އިންޑިއާ އާއި ސްރީ ލަންކާގައި މިހާރު ކުރިއަށްދާ ޓީ 20 ކްރިކެޓް ވޯލްޑް ކަޕުން ދުނިޔޭގެ ކްރިކެޓްގައި މަޝްހޫރު އޮސްޓްރޭލިއާ މުބާރާތުގެ ގަދަ އަށަކަށް ނުގޮސް ކަޓައިފި އެވެ.
އޮސްޓްރޭލިއާއަށް މުބާރާތުގައި އިތުރަށް ކުރިއަށް ނުދެވޭނެކަން ޔަގީންވީ އިއްޔެ ކުޅެން ހަމަޖެހިފައި އޮތް ޒިންބާބުވޭ އާއި އަޔަލޭންޑްގެ މެޗު ވިއްސާރަވުމުގެ ސަބަބުން ކެންސަލްކޮށް މެޗުން ކޮންމެ ޓީމަކަށްވެސް އެއް ޕޮއިންޓް ދޭން ނިންމުމާއެކު އެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި އޮސްޓްރޭލިއާއަށް ގަދަ އަށަކަށް ދެވެން އޮތް ހަމައެކަނި ގޮތަކީ ޒިމްބާބުވޭ އިއްޔެގެ މެޗުން ބަލިވުމެވެ.
އޮސްޓްރޭލިއާއަށް މި ހާލަތާ ކުރިމަތިލާން ޖެހުނު މައިގަނޑު ސަބަބަކީ ހައިރާންކުރުވަނިވި ގޮތަކަށް ޒިންބާބުވޭ އަތުން އެ ޓީމު ބަލިވުމެވެ. ޒިންބާބުވޭ އިން ވަނީ ގްރޫޕް ސްޓޭޖުގައި އޮސްޓްރޭލިއާއާ ދެކޮޅަށް ކުޅުނު މެޗު 23 ލަނޑުގެ ތަފާތަކުން ކާމިޔާބުކޮށްފަ އެވެ. އެ މެޗުގައި ޒިންބާބުވޭ އިން ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 169 ލަނޑު ހެދިއިރު އޮސްޓްރޭލިއާއަށް ނުބައިކުރެވުނީ ޒިންބާބުވޭގެ އެންމެ ދެ ކުޅުންތެރިންނެވެ.
ޖަވާބުގައި އޮސްޓްރޭލިއާއިން ކުޅެން އެރުމުން ޒިންބާބުވޭ އިން ވަނީ 20 އޯވަރު ހަމަވާން ތިން ބޯޅަ އޮއްވައި އޮސްޓްރޭލިއާގެ ހުރިހާ ކުޅުންތެރިން ނުބައިކޮށްފަ އެވެ.
ޒިންބާބުވޭ އަތުން ބަލިވުމާއެކު ހޫނު ފެނަށް ވެއްޓިފައި އޮތް އޮސްޓްރޭލިއާއަށް މުބާރާތުގައި ކުރިއަށްދިއުމަށް އިތުރު ހުރަހެއް ކުރިމަތިވީ މިދިޔަ ހޯމަ ދުވަހު ސްރީ ލަންކާއާ ވާދަކޮށް ކުޅުނު މެޗުން އަށް ވިކެޓުން ބަލިވުމުންނެވެ.
މި މެޗުގައި އޮސްޓްރޭލިއާއިން ފުރަތަމަ ކުޅެން އަރައި ރަނގަޅު ސްކޯއެއް ހެދި އެވެ. 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވިއިރު އެ ޓީމުންވަނީ 191 ލަނޑު ހަދައިފަ އެވެ. އެކަމަކު އެއަށް ސްރީ ލަންކާއިން ޖަވާބު ދިނީ މާ ވަރުގަދައަށެވެ. ސްރީ ލަންކާއިން އެންމެ 18 އޯވަރުގެ ތެރޭގައި ޓާގެޓަށް ވާސިލްވިއިރު އެޓީމުން ނުބައިވީ އެންމެ ދެ ކުޅުންތެރިންނެވެ.