ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އިނގިރޭސި ސަޕޯޓަރުންނަށް މަލާމާތްކޮށް ޖޯކު ޖެހުމުގެ ބަދަލުގައި ސަމާލުކަން ދޭންވީ ވޯލްޑް ކަޕްގެ ޓިކެޓް އަގުހެޔޮކުރަން ކަމަށް އިނގުރޭސި ފުޓްބޯޅަ ސަޕޯޓަރުންގެ ޖަމިއްޔާއިން ބުނެފި އެވެ.
ސްވިޒަލެންޑްގައި ކުރިއަށްދާ ވޯލްޑް އިކޮނޮމިކް ފޯރަމްގައި ބުރާސްފަތި ދުވަހު ވާހަކަދައްކަމުން އިންފަންޓީނޯ ބުނެފައިވަނީ 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި އިނގިރޭސި އެއްވެސް ސަޕޯޓަރަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، އެއީ ވަރަށް ހާއްސަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ކަމެއް ކަމަށެވެ.
ވޯލްޑް އިކޮނޮމިކް ފޯރަމްގައި އިންފަންޓީނޯ ދެއްކި ވާހަކައިގައި މިއަހަރު އެމެރިކާގެ އިތުރުން ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕާ ގުޅޭގޮތުން އުފެދިފައިވާ ކަންބޮޑުތަކަށް ވަނީ އަލިއަޅުވާލައިފަ އެވެ. މިގޮތުން އެމެރިކާގެ އެތެރޭގައި އުފެދެމުން އަންނަ ނުތަނަވަސްކަމާއި، މުބާރާތް ބަލަން އެމެރިކާއަށް ދަތުރުކުރާ ފަރާތްތަކުގެ ވިސާ ހަމަޖެއްސުމުގައި ކުރިމަތިވެފައިވާ ދަތިތަކާ ގުޅޭގޮތުން ވާހަކަދައްކައިފައިވެ އެވެ.
އެކަންކަމާ ގުޅޭގޮތުން ވާހަކަދައްކަމުން އިންފަންޓީނޯ މިސާލު ނެގީ 2022 ވަނަ އަހަރުގެ ވޯލްޑް ކަޕުންނެވެ. އޭނާ ބުނިގޮތުގައި އެފަހަރުގެ ވޯލްޑް ކަޕްގެ ކުރިންވެސް ވަރަށް ގިނަ ކަންކަމާ ގުޅޭގޮތުން ފާޑުކިޔުން އައި ކަމަށާއި އެކަމަކު މުބާރާތް ފެށި ފަހުން މައްސަލަތަކެއް ކުރިމަތިނުވާ ކަމަށެވެ.
“މިދިޔަ ފަހަރުގެ ވޯލްޑް ކަޕަކީ މުބާރާތުގެ ތާރީހުގައި ވެސް އިނގިރޭސި ސަޕޯޓަރަކު ހައްޔަރު ނުކޮށް ދިޔަ ފުރަތަމަ ފަހަރު. ހިޔާލަށް ގެނެސްބަލަ. މިއީ ވަރަށް ވަރަށް ހާއްސަ ކަމެއް.” އިންފަންޓީނޯ ބުނެފައިވެ އެވެ.
އިންފަންޓީނޯގެ ވާހަކަތަކަށް އިނގިރޭސި ފުޓްބޯޅަ ސަޕޯޓަރުންގެ އެސޯސިއޭޝަނުން ރައްދުދެމުން ބުނެފައިވަނީ،
“އިންފަންޓީނޯގެ ސަމާލުކަން އަހަރެމެންނަށް ލިބިފައި އޮތްއިރު އަހަރެމެން ފާހަގަކޮށްލަން އޮތް ކަމަކީ އަހަރެމެންގެ ސަޕޯޓަރުންނާ ގުޅުވައިގެން ޖޯކު ޖެހުމުގެ ބަދަލުގައި އިންފަންޓީނޯ ކުރައްވަންވީ ކަމަކީ ވޯލްޑް ކަޕްގެ ޓިކެޓް އަގުހެޔޮކޮށް ލިބޭނެ ގޮތެއް ހެދުން.” މިހެންނެވެ.
ވޯލްޑް ކަޕްގެ ޓިކެޓް އިންތިހާއަށް އަގުބޮޑުވުމާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު ފީފާގެ ރައީސް އިންފަންޓީނޯ އެކަމަށް އެއްބަސްވި ނަމަވެސް ޓިކެޓް އަގުބޮޑުވުން އިންފަންޓީނޯ ވަނީ ދިފާއުކޮށްފަ އެވެ.
“ޓިކެޓްގެ އަގުތައް ބޮޑު. އެކަމާ ގުޅިގެން ފީފާއަށް ވަރަށް ބޮޑެތި ފާޑުކިޔުންތައް ވެސް އަމާޒުވޭ. ޓިކެޓް އެންމެ ގިނައިން ގަނެފައިވަނީ އެމެރިކާ މީހުން. ދެވަނައަށް ޖަރުމަނު މީހުން. ތިންވަނައަށް އިނގިރޭސިން. އެންމެންވެސް ބޭނުންވޭ ވޯލްޑް ކަޕް ބަލަން އަންނަން. އަހަރެންނަށް ޔަގީން ހުރިހާ މެޗެއްގެ ޓިކެޓް ވިކި ހުސްވާނެކަން.” އިންފަންޓީނޯ ބުނެފައިވެ އެވެ.
މިފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖް މެޗެއްގެ ޓިކެޓްގެ އަގު އެންމެ ފަހުން ބޭއްވި ވޯލްޑް ކަޕްގައި ހުރި އަގަށްވުރެ ތިން ގުނަ ބޮޑެވެ. ވޯލްޑް ކަޕްގެ ފައިނަލް މެޗްގެ އަގު އުޅެނީ މިފަހަރު ހަތަރު ހާސް ޑޮލަރަށްވުރެ ވެސް މަތީގަ އެވެ.