ޓީ 20 ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ނޭޕާލުން އިންގްލެންޑްގެ މައްޗަށް ކުރި ހޯދުމާދާދި ގާތަށް ގޮސްފައިވަނިކޮށް އެންމެ ފަހު ބޯޅައިން އިންގްލެންޑް ސަލާމަތްވެއްޖެ އެވެ.
އިންޑިއާގެ މުމްބާއީގައި ކުޅުނު ގްރޫޕް ސީގެ މި މެޗުގައި އެންމެ ފުރަތަމަ ކުޅެން އެރީ އިންގްލެންޑުންނެވެ. ޖުމްލަ 20 އޯވަރު ހަމަވިއިރު ހަތް ކުޅުންތެރިން ނުބައިވެގެން އިންގްލެންޑަށް ހެދުނީ 184 ލަނޑެވެ. އިންގްލެންޑުން އެންމެ ރަގަޅަށް ކުޅުނީ 35 ބޯޅައިން 55 ލަނޑު ހެދި ބިތެލް އާއި 32 ބޯޅައިން 53 ލަނޑު ހެދި ބްރޫކެވެ.
ޖަވާބުގައި ނޭޕާލުން ކުޅެން އަރައި އެންމެ ފަހު ބޯޅައާ ހަމައަށް އައިއިރު އެ ބޯޅަ ހަޔަކަށް ޖަހައިގެން ނޭޕާލަން މޮޅުވެވެން އޮތެވެ. އެކަމަކު އެ ބޯޅައަށް ބެޓްކުރަން ހުރި ލޮކޭޝްއަށް ހެދުނީ އެންމެ ލަނޑެކެވެ. އެއާއެކު ވަރުގަދަ އިންގްލެންޑް އަތުން ނޭޕާލް ބަލިވީ އެންމެ ހަތަރު ލަނޑުގެ ތަފާތުންނެވެ.
ނޭޕާލުން އެންމެ ރަގަޅަށް ކުޅުނީ 29 ބޯޅައިން 44 ލަނޑު ހެދި އައިރީ އާއި 20 ބޯޅައިން 39 ލަނޑު ހެދި ލޮކޭޝް އެވެ.
އިންޑިއާ އާއި ސްރީލަންކާގައި މިހާރު ކުރިއަށްދާ ޓީ 20 ކްރިކެޓް ވޯލްޑް ކަޕްގައި އިއްޔެ ވެސް ތިން މެޗު ކުޅެފައިވާއިރު ފުރަތަމަ މެޗުގައި ވާދަކުރީ ނިއު ޒީލްންޑާއި އަފްގާނިސްތާނެވެ. މި މެޗު ފަސް ވިކެޓުން ކާމިޔާބުކުރީ ނިއު ޒީލެންޑެވެ.
ދެ ވަނަ މެޗުގައި ނޭޕާލާއި އިންގްލެންޑް ވާދަކުރި އިރު ފަހު މެޗުގައި ވާދަކޮށްފައި ވަނީ ސްރީލަންކާ އާއި އަޔަލެންޑެވެ. މި މެޗު 20 ލަނޑުން ކާމިޔާބުކުރީ ސްރީ ލަންކާ އެވެ.