ޓީ 20 ކްރިކެޓް ވޯލްޑްކަޕް ފައިނަލްގައި ރޭ އިންޑިއާއިން ބޮޑު ތަފާތަކުން ނިއު ޒީލެންޑް ބަލިކޮށްމުބާރާތުގެ ތަށި ދިފާއުކޮށްފި އެވެ. އިންޑިއާގެ އަހްމަދުއާބާދުގައި ރޭ ކުޅުނު ފައިނަލް މެޗު އިންޑިއާއިން ކާމިޔާބުކުރީ 96 ލަނޑުންނެވެ.
މިއީ ޓީ 20 ކްރިކެޓް ވޯލްޑް ކަޕް އިންޑިއާއިން ކާމިޔާބުކުރި ތިން ވަނަ ފަހަރެވެ. އެންމެ ފަހުން 2024 ވަނައަހަރު އިންޑިއާ އިން މި މުބާރާތް ކާމިޔާބުކުރި އިރު ޓީ 20 ކްރިކެޓް ވޯލްޑް ކަޕް އެންމެ ފުރަތަމަ އިންޑިއާއިން އުފުލާލީ 2016 ވަނަ އަހަރު އެވެ.
އިންޑިއާ އިން ވަނީ މިދިޔަ އަހަރު އޮތް ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތްވެސް ކާމިޔާބުކޮށްފައެވެ.
ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ކުޅެން އެރީ އިންޑިއާ އެވެ. ލައްކައެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު ފައިނަލް މެޗުގައި އިންޑިއާ އިން ކުޅެން އަރައި 20 އޯވަރުގެ ތެރޭގައި 255 ލަނޑު ހެދި އެވެ. އެ ޓީމުގެ އިނިންގްސް ނިމުނު އިރު ނުބައިވީ ފަސް ކުޅުންތެރިންނެވެ.
އިންޑިއާ އިން އެންމެ ރަގަޅަށް ކުޅުނީ ސެމީ ފައިނަލް މެޗުގައިވެސް މޮޅު ކުޅުމެއް ދެއްކި ސަންޖޫ ސެމްސަން އެވެ. ސެމްސަން ވަނީ މި މެޗުގައި 46 ބޯޅައިން89 ލަނޑު ހަދައިފަ އެވެ.
ޖަވާބުގައި ނިއު ޒީލެންޑުން ކުޅެން އަރައި 20 އޯވަރު ހަމަނުވަނީސް އެންމެން ނުބައިވި އިރު ހެދުނީ 159 ލަނޑެވެ. ނިއު ޒީލެންޑުން އެންމެ ރަގަޅަށް ކުޅުނީ 26 ބޯޅައިން 52 ލަނޑު ހެދި ޓިމް ސެފާޓެވެ. އިންޑިއާ އިން އެންމެ ރަގަޅަށް އުކީ 15 ލަނޑަށް ހަތަރު ވިކެޓް ނެގި ބުމްރާހެވެ.