އަންނަ ފިތުރު އީދުގައި ތޮއްޑޫގައި ބާއްވާ ރިލެކްސް ކަމަނަ ސޯސަން ފުޓްސަލް ކަޕްގައި 8 ޓީމަކުން ބައިވެރިވި އިރު މުބާރާތުގެ ތަށްޓަށް މިފަހަރު ވާދަކުރާނެ ކަމަށް ބެލެވޭ ހުރިހާ ޓީމަކުން ވެސް ކުރީ އަހަރަށްވުރެ، ޓީމު ވަރުގަދަކޮށްފިއެވެ.
ޗެމްޕިއަންކަން ހޯދާ ޓީމަކަށް ބައިލައްކަ ރުފިޔާއަށްވުރެ ބޮޑު ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު މުބާރާތުގައި ވާދަކުރާ ބައެއް ޓީމުތަކުން ވަނީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ނަން ހިނގާ ތަރިން ހިމަނައިފަ އެވެ.
މިހާ ހިސާބުން މި ބަލާލަނީ ތޮއްޑޫ ސޯސަން ކްލަބުން އިންތިޒާމުކޮށްގެން މީގެ ކުރިން ބޭއްވި ސޯސަން ފުޓްސަލް ކަޕްގެ ހަތަރު މުބާރާތުގައި ޓީމުތަކުން ހޯދާފައިވާ ނަތީޖާތަކަށާއި، މިފަހަރުގެ މުބާރާތަށް ޓީމުތައް ވަމުން އަންނަ ތައްޔާރީތަކަށް ބަލައި މުބާރާތުގެ ތަށްޓަށް މިފަހަރު ވާދަކުރާނެ ކަމަށް ބެލެވޭ ޓީމުތަކުގެ ތައްޔާރީތަކަށެވެ.
ކާންޓް ޕްލޭ: ތައްޔާރުވަނީ ތަށި ދިފާއުކުރަން ފަސޭހަ ނުވާނެކަން ދަނެގެން
މިއީ މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނެވެ. މީގެ ކުރިން ބޭއްވި ހަތަރު މުބާރާތުގައިވެސް ކާންޓް ޕްލޭ އިން ބައިވެރިވެފައިވާ އިރު ފުރަތަމަ އަހަރު ފިޔަވައި ދެން ހުރިހާ މުބާރާތެއްގެ ސެމީ ފައިނަލްގައި އެ ޓީމު ވަނީ ކުޅެފަ އެވެ.
ކާންޓް ޕްލޭގެ މެނޭޖަރު މުހައްމަދު މުއައްޒިން (މޮއްޑެ) "ފަހުމިނެޓް" އާ ވާހަކަ ދައްކަމުން ބުނީ މިފަހަރުގެ މުބާރާތް ވަރަށް ޗެލެންޖިން ވާނެ ކަމަށް ބެލެވޭ ކަމަށާއި، އެހެން ވުމާއެކު ކުރީ ފަހަރަށްވުރެ މިފަހަރު މުބާރާތުގައި ބައިވެރިކުރާ ޓީމު ވަރުގަދަ ވާނެ ކަމަށެވެ.

މިފަހަރުގެ މުބާރާތަށް ޓީމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން ކާންޓް ޕްލޭ އިން ވަނީ ސާކް ސަރަހައްދުގެ ގައުމުތަކަށް ހުޅުވާލައިގެން ބޭއްވި ފުރަތަމަ ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ރާއްޖެއަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ގޯލްކީޕަރު ޒައިދާން އަހްމަދު (އަސޫ) ޓީމުގައި ހިމަނައިފަ އެވެ. މީގެ އިތުރުން އެންމެ ފަހުން އޮތް ގޯލްޑަން ފުޓްސަލް މުބާރާތުގެ ކުއާޓާ ފައިނަލަށް ދުވާފަރު ގެންގޮސްދިނުމުގައި ބޮޑު ހިއްސާއެއްވި މުހައްމަދު އިސާމް (ޝަންޓޭ) ގެ އިތުރުން އެ މުބާރާތުގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިސްދޫ ޓީމުގެ މައި ދެ ތަނބު ކަމަށްވާ އަލީ ހުމޭޒާއި މީސާގު އީސާ ވެސް އެޓީމުގައި ވަނީ ހިމަނައިފަ އެވެ.
ޓީމުގެ ކޯޗަކަށް މިފަހަރު ހުރީ ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގައި މޮޅު ކުޅުމެއް ކުރިން ދެއްކި މުހައްމަދު ނިޒާމް (ތޮއްޑޫ ނިޒާމް) އެވެ.
