ފުރަތަމަ ސަފްޙާ / ޚަބަރު / ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް: އެންމެ ފަހުގެ ޗެމްޕިއަނާއި، އެންމެ ކާމިޔާބު ޓީމު އެއް ގްރޫޕަކަށް
ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް: އެންމެ ފަހުގެ ޗެމްޕިއަނާއި، އެންމެ ކާމިޔާބު ޓީމު އެއް ގްރޫޕަކަށް
ތޮއްޑޫގައި ބާއްވާ ސޯސަން ފުޓްސަލް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް: އެންމެ ފަހުގެ ޗެމްޕިއަނާއި، އެންމެ ކާމިޔާބު ޓީމު އެއް ގްރޫޕަކަށް

ފަހުމިނެޓް
ފަހުމިނެޓް
3 ގަޑިއިރު ކުރިން 17 މާރޗް 2026

އަންނަ ހުކުރު ދުވަހުގެ ރޭ އއ. ތޮއްޑޫގައި ފަށާ ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕް 2026 ގެ ގުރު ނެގިއިރު މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭ އާއި މި މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ އެފްސީ އަމިގޯސް އެއް ގްރޫޕެއްގައި ލައްވާލައިފި އެވެ.

ސޯސަން ފުޓްސަލް ކަޕްގެ ފުރަތަމަ މުބާރާތް ފިޔަވައި އެހެން ހުރިހާ ފަހަރެއްގެ ސެމީ ފައިނަލާ ހަމައަށް ދަތުރުކޮށްފައިވާ ކާންޓް ޕްލޭ މިފަހަރުގެ މުބާރާތަށް ޓީމު ވަރުގަދަކުރުމުގެ ގޮތުން ވަނީ ސާކް ސަރަހައްދުގެ ގައުމުތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއްއަދާކުރި ގޯލްކީޕަރު ޒައިދާން އަހްމަދު (އަސޫ) ޓީމުގައި ހިމަނައިފަ އެވެ. މީގެއިތުރުން އެންމެ ފަހުން އޮތް ގޯލްޑަން ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދުވާފަރު ގެންގޮސްދިނުމުގައި ބޮޑު ހިއްސާއެއްވި މުހައްމަދު އިސާމް (ޝަންޓޭ) ގެ އިތުރުން އެ މުބާރާތުގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިސްދޫ ޓީމުގެ މައި ދެތަނބު ކަމަށްވާ އަލީ ހުމޭޒާއި މީސާގު އީސާ ވެސް އެޓީމުގައި ވަނީ ހިމަނައިފަ އެވެ.

އަނެއްކޮޅުން ސޯސަން ފުޓްސަލް ކަޕްގައި 2022 ވަނަ އަހަރު ފެށި މި މުބާރާތުގެ ތަށި ފުރަތަމަ ދެ އަހަރު އުފުލާލި އެފްސީ އަމިގޯސް އިން ވަނީ މިފަހަރުގެ ޓީމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ހާފިޒް (ހާއްޕެ) އާއި ހުސައިން ޝަރީފް (އޮންލީ) އާއި އަޔާޒް އަހްމަދު (އަޔާ) ގެ އިތުރުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގެ ބަދަލު ކީޕަރުގެ މަގާމު ފުރި އިބްރާހިމް ނާޖިހް އާއި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު އެންމެފަހުން ހޯދި އަހްމަދު އަފްލާޒް ހިމަނައިފައެވެ.  

ސޯސަން ފުޓްސަލް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް
ސޯސަން ފުޓްސަލް ކަޕްގެ ގުރު ނެގުމުގެ ރަސްމިއްޔާތުގެ ތެރެއިން. ފޮޓޯ: ސޯސަން ފުޓްސަލް ކަޕް

މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ތިމަރަފުށި ޓީމުގައި މުހިންމުދައުރެއް އަދާކުރަމުން އަންނަ އިބްރާހިމް އަސްވަދު (ގަބޭ) ގެ އިތުރުން އެންމެފަހުން އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ހޯދި އާރްއާރްސީއަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ މޮހޮސިން މޮންޓަޒޭމީ ވެސް އެފްސީ އަމިގޯޒް ޓީމުގައި ވަނީ ހިމަނައިފައެވެ.

މި މަހުގެ 20 އިން 24 އަށް ތޮއްޑޫ ފުޓްސަލް ދަނޑުގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގެ ގުރު ނެގުމުގެ ރަސްމިއްޔާތު މިދިޔަ އާދީއްތަ ދުވަހުގެ ރޭ ބާއްވާފައިވާއިރު އަށް ޓީމު ވާދަކުރާ މި މުބާރާތް ކުރިއަށްގެންދާގޮތަށް ހަމަޖެހިފައިވަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ.

ކާންޓް ޕްލޭ އާއި އެފްސީ އަމިގޯސް ގްރޫޕް ބީގައި ލައްވާލި އިރު ދެން އެ ގްރޫޕްގައި ހިމެނެނީ އަމިގޯސް އެސްސީ އާއި ފްލޭޝް އެވެ.

ރިލެކްސް ކަމަނަ ފުޓްސަލް ކަޕްގެ ފުރަތަމަ ދުވަހުގ ެމެޗުތައް. މުބާރާތުގެ މެޗުތަކުގެ އަޕްޑޭޓް "ފަހުމިނެޓް" އިން ވަގުތުން ލިބޭނެ 
ރިލެކްސް ކަމަނަ ފުޓްސަލް ކަޕްގެ ފުރަތަމަ ދުވަހުގ ެމެޗުތައް. މުބާރާތުގެ މެޗުތަކުގެ އަޕްޑޭޓް "ފަހުމިނެޓް" އިން ވަގުތުން ލިބޭނެ 

ގްރޫޕް އޭ ގައި ހިމެނެނީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި އެއްކޮޅުން ވާދަކުރި ޔަންގް ސްޓާ އާއި 2024 ވަނައަހަރު އޮތް މުބާރާތުގެ ޗެމްޕިއަންކަން ހޯދި ހެލޯ ބޭބީގެ އިތުރުން މިފަހަރުގެ މުބާރާތުގައި ރަށުން ބޭރުން ބައިވެރިވާ ހަމައެކަނި ޓީމު ކަމަށްވާ ބޮޑުފޮޅުދޫ ޔަންގް ޕްލޭޔާ އާއި އެފްސީ ރެބޯނާ އެވެ.

މި ގްރޫޕްގައި ހިމެނޭ ގިނަ ޓީމުތައް މުބާރާތާ ކުރިމަތިލަނީ ރާއްޖޭގައި ބާއްވާ އެންމެ ވަރުގަދަ ފުޓްސަލް މުބާރާތްތަކުގައި ކުޅެ ތަޖުރިބާހޯދާފައިވާ ކުޅުންތެރިންނާއިއެކު ކަމަށްވާތީ މި ގްރޫޕްގެ ވާދަވެރިކަން ވެސް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.

ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ކްރޮސްކޮށް ސެމީ ފައިނަލްގައި ވާދަކުރާ ގޮތަށް ރޭވިފައިވާއިރު ސެމީ ފައިނަލްގެ ދެ މެޗު ކުޅޭނީ މި މަހުގެ 23 ވާ ހޯމަ ދުވަގެ ރެ އެވެ.

ޗެމްޕިއަން ޓީމަށް 55,000 ރުފިޔާ ހުށަހަޅާފައިވާ މި މުބާރާތުގެ މެއިން ސްޕޮންސަރަކީ ތޮއްޑޫގެ ރިލެކްސް ކަމަނަ އެވެ. މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ.

ކޮމެންޓްސް