ފީފާ އިން އެންމެފަހުން އާއްމުކުރި ރޭންކިންގައި އިންގްލެންޑުން އެގައުމުގެ ފުޓްބޯޅައިގެ ތާރީހުގައި މީގެ ކުރިން ހޯދި އެންމެ ބޮޑު ކުރިއެރުން ތަކުރާރުކޮށްފި އެވެ. މިފަހަރުގެ ރޭންކިން އިން އިންގްލެންޑަށް ތިން ވަނަ ލިބުނުއިރު މިއީ އެގައުމަށް ރޭންކިންގައި ލިބުނު އެންމެ ބޮޑު ކުރިއެރުމެވެ.
މީގެ ކުރިން 2012 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ރޭންކިންގައި ވެސް އިންގްލެންޑަށް ވަނީ ދުނިޔޭގެ ތިން ވަނަ ލިބިފަ އެވެ. އެގައުމަށް އެއަށްވުރެ ކުރިއަށް ދެވިފައިނުވާއިރު މިއީ އޭގެފަހުން ދުނިޔޭގެ ރޭންކިންގައި އެގައުމަށް ތިން ވަނަ ލިބުނު ފުރަތަމަ ފަހަރެވެ.
ގަރެތު ސައުތުގޭޓްގެ ކޯޗުކަމުގައި ބައިނަލްއަގްވާމީ މުބާރާތްތަކުގައި އިންގްލެންޑް އަންނަނީ ބޮޑު ކުރިއެރުމެއް ހޯދަމުންނެވެ. 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ސެމީ ފައިނަލުގައި ވާދަކުރިއިރު މިއަހަރު އޮތް ޔޫއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލުގައި އިންގްލެންޑް ފައިނަލުގައި ބަލިވީ އިޓަލީ އަތުންނެވެ. އޭގެފަހުން ވޯލްޑް ކަޕް ކޮލިފައިންގައި ކުޅުނު ތިން މެޗުގެ ތެރެއިން ހަންގޭރީ އާއި އެންޑޯރާ އަތުން މޮޅުވިއިރު ރަށުން ބޭރުގައި ޕޮލެންޑާ ދެކޮޅަށް ކުޅުނު މެޗުން ވީ އެއްވަރެވެ.
ދުނިޔޭގެ ރޭންކިންގައި އެއް ވަނައިގައި މިފަހަރު ވެސް އޮތީ ބެލްޖިއަމެވެ. ދެ ވަނައިގައި ބްރެޒިލް އޮތްއިރު ދުނިޔޭގެ ޗެމްޕިއަން ފްރާންސް މިހާރު ވަނީ ހަތަރު ވަނަ އަށް ވެއްޓިފަ އެވެ. އެޓީމު ރޭންކިންގައި ވެއްޓުނީ އެންމެ ފަހުން ކުޅުނު ބައިނަލްއަގްވާމީ ތިން މެޗުގެ ތެރެއިން ދެ މެޗުން އެއްވަރުވުމުންނެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ފްރާންސުން ބޮސްނިއާ އާއި ޔޫކްރޭނާ ދެކޮޅަށް ކުޅުނު މެޗުން އެއްވަރުވިއިރު އެޓީމަށް ކާމިޔާބުކުރެވުނީ ފިންލެންޑާ ދެކޮޅަށް ކުޅުނު މެޗެވެ.
ގަދަ 10 ގައި ހިމެނޭ އެހެން ގައުމުތަކަށް ބަލާއިރު ޔޫރަޕްގެ ޗެމްޕިއަން އިޓަލީ އޮތީ ކުރިން ވެސް އޮތް ފަސް ވަނައިގަ އެވެ. ކޮޕާ އެމެރިކާ ކާމިޔާބުކުރި އާޖެންޓީނާ ވެސް ވަނީ ހަ ވަނައިގައި މަގާމް ދަމަހައްޓައިފަ އެވެ. ޕޯޗުގަލް ހަތް ވަނަ އަށް ކުރިއަށް ޖެހިލިއިރު ސްޕެއިން ވަނީ އަށް ވަނަ އަށް ވެއްޓިފަ އެވެ. ނުވަ ވަނައިގައި މެކްސިކޯ އޮތްއިރު 10 ވަނައިގައި އޮތީ ޑެންމާކް އެވެ.
ރާއްޖެ ހިމެނޭ ދެކުނު އޭޝިއާ ސަރަހައްދުގެ އެއް ވަނައިގައި އޮތީ 107 ވަނައިގައި އޮތް އިންޑިއާ އެވެ. ރާއްޖެ 158 ވަނައިގައި އޮތްއިރު ނޭޕާލް އޮތީ 168 ވަނައިގަ އެވެ. ބޫޓާނަށް 187 ވަނަ ލިބޭއިރު ބަންގްލަދޭޝް އޮތީ 189 ވަނައިގަ އެވެ. ފީފާގެ ސަސްޕެންޝަނެއްގައި އޮތް ޕާކިސްތާން 198 ވަނައިގައި އޮތްއިރު ސަރަހައްދުގެ އެންމެ ފުލުގައި އޮތީ 205 ވަނައިގައި އޮތް ސްރީ ލަންކާ އެވެ.
ކޮންމެ މަހަކު ދުނިޔޭގެ ރޭންކިން އާއްމުކުރަން ފެށީ 1992 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.