ފުޓްބޯޅައާއި ފުޓްސަލްގައި ރާއްޖޭގެ އެންމެ ކާމިޔާބު އެއް ރަށް ކަމަށްވާ އަދި ރާއްޖޭގެ ބްރެޒިލްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރާ އޭދަފުށީގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް މިރޭ ފަށަން ތައްޔާރުވެއްޖެ އެވެ.
އޭދަފުށި ފުޓްސަލް ކަޕްގެ ނަމުގައި ބާއްވާ މިމުބާރާތަކީ އެ ރަށު ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މުބާރާތެކެވެ.
މިދިޔަ އަހަރެކޭ އެއްގޮތަށް މިފަހަރުގެ މުބާރާތުގައި ވެސް ޖުމްލަ 12 ޓީމަކުން ބައިވެރިވެފައިވާއި ރުމުބާރާތް މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވަނީ ތިން ގްރޫޕަކަށް ޓީމުތައް ބަހާލައިގެންނެވެ. ގްރޫޕް އޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ސީސީ ސްޕޯޓްސް ކްލަބާއި މިދިޔަ އަހަރުގެ މުބާރާތުގެ ސެމީ ފައިނަލްގައި ވާދަކުރި މުރިނގު އެފްސީގެ އިތުރުން ކޭބަލް ބްރަދާސް އާއި ދަ ބްރަދާހުޑް އެފްސީ އެވެ.
ގްރޫޕް ބީގައި ހިމެނެނީ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ އަފްރޯ ސްޕޯޓްސް ކްލަބާއި، ފުރަތަމަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވާދަކުރި އޯލް ވުލްވްސްގެ އިތުރުން އެފްސީ ސަޑަންލީ އާއި ނަލަ ބްރަދާސް އެވެ. ގްރޫޕް ސީ ގައި ހިމެނެނީ ވެލާ ސްޕޯޓްސް އާއި ސީސީ ދަ ރެޑްސްގެ އިތުރުން ކްލަބް ފޯކަސް އާއި އެއިޓީ ފޯ އެފްސީ އެވެ.
އޭދަފުށީ ފުޓްސަލް ކަޕްގެ ނަމުގައި ކުރިއަށްގެންދާ ހަތަރު ވަނަ މުބާރާތް މިރޭ އޭދަފުށި ފުޓްސަލް ދަނޑުގައި ފަށާއިރު މިރޭ މި މުބާރާތުގެ ތިން މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ފުރަތަމަ މެޗް މިރޭ 09:30 ގައި ފަށަން ހަމަޖެހިފައިވާ އިރު އެ މެޗުގައި ވާދަކުރާނީ ގްރޫޕް އޭގެ ދެ ޓީމު ކަމަށްވާ ސީސީ ސްޕޯޓްސް އާއި މުރިނގު އެފްސީ އެވެ. ދެވަނަ މެޗުގައިމިރޭ 10:30 ގައި ވާދަކުރާނީ ދަ ބްރަދާހުޑް އެފްސީ އާއި ކޭބަލް ބްރަދާސް އެވެ. މިރޭ އޮންނަ ފަހު މެޗުގައި 11:30 ގައި ވާދަކުރާނީ އަފްރޯ ސްޕޯޓްސް ކްލަބާއި އޯލް ވުލްވްސް އެވެ.

މި މުބާރާތުގެ ފޯމެޓް އޮތްގޮތުން ގްރޫޕް ސްޓޭޖުގައި ކޮންމެ ގްރޫޕަކުންވެސް އެންމެ ރަނގަޅު ނަތީޖާ ހޯދާ ދެޓީމާއި، ތިން ވަނަ އަށް އަންނަ ޓީމުތަކުގެ ތެރެއިން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެޓީމު ކުއާޓާ ފައިނަލްގައި ވާދަކުރާނެ އެވެ. ކުއާޓާ ފައިނަލްގެ ހަތަރު މެޗު މިމަހުގެ 22 ވަނަ ދުވަހުގެ ރޭ ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ސެމީ ފައިނަލް މެޗުތައް އޮންނާނީ މި މަހުގެ 24 ވަނަ ދުވަހުގެ ރެ އެވެ. ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައި ވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރެ އެވެ.