މޮރޮކޯއިން 50 އަހަރަށްފަހު ފުރަތަ ފަހަރަށް އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަންކަން ހޯދުމަށް ކުރި އުންމީދު ފެނަށް ދުއްވާލުމަށްފަހު ސެނެގާލުން މުބާރާތުގެ ތަށި އުފުލާލައިފި އެވެ.
ކުޅިވަރުގެ ރޫހާ ހިލާފު ބައެއް އަމަލުތައް ރޭ ކުޅުނު ފައިނަލް މެޗްގައި ސެނެގާލްގެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ އިތުރުން ސަޕޯޓަރުންގެ ފަރާތުން ފެނުނު ނަމަވެސް އެ ޓީމުން މުބާރާތް ކާމިޔާބުކުރީ 0-1 އިން މޮރޮކޯ ބަލިކޮށްގެންނެވެ.
މޮރޮކޯގެ ރަބާތުގައި ރޭ ކުޅުނު ފައިނަލް މެޗްގެ ވަކި ހިސާބަކުން ސެނެގާލްގެ ކުޅުންތެރިން ވަނީ ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހިގެން ދަނޑުންވެސް ފައިބައިފަ އެވެ. ސެނެގާލްގެ ކޯޗް އުމުރުން 44 އަހަރުގެ ޕާޕޭ ތިއާއޯގެ އިރުޝާދުގެ ދަށުން ކުޅުންތެރިން ދަނޑުން ފޭބީ މެޗުގެ އިތުރު ވަގުތުގައި މޮރޮކޯއަށް ޕެނަލްޓީއެއް ދިނުމާއި ގުޅިގެންނެވެ. އޭރު ނަތީޖާ އޮތީ 0-0 ގައެވެ. ކުޅުންތެރިން ދަނޑުން ފައިބަން ފެށުމާއެކު ސަޕޯޓަރުންގެ ތެރެއިން ބަޔަކު ވަނީ ދަނޑުމައްޗަށް ބައެއް ކަހަލަ ތަކެތި އުކައިފަ އެވެ. އަދި ބައެއް ސަޕޯޓަރުން ވަނީ ދަނޑަށް އަރައިގަތުމަށް ވެސް މަސައްކަތްކޮށްފަ އެވެ.

މޮރޮކޯ ބަލިކޮށް ސެނެގާލުން އެފްކޮން ކާމިޔާބުކުރުން.
މެޗުގެ 90 މިނެޓް ހަމަވެގެން ދިން އިތުރު ވަގުތުގެ އަށް ވަނަ މިނެޓްގައި ރެފްރީ ޖީން ނަޑާލާ މޮރޮކޯއަށް ޕެނަލްޓީއެއް ދިނީ މޮރޮކޯގެ އެންމެ ނުރައްކާތެރި ފޯވާޑް ބްރަހިމް ޑިއާޒްއަށް ސެނެގާލްގެ ޑިފެންޑަރު ހާޖީ މަލިކް ޑިއޫފް ކުރި ފައުލަކާ ގުޅިގެން ވީއޭއާރު ވެސް ބެލުމަށް ފަހު އެވެ.
ރެފްރީގެ އެ ނިންމުމާއެކު ރުޅިގަދަވެފައި ހުރި ސެނެގާލްގެ ކޯޗު ތިއާއޯ ކުޅުންތެރިންނަށް އިޝާރާތްކުރީ ކުޅުން އިތުރަށް ކުރިއަށްގެންދަން ފުރުސަތު ނުދީ ދަނޑުން ފައިބާށެވެ. މޮރޮކޯއަށް ދިން ޕެނަލްޓީގެ މައްސަލަ މިހާ ހޫނުވީ އޭގެ ކުޑައިރުކޮޅެއް ކުރިން މޮރޮކޯގެ ގޯލަށް ސެނެގާލުން ވައްދާލި ބޯޅައެއް ލަނޑެއް ނޫންކަމަށް ރެފްރީ ނިންމާފައި އޮތުމާވެސް އެކު އެވެ.
ކޯޗުގެ އިރުޝާދާ އެއްގޮތަށް ސެނެގާލްގެ ގިނަ ކުޅުންތެރިން ދަނޑުން ފޭބިއިރު އިނގިރޭސި ވިލާތުގެ ލިވަޕޫލަށް ކުރިން ކުޅެފައިވާ ސެނެގާލްގެ ފޯވާޑް ސަޑިއޯ މާނޭ ދަނޑަކުން ނުފައިބަ އެވެ. ސެނެގާލް މުބާރާތުގެ ފައިނަލަށް ގެންގޮސްދިނުމުގައި ބޮޑު ހިއްސާއެއް އަދާކުރި މާނޭ މަސައްކަތްކުރަމުން އައީ ކުޅުންތެރިން އަލުން އަނބުރާ ދަނޑަށް ގެނެސް ކުޅުން ކުރިއަށްގެންދެވޭތޯ އެވެ. މާނޭގެ މަސައްކަތުން ކުޅުންތެރިން ދަނޑަށް އެރީ ގާތްގަނޑަކަށް 17 ވަރަކަށް މިނެޓް ފަހުންނެވެ.
މެޗު އަލުން ފެށީ މޮރޮކޯއަށް ދިން ޕެނަލްޓީއާއެކު އެވެ. އެކަމަކު މުބާރާތުގައި ފަސް ގޯލް ޖަހައިގެން އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ ގޮތުގައި ހުރި ރެއާލް މެޑްރިޑްގެ ފޯވާޑް ޑިއާޒް ފޮނުވާލި ޕެނަލްޓީ ސެނެގާލްގެ ގޯލްކީޕަރު އެޑުއާޑް މެންޑީ ވަނީ ފަސޭހަކަމާއެކު ދިފާއުކޮށްފަ އެވެ.
ސެނަގާލުން ރޭގެ މެޗްގައި މޮރޮކޯގެ މައްޗަށް ކުރި ހޯދި ލަނޑު މެޗްގެ އިތުރު ވަގުތުގެ ގޮތުގައި ކުޅުނު ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފްގެ ހަތަރުވަނަ މިނެޓްގައި ކާމިޔާބުކުރީ ސްޕެއިންގެ ވިޔަރެއާލަށް ކުޅެމުން އަންނަ ޕާޕޭ ގުއޭ އެވެ.
މިއީ އެފްރިކާ ކަޕްގެ ޗެމްޕިއަންކަން ސެނެގާލުން ހޯދި ދެވަނަ ފަހަރެވެ. ދުނިޔޭގެ ރޭންކިންގެ 19 ވަނައިގައި އޮތް ސެނެގާލުން ދެން ކާމިޔާބުކޮށްފައިވަނީ 2022 ވަނަ އަހަރު އޮތް މުބާރާތެވެ.