ޔަންގް ސްޓާ: މާޒީގެ ހިތްދަތިކަން ފޮހެލަން ކެތްމަދުވެފައި
މިއީ މިދިޔަ އަހަރުގެ މުބާރާތުގެ ރަނަރަޕް ޓީމެވެ. ރަގަޅު ނަތީޖާތަކަކާއެކު މުބާރާތުގެ ފައިނަލަށް ދަތުރުކޮށް ވަރަށް އިތުބާރާއެކު ކުޅުނު ޔަންގް ސްޓާ ފައިނަލްގައި ކާންޓް ޕްލޭ އަތުން ބަލިވީ 0-1 އިންނެވެ.
ޔަންގް ސްޓާ އުފެދުނު ފަހުން މިއަހަރަށް 20 އަހަރު ފުރޭ އިރު އެ ޓީމު ވަނީ ސޯސަން ފުޓްސަލް ކަޕް ބޭއްވި ފުރަތަމަ އަހަރުވެސް މުބާރާތުގެ ފައިނަލްގައި ކުޅެފަ އެވެ. އެފަހަރުގެ ފައިނަލްވެސް ނާކާމިޔާބުވެފައި އޮތުމާއެކު މިފަހަރު އެޓީމު ނުކުންނާނީ މުބާރާތުގެ މާޒީގައި އެ ޓީމަށް ކުރިމަތިވި ހިތްދަތިކަން ފިލުވާލަން ވަރުގަދަ އަޒުމަކާ އެކު އެވެ.

ޔަންގް ސްޓާ ޓީމުގެ މެނޭޖްމަންޓްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ނިޝާހް އާދަމް "ފަހުމިނެޓް" އަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ މިފަހަރުގެ ޓީމު ވަރުގަދަ ކުރުމަށްޓަކައި ރާއްޖޭގެ ފުޓްސަލް ކިންގުގެ މަގާމް އެންމެ ފަހުން ހޯދި ޔާމީން މުހައްމަދު (ޔާންޓެ) ގެ އިތުރުން ފުރަތަމަ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގެ ރަން މެޑަލް ހޯދި ރާއްޖޭގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި އަބްދުﷲ ޝާފިއު (ޝާއްޕެ) އާއި އަހްމަދު ހަމީދު (އަންމަޑޭ) ގެނައުމަށް ހަމަޖެހިފައިވާކަމަށެވެ. މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގެ ސެމީ ފައިނަލުގައި ކުޅުނު ވިލިމާލެ ޓީމުގެ ހިތް ކަމަށްވާ އިސްމާއިލް ވަޖީހް (ވައްޖެ) ވެސް ވަނީ ޓީމުގައި ހިމަނައިފަ އެވެ.
ތޮއްޑޫގައި މިހާތަނަށް ބޭއްވި ހަތް ފުޓްސަލް މުބާރާތެއްގެ ތަށި އުފުލާލާފައިވާ ޔަންގް ސްޓާގެ ކޯޗަކަށް މިފަހަރުވެސް ހުރީ ކުރީ އަހަރުވެސް އެ ޓީމަށް އިރުޝާދު ދިން ހުސެއިން ފާރިޝް އެވެ.
އެފްސީ އަމިގޯސް: އަލުން ރަސްކަމަށް އަންނަން ތައްޔާރު
އެފްސީ އަމިގޯސް އަކީ ސޯސަން ފުޓްސަލް ކަޕްގެ އެންމެ ކާމިޔާބު ޓީމެވެ. އެންމެ ފަހުން ބޭއްވި ދެ މުބާރާތުގައި އެޓީމުން އުންމީދުކުރި ވަރުގެ ކާމިޔާބެއް ނުލިބުނަސް އެފްސީ އަމިގޯސްއިން ވަނީ ސޯސަން ފުޓްސަލް ކަޕްގެ ފުރަތަމަ ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ.
މިދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލައި މިފަހަރު އެފްސީ އަމިގޯސްއިން ތައްޔާރު ވަމުން އަންނަނީ އެހެން ހުރިހާ ފަހަރަކަށް ވުރެ ވެސް ވަރުގަދަކޮށެވެ. އެ ޓީމުގައި މިފަހަރު ތިބީ ހުސް ތަރިންނެވެ. ޓީމުގައި ހިމަނާފައި ތިބި ކުޅުންތެރިންގެ ހުނަރާއި ތަޖުރިބާއަށް ބަލާއިރު އެފްސީ އެމިގޯސްއަށް މިހާރު ވެސް އެއްވަނަ ލިބޭނެ އެވެ.

