ފުރަތަމަ ސަފްޙާ / ޚަބަރު / އިޓްސް ރިއަލީ ކަމިންގ ހޯމް، ޑެންމާކް ބަލިކޮށް އިންގްލެންޑް ފައިނަލަށް

އިޓްސް ރިއަލީ ކަމިންގ ހޯމް، ޑެންމާކް ބަލިކޮށް އިންގްލެންޑް ފައިނަލަށް

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 7 ޖުލައި 2021

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި މިރޭ ޑެންމާކުން ލަނޑެއް ޖަހައި ކުރި ހޯދާފައިވަނިކޮށް ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން އިންގްލެންޑް މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފި އެވެ. މިއީ 1966 ވަނަ އަހަރު އޮތް ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ތަށި އިންގްލެންޑުން އުފުލާލި ފަހުން ބޮޑު މުބާރާތެއްގެ ތަށްޓާއި މިހާ ގާތަށް އާދެވުނު ފުރަތަމަ ފަހަރެވެ.

މެޗް ފަށައިގެން ފުރަތަމަ 15 ވަރަކަށް މިނެޓް މެޗް ޑޮމިނޭޓްކޮށްގެން ކުޅުނީ އިނގިރޭސީންނެވެ. އޭގެ ފަހުން ޑެންމާކުން މެޗްގެ ތެރެއަށް ރަގަޅަށް ވަދެ އިންގްލެންޑްގެ ޑިފެންސް ލައިނަށް ބާރުބޮޑުކުރަން ފެށި އެވެ. ނަތީޖާއެއްގެ ގޮތުން މެޗްގެ 30 ވަނަ މިނެޓްގައި ޑެންމާކަށް ލިބުނު ހިލޭ ޖެހުމަކުން އެ ޓީމްގެ ފުރަތަމަ ލަނޑު ކާމިޔާބުކުރި އެވެ. މި ލަނޑު އެ ޓީމުން ކާމިޔާބުކުރީ މިކެލް ޑެމްސްގާޑެވެ. މިއީ މި މުބާރާތުގައި އިންގްލެންޑް ކޮޅަށް ވަތް ފުރަތަމަ ގޯލެވެ.

ޑެންމާކުން މެޗްގެ ލީޑް ނެގުމާއެކު އިންގްލެންޑުން އިތުރަށް ހިތްވަރުކޮށް ކުޅުން ރަގަޅުކުރި އެވެ.  މެވްގައި އިންގެލެންޑުން ކާމިޔާބުކުރި ފުރަތަމަ ލަނޑު ޖެހީ މެޗްގެ 39 ވަނަ މިނެޓްގަ އެވެ. މިއީ އިންގްލެންޑުން އުފެއްދި ނުރައްކާތެރި ހަމަލާއެއްގައި ޑެންމާކްގެ ކުޅުންތެރިއެއްގެ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ލަނޑު އިންގްލެންޑުން ޖެހުމުގެ ކުޑަ އިރުކޮޅެއް ކުރިން އެ ޓީމްގެ ފޯވާޑް  ރަހީމް ސްޓާލިންގ ފޮނުވާލި ބާރު ބޯޅައެއް ވަނީ ޑެންމާކްގެ ގޯލްކީޕަރު ޝުމައިކަލް ވަރަށް ހުޝިޔާރުކަމާއެކު މަތަކޮށްފަ އެވެ.

މެޗްގެ ފަހު ހާފު ފަށައިގެން ރަގަޅު ހަމަލާތަކެއް އުފައްދަމުން އައީ އަނެއްކާވެސް ޑެންމާކުންނެވެ. މެޗްގެ 51 ވަނަ މިނެޓްގައި ޑެންމާކްގެ ޑޮލްބާގް ގޯލާއި ދުރުން ގޯލްގެ ތިރީ ކަނަށް އަމާޒުކޮށް ފޮނުވާލި ބާރު ބޯޅައެއް އިންގްލެންޑްގެ ގޯލްކީޕަރު ޕިކްފޯޑް ވަނީ ދިފާއުކޮށްފަ އެވެ. އެކަމަކު ޑޮލްބާގް އެ ބޯލަ ގޯލަށް ފޮނުވާލީ އޮފްސައިޑް މަގާނެއްގައި ހުރެގެންނެވެ. އޭގެ ހަތަރު މިނެޓް ފަހުން އިންގްލެންޑްގެ މޭސަން މައުންޓް ނަގައިދިން ހުރަހެއް ޑިފެންޑަރު ހެރީ މެގުއާ ބޮލުން ޖަހައި ގޯލާ އަމާޒުކޮށް ފޮނުވާލުމުން ޝުމައިކަލް ވަނީ ކުޅަދާނަ ކަމާއެކު ދިފާއުކޮށްފަ އެވެ.

ވާދަވެރި ކުޅުމެއް ފެނުނު މި މެޗްގައި އިންގްލެންޑުން ލީޑް ނެގީ އިތުރު ވަގުތުގެ ދެ ހާފްގެ ތެރެއިން ފުރަތަމަ ހާފް ނިމެން އުޅެނިކޮށް ލިބުނު ޕެނަލްޓީއެއް ހެރީ ކޭން ފޮނުވާލުމުން ޑެންމާކްގެ ގޯލްކީޕަރު ޝުމައިކަލް ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި ވަގުތު އަލުން އެ ބޯޅަ ގޯލްގެ ތެރެއަށް ކޭން ފޮނުވާލައިގެންނެވެ.

މުބާރާތުގެ ފައިނަލްގައި އިންގްލެންޑް ވާދަކުރާނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗްގައި ސްޕެއިން އަތުން މޮޅުވި އިޓަލީ އާ އެވެ. ފައިނަލް މެޗް އޮންނާނީ އަންނަ އާދީއްތަ ދުވަހުގެ ރެ އެވެ.

 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!