ދުނިޔޭގެ ތަށްޓަށް ކުޅޭ ފިރިހެނުންގެ ޓީ 20 ކްރިކެޓް މުބާރާތް މިއަދު އަވަށްޓެރި އިންޑިއާ އާއި ސްރީލަންކާ ގައި ފަށައިފި އެވެ.
ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 10:30 ގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ޕާކިސްތާނާއި ނެދަލޭންޑްސް އެވެ.
މުބާރާތް ހުޅުވާ މެޗުގެ އިތުރުން މިއަދު އަދި ދެ މެޗު ކުޅޭނެ އެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުގައި ރާއްޖޭގެ ގަޑިން 14:30 ގައި ވެސްޓް އިންޑީޒްއާއި ސްކޮޓްލެންޑް ވާދަކުރާގޮތަށް ހަމަޖެހިފައިވާއިރު، ދެވަނަ މެޗުގައި ރާއްޖޭގެ ގަޑިން މިރޭ 8:30 ގައި ބައްދަލުކުރާނީ އިންޑިއާ އާއި އެމެރިކާ އެވެ.
ޖުމްލަ 20 ގައުމަކުން ވާދަކުރާ މި މުބާރާތުގައި މި މަހުގެ 20 އާ ހަމައަށް ކުރިއަށްދާނީ ގްރޫޕް ސްޓޭޖުގެ މެޗުތަކެވެ. މި މެޗުތައް ކުރިއަށްދަނީ ޓީމުތައް ހަތަރު ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭ ފަސް ޓީމު ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކުރުމަށްފަހު ކޮންމެ ގްރޫޕަކުން ވެސް އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ދެން ވާދަކުރާނީ މުބާރާތުގެ ކުއާޓާ ފައިނަލް ނުވަތަ ސުޕަ އެއިޓް ބުރުގަ އެވެ.
މުބާރާތުގެ ގްރޫޕް ސްޓޭޖުން ހޮވޭ އަށް ޓީމު ވާދަކުރާ ބުރުވެސް ކުރިއަށްދާނީ ޓީމުތައް ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ވެސް ލީގު އުސޫލުން މެޗުތައް ކުޅުމަށްފަހު އެ ގްރޫޕަކުން އެންމެ ރަގަޅު ނަތީޖާ ހޯދާ ދެ ޓީމު ދެން ވާދަކުރާނީ ސެމީ ފައިނަލްގަ އެވެ.
ޓީ 20 ކްރިކެޓް ވޯލްޑް ކަޕަކީ ކޮންމެ ދެއަހަރުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް އެންމެ ފަހުން ކާމިޔާބުކޮށްފައިވަނީ އިންޑިއާ އެވެ.
މިފަހަރުގެ މުބާރާތުގައި މުޅިން އަލަށް ބައިވެރިވީ އިޓަލީ އެވެ. ބަންގްލަދޭޝް ފިޔަވައި ކްރިކެޓްގައި މަޝްހޫރު ހުރިހާ ގައުމަކުން މިފަހަރު ބައިވެރިވެ އެވެ. ބަންގްލަދޭޝް މުބާރާތުން ވަކިވީ އިންޑިއާގައި ކުޅެން ހަމަޖެހިފައި އޮތް އެ ގައުމު ވާދަކުރާ މެޗުތައް ސަލާމަތީ ސަބަބުތަކަށްޓަކައި ސްރީ ލަންކާއަށް ބަދަލުކޮށްދޭން ބަންގްލަދޭޝްއިން ހުށަހެޅި ހުށަހެޅުން ދުނިޔޭގެ ކްރިކެޓްގެ މައި އިދާރާ އިން ގަބޫލުނުކުރުމުންނެވެ.
އިންޑިއާއާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން މުބާރާތުން ވަކިވުމާ މެދު ޕާކިސްތާނުން ވެސް ވިސްނި އެވެ. އެކަމަކު ޕާކިސްތާނު ސަރުކާރުން ފަހުން ވަނީ މުބާރާތުގައި ވާދަކުރަން ނިންމައިފަ އެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މާޗު މަހުގެ އަށްވަނަ ދުވަހު އެވެ.