ފުޓްބޯޅަ ސަޕޯޓަރުންގެ ތެރެއިން މިފަހުން އެންމެ ބޮޑު މަޝްހޫރު ކަމެއް ހޯދާފައިވަނީ ކާކުކަން ދުނިޔޭގެ ފުޓްބޯޅައިގެ ހަބަރުތައް ކިޔާ ގިނަ ބަޔަކު ދަންނާނެ އެވެ. ޖެހިޖެހިގެން ފަސް މެޗުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ޔުނައިޓެޑް މޮޅު ނުވަނީސް ބޯ ނުކޮށާން ވައުދުވި އެ ސަޕޯޓަރު އަދިވެސް ހުންނަން ޖެހިފައި ވަނީ އިންތިޒާރުގަ އެވެ.
މިފަހަރު ދައްކަން މިއުޅެނީ ހަމަ އެ ޒާތުގެ ސަޕޯޓަރެއްގެ ވާހަކަ އެވެ. މިފަހަރުވެސް އިނގިރޭސި ވިލާތުގެ ރައްޔިތެކެވެ. އެކަމަކު އޭނާއަށް ބޯ ނުކޮށާން ހިތްވަރުކުރާ ސަޕޯޓަރަށް ލިބުނު ވަރުގެ މަގްބޫލުކަމެއް ނުލިބި އޮތީ ސަޕޯޓްކުރާ ކްލަބްގެ ގޮތުން ކަމަށް ވެދާނެއެވެ. މި ބުނާ މީހާ ސަޕޯޓްކުރަނީ ޗެމްޕިއަންޝިޕްގެ ވެސް ފުލުގައި އޮތް އޮކްސްފޯޑް ޔުނައިޓެޑަށެވެ.
އޮކްސްފޯޑް ޔުނައިޓެޑަށް ސަޕޯޓްކުރާ ގެރީ ހަޑްސަން ވައުދުވީ އެ ޓީމަށް ކުޅުމުގެ ތެރެރެއިން ޕެނަލްޓީއެއް ލިބެންދެން އޭނާގެ ތުނބުޅި ނުބާލާ ބަހައްޓާށެވެ. އެ ވައުދެއް ގެރީ ވީ މީގެ 675 ދުވަސް ކުރިންނެވެ. އެކަމަކު މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރާ ހިލާފަށް ގެރީއަށް މިހާރުވަނީ ޗެލެންޖު ފުރިހަމަކުރުމުގެ ފުރުސަތު ލިބިފަ އެވެ.
އިނގިރޭސި ޗެމްޕިއަންޝިޕްގައި ޗާލްޓަންއާ ދެކޮޅަށް އަމިއްލަ ރަށުގައި އޮކްސްފޯޑް ޔުނައިޓެޑް ކުޅުނު މެޗުގައި ލިބުނު ޕެނަލްޓީއާ އެކު ގެރީ އަށް ވަނީ އޭނާގެ ތުނބުޅި ބާލަން ފުރުސަތު ލިބިފައެވެ.
ގިނަ ދުވަސްތަކެއް ވަންދެން ތުނބުޅި ނުބާލާ ހުންނަން ޖެހުމާއެކު ގެރީ ފަހުން ދަނޑަށް ވަންނަން ފެށީ ރީނދޫ ކުލައިގެ ވިގަކާއި ނޫކުލައިގެ ފޭކް ތުނބުޅިއެއް ޖަހައިގެންނެވެ. އަދި އޭގެޒަރިއްޔާއިން އޭނާ އައީ ނަފްސާނީ ކަންކަމަށް ފަރުވާ ހޯދާ މީހުންނަށް އެހީވާ ފައުންޑޭޝަނަކަށް ހަދިޔާ ކުރުމަށް ފައިސާ ހޯދުމުގެ ހަރަކާތްވެސް ހިނގަމުންނެވެ.
"އޮކްސްފޯޑަށް ޕެނަލްޓީއެއް ލިބުނު ވަގުތަކީ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނު ވަގުތެއް. ޕެނަލްޓީ ލިބުމާއެކު ވަގުތުން ވިގާއި ފޭކް ތުނބުޅި އެއްލާލީ." ބީބީސީ ސްޕޯޓްސްއާ ވާހަކަދައްކަމުން ގެރީ ބުނެފައިވެ އެވެ.
"މީގަ އެންމެ މަޖާކަމަކަށް ދިމާވީ އެ ވަގުތު އަހަރެން ހޯދަން އަހަރެންގެ ދެ ރަހުމަތްތެރިއަކު އައި. އެކަމަކު އެ އެއްޗެހި އެއްލާލީމަ އަހަރެން ވަކިކުރަން ނޭނގިގެން ކަންނޭނގެ އަހަރެން ކައިރިން ލާފަ ދިޔަ އިރުވެސް ފާހަގައެއް ނުވި." ގެރީ ބުނެފައިވެ އެވެ.
ދެ އަހަރެއްހާ ދުވަސްވަންދެން ދިގުކުރި ތުނބުޅި ބާލާފައިވަނީ އިއްޔެ ގެނެސްދިން ބީބީސީ ލައިވްޕްރޮގްރާމެއްގަ އެވެ.
