ފުރަތަމަ ސަފްޙާ / ޚަބަރު / އިންގްލެންޑް މެޗުގެ ކުރިން ސްޓޭޑިއަމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އިންގްލެންޑް މެޗުގެ ކުރިން ސްޓޭޑިއަމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

އެޑްމިން
އެޑްމިން
4 އަހަރު ކުރިން 8 އޮކްޓޫބަރު 2021

ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ އެންޑޯރާއާ ދެކޮޅަށް އިންގްލެންޑް ކުޅެން އޮތް މެޗުގެ ކުރިން، މެޗު ކުޅުމަށް ހަމަޖެހިފައިވާ އެންޑޯރާގެ އެސްޓާޑީ ނެސިއޮނަލް ސްޓޭޑިއަމްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

އަލިފާނުގެ ހާދިސާ ހިނގީ މިއަދު އިންގްލެންޑް ޓީމު ޕްރެކްޓިސް ކުރުމަށް ފަހު ދަނޑު ދޫކޮށް ދިޔަތާ ގާތްގަނޑަކަށް ތިން ގަޑިއިރު ފަހުންނެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯ އިން ފެންނަ ގޮތުގައި އަލިފާން ރޯވީ ދެޓީމުގެ ބެންޗު އިންނަ ފަޅީގެ މެދުގަ އެވެ. އަލިފާނުގެ ހާދިސާގައި ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރ) އަށް ހާއްސަކޮށްފައިވާ މޮނިޓަރ ވަނީ ހަލާކުވެފަ އެވެ. އަދި އެތަނުގައި ފާރުތަކަށް މި ހާދިސާގައި ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަލިފާން ރޯވިތާ އިރުކޮޅެއްތެރޭ ފަޔާ ސާވިސް އިން ވަނީ އަލިފާން ނިއްވާލާފަ އެވެ. ދަނޑަށް ލިބުނީ ކިހާ ގެއްލުމެއް ކަމެއް އަދި ޔަގީންވެފައެއްނުވާއިރު، މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެ އެވެ.

Footage of the fire at Andorra's Estadi Nacional ???? pic.twitter.com/maMEpuB0TK

— Simon Peach (@SimonPeach) October 8, 2021

މި ހާދިސާ ހިނގިޔަސް އިންގްލެންޑާ ދެކޮޅަށް އެންޑޯރާ ކުޅޭ މެޗު ކުރިއަށްދާނެކަން އެގައުމުގެ އެފްއޭ އިން އިއުލާންކޮށްފަ އެވެ. އަލިފާނުގެ ހާދިސާ ހިނގި ފަހުން އެންޑޯރާގެ ކުޅުންތެރިން ދަނޑުގައި ޕްރެކްޓިސް ކުރަމުންދާއިރު އެތަން ސާފުކޮށް މެޗު ކުޅެވޭ ހާލަތަށް ގެނައުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.

އިންގްލެންޑާ އެންޑޯރާ ވާދަކުރާ މެޗު ފަށާނީ މާދަމާރޭ ރާއްޖެ ގަޑިން 11:45 ގަ އެވެ. މެޗު ކުޅޭ ދަނޑަކީ 3300 ސަޕޯޓަރުންނަށް ވަދެވޭ ދަނޑެކެވެ.

އިންގްލެންޑް ހިމެނޭ ގްރޫޕުގައި ކުޅުނު 6 މެޗުން ހޯދާފައިވާ 16 ޕޮއިންޓާ އެކު އެޓީމު އޮތީ އެއް ވަނައިގަ އެވެ. 3 ޕޮއިންޓާ އެކު އެންޑޯރާ އޮތީ 6 ޓީމު ހިމެނޭ ގްރޫޕުގެ 5 ވަނައިގަ އެވެ.

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!