"ފަހުމިނެޓް" އާ ވާހަކަދައްކަމުން އެފްސީ އަމިގޯސްގެ މެނޭޖްމަންޓްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ހަރީޝް ބުނީ މިފަހަރުގެ ޓީމުގައި ރާއްޖޭގެ އެންމެ މަޝްހޫރު ފުޓްސަލް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އަލީ ހާފިޒް (ހާއްޕެ) އާއި ހުސައިން ޝަރީފް (އޮންލީ) އާއި އަޔާޒް އަހްމަދު (އަޔާ) ގެ އިތުރުން ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ރާއްޖެއަށް ރަން މެޑަލް ހޯދައިދިން ޓީމުގެ ބަދަލު ކީޕަރުގެ މަގާމު ފުރި އިބްރާހިމް ނާޖިހް (ހޭޓް) އާއި ރާއްޖޭގައި ބާއްވާ އެންމެ ޝަރަފްވެރި އެއް ފުޓްސަލް މުބާރާތް ކަމަށްވާ ކްލަބް މޯލްޑިވްސް ކަޕްގެ ކިންގުގެ މަގާމު އެންމެ ފަހުން ހޯދި އަހްމަދު އަފްލާޒް ހިމެނޭނެ ކަމަށެވެ. މީގެ އިތުރުން ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ ކާމިޔާބު ޓީމުކަމަށްވާ ތިމަރަފުށި ޓީމުގައި މުހިންމު ދައުރެއް އަދާކުރަމުން އަންނަ އިބްރާހިމް އަސްވަދު (ގަބޭ) ގެ އިތުރުން އެންމެ ފަހުން އޮތް ކްލަބް މޯލްޑިވްސް ކަޕްގެ ތަށި ހޯދި އާރްއާރުސީއަށް ކުޅުނު ބިދޭސީ ކުޅުންތެރިޔާ މޮހޮސިން މޮންޓަޒޭމީ ވެސް އެފްސީ އަމިގޯޒް ޓީމުގައި ވަނީ ހިމަނައިފަ އެވެ.
އެފްސީ އަމިގޯޒްއަށް މިފަހަރު އިރުޝާދު ދޭން ހުންނާނީ އާރްއާރްސީއަށް ކްލަބް މޯލްޑިވްސް ކަޕް މިދިޔަ އަހަރު ހޯދައިދިން ކޯޗް އިސްމާއިލް ޝަރީފެވެ.
ޔަންގް ޕްލޭޔާ: މަތިވެރި ދާއިރާއިން ނެގޭނެ އެންމެ ވަރުގަދަ ޓީމާއެކު ތޮއްޑޫއަށް
މިއީ މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ސޯސަން ފުޓްސަލް ކަޕްގައި ރަށުން ބޭރުން ބައިވެރިވި ހަމައެކަނި ޓީމެވެ. އަދި، މިއީ ބޮޑުފޮޅުދޫއަށް ނިސްބަތްވާ މި ޓީމު މުބާރާތުގައި ބައިވެރިވާ ދެވަނަ ފަހަރެވެ.
ޔަންގް ޕްލޭޔާއިން މީގެ ކުރިން މި މުބާރާތުގައި ބައިވެރިވި ފަހަރު ވެސް މުބާރާތް ސެމީ ފައިނަލާ ހަމައަށް ވަނީ ދަތުރުކޮށްފަ އެވެ. އެފަހަރު ބޮޑުފޮޅުދޫ އަށް ނިސްބަތްވާ އެހެން ޓީމެއްގެ އަތުން ސެމީ ފައިނަލްގައި ބަލިވިޔަސް މިފަހަރު އެޓީމު އެ ނުކުންނަނީ މުޅި ރަށުން ހޮވާލެވުނު އެންމެ ރަގަޅު ކުޅުންތެރިންނާއެކު އެވެ.

