ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު ސިންގަޕޫރުގެ 19 އަހަރުން ދަށުގެ ގައުމީ ޓީމާ ދެކޮޅަށް ކުޅުނު އެކުވެރި ކަމުގެ ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.
މިރޭ ސިންގަޕޫރުގެ ޗޯޗޫކިން ސްޓޭޑިއަމްއގައި ކުޅުނު މި މެޗު ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުން ކާމިޔާބުކުރީ 3-4 އިންނެވެ.
މި މެޗުގައި ރާއްޖެއިން ކޮންމެ ހާފެއްގައި ދެ ގޯލުކާމިޔާބުކޮށްފައިވާ އިރު ރާއްޖޭގެ ގޯލްތައް ޖަހާފައިވަނީ މިއަދުގެ މެޗުގައި ރާއްޖޭގެ ޓީމުގެ ކެޕްޓަންކަން ކުރި މުހައްމަދު އިލާން އިމްރާން އާއި އެންމެ ފަހުން ނިމުނު ޕްރެޒިޑެންޓްސް ކަޕްގެމޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހުޒަމް ރަޝީދުގެ އިތުރުން އީތަން އިބްރާހީމް ޒަކީ އަދި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އަލްހާން ފައިސަލް އަމީނެވެ.
މި މަހުގެ 23 އިން ފެށިގެން އަންނަ މަހުގެ 3 އާ ހަމައަށް މާލޭގައި ކުރިއަށްގެންދާ ގޮތަށް ހަމަޖެހިފައިވާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ގައުމީ ޓީމު އިތުރު ތަމްރީނު ހޯދުމަށްޓަކައި ސިންގަޕޫރަށް ފުރީ މިދިޔަ ހުކުރު ދުވަހު އެވެ.
ސިންގަޕޫރުގައި ރާއްޖޭގެ ޖޫނިއާ ގައުމީ ޓީމުން ފުރިހަމަ ކުރުމަށްހަމަޖެހިފައިވާ ތަމްރީން ކޭމްޕްގައި ސިންގަޕޫރުގެ ޖޫނިއާ ގައުމީ ޓީމާ ދެކޮޅަށް އެކުވެރިކަމުގެ އެއް މެޗު އަދި ކުޅޭނެ އެވެ. މި މެޗު ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ.
ސިންގަޕޫރުގައި ރާއްރާޖޭގެ 20 އަހަރުން ދަށުގެ ގައުމީ ޓީމު ފުރިހަމަކުރަމުން އަންނަ ތަމްރީން ކޭމްޕަކީ ސިންގަޕޫރުގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ފުރިހަމަ ކުރަމުން އަންނަ ކޭމްޕެކެވެ.
ސާކް ސަރަހައްދުގެ ހަތް ގައުމުން ބައިވެރިވާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭ ގަ އެވެ. ރާއްޖެއާ އެކު ގްރޫޕް އޭގައި ދެން ހިމެނެނީ ނޭޕާލް ބޫޓާން އަދި ސްރީ ލަންކާ އެވެ. ގްރޫޕް ބީގައި އޮތީ އިންޑިއާ އާއި ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ.