ފުރަތަމަ ސަފްޙާ / ޚަބަރު / ސަލާހްގެ ހުވަފެން ބިލާހަކަށް، މިފަހަރުވެސް ކުރި ހޯދީ މާނޭ

ސަލާހްގެ ހުވަފެން ބިލާހަކަށް، މިފަހަރުވެސް ކުރި ހޯދީ މާނޭ

އެޑްމިން
އެޑްމިން
1 މަސް ކުރިން 15 ޖެނުއަރީ 2026

އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުން ރޭ މިސްރު ބަލިވުމާއެކު މުބާރާތުގެ ތަށި އުފުލާލުމަށް އެ ޓީމުގެ ފޯވާޑް މުހައްމަދު ސަލާހް ދެކެމުން އައި ހުވަފެން އަނެއްކާވެސް ހަގީގަތަކަށް ނުވެ ހިނގައްޖެ އެވެ. މުބާރާތުގެ ފައިނަލުން މިސްރަށް ޖާގަ ނުލިބުނީ ރޭ މޮރޮކޯގެ ޓަންގާގައި ކުޅުނު ސެމީ ފައިނަލް މެޗްގައި ސެނެގާލްއާ ވާދަކޮށް 0-1 އިން ބަލިވުމުންނެވެ.

ރޭގެ މެޗްގައި ސެނެގާލުން ޖެހި ހަމައެކަނި ލަނޑު މެޗް ނިމެން 12 މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކުރީ ލިވަޕޫލްގައި ސަލާހާ އެކު ކުޅެފައިވާ ސަޑިއޯ މާނޭ އެވެ. ސަލާހްގެ ހުވަފެން ހަގީގަތަކަށް ވުމާ ގާތަށް އެންމެ ފަހުން ދިޔަ ފަހަރުވެސް އޭނާގެ މައްޗަށް ކުރި ހޯދީ މާނޭ އެވެ. 2021 ވަނަ އަހަރު އޮތް މުބާރާތުގެ ފައިނަލްގައި މިސްރުން ވާދަކޮށްފައިވާއިރު އެފަހަރު ވެސް ބަލިވީ ސެނެގާލް އަތުންނެވެ. އެފަހަރު ޕެނަލްޓީ ޖަހައިގެން މިސްރުގެ މައްޗަށް ސެނެގާލުން ކުރި ހޯދިއިރު ނަތީޖާ ނެރުނު ޕެނަލްޓީ ކާމިޔާބުކޮށްފައިވަނީ މާނޭ އެވެ.

އޭގެ މަސްތަކެއް ފަހުން ވޯލްޑް ކަޕްގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި މިސްރާއި ސެނެގާލް ދެ ލެގްގެ ކުރިމަތިލުމަކަށް ނުކުތެވެ. އެފަހަރުވެސް ނަތީޖާ ނެރެން ޕެނަލްޓީ ޖަހަން ޖެހުނުއިރު ވޯލްޑް ކަޕްގެ ޖާގަ މިސްރަށް ގެއްލުނީ މާނޭ ވައްދާލި ޕެނަލްޓީއާއެކު އެވެ. ސަލާހް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.

މުބާރާތް ހަތް ފަހަރު ކާމިޔާބުކޮށް އެފްރިކާ ކަޕްގެ އެންމެ ކާމިޔާބު ޓީމުގެ ގޮތުގައި މިސްރު އޮތް ނަމަވެސް އެޓީމަށް އެންމެ ފަހުން މުބާރާތުގެ ތަށީގައި އަތްލެވިފައިވަނީ 2010 ވަނަ އަހަރު އެވެ. އެކަމަކު ގައުމީ ޓީމަށް ސަލާހް ކުޅެން ފެށީ ޖެހިގެން އައި 2011 ވަނަ އަހަރު އެވެ. ގައުމީ ޓީމަށް ސަލާހް ކުޅެން ފެށި ފަހުން ބޭއްވި އެފްރިކާ ކަޕްގެ ފުރަތަމަ ތިން މުބާރާތަށް މިސްރު ކޮލިފައިއެއް ނުވެ އެވެ. އެއާއެކު ސަލާހްގެ ފުރަތަމަ މުބާރާތަކަށްވީ 2017 ވަނަ އަހަރު އޮތް އެފްރިކާ ކަޕެވެ. އެފަހަރު މުބާރާތުގެ ފައިނަލަށް މިސްރު ދަތުރުކުރި ނަމަވެސް ތަށި ގެއްލުނީ މޮރޮކޯ އަތުން ބަލިވުމުންނެވެ.

“މިސްރަށް ތަށި ހޯދައިދޭން ސަލާހަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޭނާ ކޮށްފި. އެކަމަކު ތަގްދީރުގެ ނިޔާއަކީ ކޮންމެވެސް އެކަކު ބަލިވުން.” ފައިނަލް މެޗަށް ފަހު ބީބީސީ ވޯލްޑް ސާވިސް އަށް ދިން އިންޓަވިއުއެއްގައި މާނޭ ބުނެފައިވެ އެވެ.

2017 ވަނަ އަހަރު ލިވަޕޫލަށް ސަލާހް ބަދަލުވި ފަހުން އެ ކްލަބާއެކު އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު ގައުމީ ޓީމާއެކު އެވަރުގެ ކާމިޔާބީއެއް ހޯދިފައި ނުވުމަކީ ސަލާހަށް އޮތް އެންމެ ބޮޑު ނުތަނަވަސްކަމެވެ.

“އަހަރެންނަށްވުރެ ބޮޑަށް މި ތަށި ހޯދަން ބޭނުންވާނެ މީހަކު މިސްރުގައި ވެސް ނުހުންނާނެ.” ކުއާޓާ ފައިނަލް މެޗްގައި އައިވަރީ ކޯސްޓް އަތުން ކުރި ހޯދުމަށްފަހު މީޑިއާއާ ވާހަކަދައްކަމުން ސަލާހް ބުނެފައިވެ އެވެ.

“އަހަރެންނަށް ގާތްގަނޑަކަށް ހުރިހާ އިނާމެއް ލިބިއްޖެ. މިއީ މިހާރު އަހަރެން އެންމެ އިންތިޒާރުކުރާ ތަށްޓަކީ.” މިސްރަށް 110 މެޗް ކުޅެދީފައިވާ ސަލާހް ބުނެފައިވެ އެވެ.

އެފްރިކާ ކަޕްގެ ފައިނަލްގައި ސަލާހް ވާދަކުރި ތިން ފަހަރުވެސް ނާކާމިޔާބާ ކުރިމަތިލާންޖެހުނު ނަމަވެސް އުމުރުން 33 އަހަރުގެ ސަލާހަށް މިސްރާއެކު މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު އަދި ވެސް އެބައޮތެވެ. 2028 ވަނަ އަހަރުގެ ފަހުން މުބާރާތް ހަތަރު އަހަރުން އެއް އަހަރު ބާއްވާ ގޮތަށް ހަމަޖައްސާފައިވުމާއެކު ކުރިއަށް އޮތް ދެ އަހަރު ވެސް މި މުބާރާތް ބާއްވަން އެފްރިކާގެ ފުޓްބޯޅައިގެ މައި އިދާރާއިން ވަނީ ނިންމައިފަ އެވެ. އެއާއެކު ސަލާހަށް އިތުރު ދެ ފުރުސަތު އަދި އޮތް ކަމަށް ބަލަމާ ހިނގާށެވެ.

ސެނެގާލް ފައިނަލުގައި ވާދަކުރާނީ ރޭ ކުޅުނު ދެ ވަނަ ސެމީގައި ނައިޖީރިއާ ބަލިކުރި މޮރޮކޯއާ އެވެ. މުބާރާތް ބާއްވާ މޮރޮކޯ އާއި ނައިޖީރިއާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. ޕެނަލްޓީގައި މޮރޮކޯ ކުރި ހޯދީ 2-4 އިންނެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!