ފުރަތަމަ ސަފްޙާ / ޚަބަރު / ރަން ގޯލާ ގުޅިފައި އޮތް ތޮއްޑޫގައި އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަނީ
ރަން ގޯލާ ގުޅިފައި އޮތް ތޮއްޑޫގައި އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަނީ
ތޮއްޑޫގައި މިދިޔަ އަހަރު ބޭއްވި މުބާރާތުގެ ތެރެއިން. މިއަހަރުގެ މުބާރާތަށް ވެސް ގިނަ ތައްޔާރީތަކެއް ވަނީ ވެފަ. ފޮޓޯ: ތޮއްޑޫ ސޯސަން ކްލަބް

ރަން ގޯލާ ގުޅިފައި އޮތް ތޮއްޑޫގައި އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަނީ

ފަހުމިނެޓް
ފަހުމިނެޓް
9 ގަޑިއިރު ކުރިން 10 މާރޗް 2026

ފުޓްބޯޅައިން ރާއްޖެ އަށް ފުރަތަމަ ރަން މެޑަލް ހޯދައިދިން ލަނޑު 2008 ވަނަ އަހަރު އޮތް ސާފް ޗެމްޕިއަންޝިޕްގެ ފައިނަލުގައި އިންޑިއާ ކޮޅަށް ވައްދާލި މުހުތާރު ނަސީރު (ޓޫލިކޯ) ގެ އުފަން ރަށް އއ. ތޮއްޑޫގައި އަގުބޮޑު ފުޓްސަލް މުބާރާތެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

ތޮއްޑޫ ސޯސަން ކްލަބްގެ ފަރާތުން އިންތިޒާމްކޮށްގެން މިއަހަރު ބާއްވާ ސޯސަން ފުޓްސަލް ކަޕްގައި 8 ޓީމަކުން ވަނީ ބައިވެރިވެފަ އެވެ. މިއީ މިއަހަރު 75 އަހަރު ފުރޭ ތޮއްޑޫ ސޯސަން ކްލަބުން ސޯސަން ފުޓްސަލް ކަޕްގެ ނަމުގައި މުބާރާތް ބާއްވާ ފަސް ވަނަ އަހަރެވެ.

މުޅިރާއްޖެ އަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މުބާރާތަކީ ތޮއްޑޫގެ އިތުރުން މުޅި އއ. އަތޮޅުގައި ވެސް ބާއްވާ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތެވެ. މިފަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކުގެ ތެރޭގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ކާންޓް ޕްލޭ، ރަނަރަޕް ޔަންގް ސްޓާ، 2024 ވަނަ އަހަރު އޮތް މުބާރާތުގެ ޗެމްޕިއަން ހެލޯ ބޭބީ އަދި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ އެފްސީ އަމިގޯސްގެ އިތުރުން ޔަންގް ޕްލޭޔާ ސްޕޯޓްސް ކްލަބް، އެފްސީ ރެބޯނާ، އަމިގޯސް އެފްސީ އަދި ފްލޭޝްއެވެ.

މި މަހުގެ 20 އިން 24 އަށް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވި 8 ޓީމުގެ ތެރެއިން ޔަންގް ޕްލޭޔާ ސްޕޯޓްސް ކްލަބަކީ އަކީ ބޮޑުފޮޅުދޫއަށް ނިސްބަތްވާ ޓީމެކެވެ.

ރޭގަނޑު ހުރިހާ މެޗުތަކެއް ވެސް ކުޅޭގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވަނީ މުބާރާތުގައި ބައިވެރިވި ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމަށް ސެމީ ފައިނަލުން ފުރުސަތު ލިބޭނެ އެވެ.

ޗެމްޕިއަން ޓީމަށް 55،000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 15،000 ރުފިޔާ ދޭގޮތަށް ހަމަޖެހިފައިވާ މިމުބާރާތުގެ މެއިން ސްޕޮންސަރަކީ ރިލެކްސް ކަމަނަ އެވެ.

މުބާރާތުގެ މީޑިއާ ޕާޓްނަރަކީ "ފަހުމިނެޓް" އެވެ. މި ނޫހުގެ ފަރާތުން މުބާރާތުގެ އެންމެ ފަހުގެ މައުލޫމާތާއި، މުބާރާތުގެ މެޗު ޝެޑިއުލް، ނަތީޖާތަކުގެ ލައިވް ކަވަރޭޖް ގެނެސްދޭނެ އެވެ.

 

ކޮމެންޓްސް