ޓީމު މައިގަނޑު ގޮރެއްގައި ބިނާވެފައި އޮތީ ގޯލްޑަން ފުޓްސަލް މުބާރާތުގެ އއ އަތޮޅުގެ ފައިނަލްގައި ވާދަކުރި ބޮޑުފޮޅުދޫ ޓީމުގައި ތިބި ޒުވާން ހުނަރުވެރި ކުޅުންތެރިންގެ މައްޗަށެވެ. މި ޓީމަށް އިތުރު ވަރުގަދަކަމެއް ގެނައުމަށްޓަކައި އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނު އަލީ އަލްސަން އާއި އޭނާއާއެކު މަތިވެރި ޓީމު ގޯލްޑަން މުބާރާތުގައި ލީޑްކުރި އިސްމާއިލް ނަސީމް (ބޯވަ) ވެސް ޔަންގް ޕްލޭޔާއަށް މިފަހަރު ކުޅޭނެ ކަމަށް އެ ޓީމުގެ ކޯޗް ޢަބްދުﷲ ރިފާޒް "ފަހުމިނެޓް" އާ ވާހަކަދައްކަމުން ބުނެފައިވެ އެވެ.
މުބާރާތުގައި ކުޅުމަށްޓަކައި ޔަންގް ޕްލޭއާ އިން ތޮއްޑޫގައި ކޭމްޕްކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ހެލޯ ބޭބީ: 2024 ގެ ކާމިޔާބީ ތަކުރާރު ކުރުމުގެ އުންމީދުގައި
ހެލޭ ބޭބީ އަކީ މި މުބާރާތް ފެށުނީއްސުރެ ކޮންމެ އަހަރަކު ވެސް މުބާރާތުގައި ބައިވެރިވަމުން އަންނަ ޓީމެކެވެ. ކޮންމެ އަހަރަކު ވެސް އެންމެ ދަށްވެގެން މުބާރާތުގެ ސެމީ ފައިނަލާ ހަމައަށް އެ ޓީމު ދަތުރުކުރެ އެވެ. މިހާތަނަށް ހެލޯ ބޭބީން ވަނީ މުބާރާތް އެއް ފަހަރު ކާމިޔާބު ވެސް ކޮށްފަ އެވެ.
ޓީމު އުފެދުނު ފަހުން ގިނަ އަހަރު ތަކެއް ވެފައިވާއިރު ހެލޯ ބޭބީ އަކީ ތޮއްޑޫގައި އޮންނަ ފުޓްސަލް ހުރިހާ މުބާރާތްތަކެއްގައި ކަހަލަ ގޮތަކަށް ބައިވެރިވަމުން އަންނަ ޓީމެކެވެ. ސޯސަން ފުޓްސަލް ކަޕްގެ ނަމުގައި މި މުބާރާތް ބާއްވަން ފެށުމުގެ ކުރިން ސޯސަން ކްލަބުން ބޭއްވި ސިކްސް އަ ސައިޑް މުބާރާތުގައި ވެސް ހެލޯ ބޭބީ އަކީ ކާމިޔާބު ޓީމެކެވެ. އެ މުބާރާތް ޖެހިޖެހިގެން ތިން ފަހަރު ކާމިޔާބު ކުރުމާ ގާތަށްވެސް އެޓީމު އޮތީ ގޮސްފަ އެވެ.
މިފަހަރުގެ ސޯސަން ފުޓްސަލް ކަޕަށް ވެސް ހެލޯ ބޭބީ ނުކުންނަނީ ވަރުގަދަ ސްކޮޑަކާ އެކު އެވެ. އެޓީމުން އެންމެ ފަހުން ބޭއްވި ގޯލްޑަން ފުޓްސަލް މުބާރާތުގައި އައްޑޫ ސިޓީ ހިތަދޫ ޓީމަށް ކުޅުނު ގިނަ ކުޅުންތެރިންތަކެއް ހެލޯ ބޭބީން ވަނީ ޓީމުގައި ހިމަނައިފަ އެވެ. އެގޮތުން ހިތަދޫ ޓީމުން އެ މުބާރާތުގައި އެންމެ މޮޅު ކުޅުމެއް ދެއްކި އަހްމަދު އަމްނު އާއި ދާނިޝް އިބްރާހިމް އަދި މުހައްމަދު ސަބާހް ހިމެނެ އެވެ. އަދި މީގެ އިތުރު ގދ. ވާދޫ ޓީމުގައި މޮޅު ކުޅުމެއް ދެއްކި މުހައްމަދު އިޔާދު ވެސް ހެލޯ ބޭބީ ޓީމުގައި ހިމަނައިފަ އެވެ.
ރިލެކްސް ކަމަނަ ތޮއްޑޫ ސޯސަން ފުޓްސަލް ކަޕް ފަށާނީ މާރިޗު 20 ވާ ހުކުރު ދުވަހު އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗު 24 ވަނަ ދުވަހު އެވެ.