ދޭ ހިސާބުން ކުޅުން ހުއްޓާލާފަ ދަނޑުން ފައިބައިގެން ދިއުން އެއީ މޮޔަ ކަމެއްހެން. އަހަރެންނަށް ހީވަނީ އެއީ ބަޔަކު ކުރާނެ އެންމެ ގޯސް ކަންތައް ހެން. ހާއްސަކޮށް އެފްރިކާގެ ފުޓްބޯޅައިގަ. މިއަށްވުރެ އަހަރެންގެ ހިތަށް މާ ފަސޭހަވާނެ މެޗުން ބަލިވުން ވެސް.” މުބާރާތުގެ ފައިނަލަށް ސެނެގާލް ގެންގޮސްދިނުމުގައި ބޮޑު ހިއްސާއެއްވި މާނޭ ބުނެފައިވެ އެވެ.

“އަހަރެން ދެކޭ ގޮތުގައި މިއީ ވަރަށް ގޯސް ކަމެއް. މެޗް ކުޅުން ހުއްޓާލައިގެން ނުވާނެ ދިހަ މިނެޓަށް ވެސް، އެކަމަކު ކީއް ކުރާނީ؟ މިކަން މިއޮތީ އަހަރެމެންނަށް ކުރެވިފަ. އެކަން ޖެހޭނީ ގަބޫލުކުރަން. ދެން ރަގަޅު ކަމަކީ އަހަރެމެން އަލުން އެނބުރި އައިސް މެޗު ފުރިހަމަކުރިކަން. ވީކަމެއް ވެ އެ ނިމުނީ.” މާނޭ އިތުރަށް ބުނެފައިވެ އެވެ.

ރޭގެ މެޗުގައި ޓީމުގެ ކުޅުންތެރިން އަލުން ދަނޑަށް އަރުވަން މާނޭ ކުރި މަސައްކަތަށް ވަރަށް ގިނަ ބަޔަކު އަންނަނީ ތައުރީފް ކުރަމުންނެވެ. ނައިޖީރިއާގެ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް ޑެނިއަލް އަމޮކާޗީ ބުނެފައިވަނީ ކުޅުންތެރިން އަލުން އަނބުރާ މެޗަށް ނެރުމަށްޓަކައި ކުޅުންތެރިއަކު ކުރަން ނުޖެހޭ ވަރަށް މާނޭ މަސައްކަތްކޮށްފައިވާ ކަމަށާއި، އޭގެ ފައިދާވެސް ޓީމަށް ކޮށްފި ކަމަށެވެ.

“އެއީ ފުޓްބޯޅައިގެ ވަރުގަދަ އެމްބެސެޑަރެއް، އަހަރެމެންނަށް އެނގޭ އޭނައަކީ ދަނޑު ބޭރުގައިވެސް ކޮންކަހަލަ ކުޅުންތެރިއެއްކަން. އޭނައަށް އެނގޭނެ ފުޓްބޯޅައަކީ ކޮން އެއްޗެއް ކަން.” އަމޮކާޗީ ބުނެފައިވެ އެވެ.

މޮރޮކޯގެ ގައުމީ ޓީމަށް ކުރިން ކުޅެފައިވާ ހަސަން ކަޝްލޫލް ބުނެފައިވަނީ އޭނާ ގަޔާވާ ކުޅުންތެރިއަކަށް ސެނެގާލްގައި ހުރީ މާނޭ އެކަނި ކަމަށާއި، މާނޭ އަކީ އެހެން ހުރިހާ ކުޅުންތެރިންނާ ތަފާތު ކުޅުންތެރިއެއް ކަމަށެވެ.

“ރޭ އެފެނުނީ އޭނަގެ އަސްލު ސިފަ، އޭނަގެ ކިބައިގައި ހުރި ރީތި އަހްލާގު. ކުޅުންތެރިން އަލުން އަނބުރާ ދަނޑަށް ގެނެވުނީ މާނޭގެ ސަބަބުން.” ހަސަން ބުނެފައިވެ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!