ރާއްޖޭގައި ބާއްވާ އެންމެ ޝަރަފުވެރި ފުޓްބޯޅަ މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު އުމުރުން 18 އަހަރުގައި ހޯދުމަކީ އާދައިގެ ކަމެއް ނޫނެވެ. އަންގާރަ ދުވަހުގެ ރޭ ނިމުނު ޕްރެޒިޑެންޓްސް ކަޕްގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އޮޑި ސްޕޯޓްސް ކްލަބުގެ ޒުވާން ފޯވާޑް އަހުޒަމް ރަޝީދަށް ލިބުމާއެކު އެތައް ބައެއްގެ ތައުރީފު އޭނާއަށް އަމާޒުވީ އެހެންވެ އެވެ.
ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމުގެ އިތުރުން އަހުޒަމް ވަނީ މުބާރާތުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ. މުބާރާތުގައި ޖުމްލަ ތިން ގޯލް އަހުޒަމް ކާމިޔާބުކޮށްފައިވާއިރު އޭގެ ތެރެއިން ފުރަތަމަ ދެ ގޯލަކީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމަށްޓަކައި އޮޑިއަށް ކާމިޔާބުކުރުން މަޖުބޫރު މެޗެއްގައި ކްލަބް އީގަލްސް ކޮޅަށް އަހުޒަމް ވައްދާލި ދެ ގޯލެވެ. 2-4 އިން އޮޑި ކާމިޔާބުކުރި އެ މެޗުގައި އަހުޒަމް ވަނީ އިތުރު ގޯލެއް ޖަހަން އެހީތެރިވެސް ވެފަ އެވެ.
ޕްރެޒިޑެންޓްސް ކަޕްގައި އަހުޒަމް ޖެހި ތިން ވަނަ ލަނޑަކީ ސެމީ ފައިނަލް މެޗުގައި ބުރު ސްޕޯޓްސް ކްލަބް ކޮޅަށް ވައްދާލި ގޯލެކެވެ. މުބާރާތުގެ ފައިނަލް މެޗުގެ ނަތީޖާ ހަމަހަމަކުރަން އޮޑިން މާޒިޔާކޮޅަށް ވައްދާލި ގޯލަކީ ވެސް އަހުޒަމް ތަނަވަސްކޮށްދިން ފުރުސަތަކުން ކާމިޔާބުކުރި ގޯލެކެވެ.
ބުރަ މަސައްކަތުން ހޯދި ކާމިޔާބެއް
ޕްރެޒިޑެންޓްސް ކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމަކީ މުބާރާތާ ކުރިމަތިލީއިރު އަހުޒަމްގެ ޓާގެޓެއް ނޫނެވެ. އޭނާގެ ހުރިހާވެސް ވިސްނުމެއް ހުރީ މުބާރާތުގެ ތަށި އޮޑިއަށް ހޯދައިދޭން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނޑު މަތީގައި ކުރުމަށެވެ.
އޮޑިއަށް ތަށި ހޯދައިދޭން އަސްލު ބޭނުންވީ. އެކަން ހާސިލްކުރަން ކުރި ހުރިހާ މަސައްކަތަކާ އެކު އެ މަގާމުވެސް އެ ލިބުނީ
ހއ. ދިއްދޫ އަށް އުފަން އަހުޒަމް
އަހުޒަމް ގަބޫލުކުރާ ގޮތުގައި މޮޅު ކުޅުންތެރިޔާގެ އެވޯޑަކީ ޕްރެކްޓިހަށް ފަރުވާ ބަހައްޓައިގެން އޭނާ ކުރި މަސައްކަތުގެ ނަތީޖާ އެވެ.
"މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގަ ނީންނާނެ އެންމެ ޕްރެކްޓިސް އެއް ވެސް މިސްކޮށްލާފަ އެއް. އިންޖަރީގަ ހުރި ހަފްތާއެއް ހާ ދުވަހު ވެސް ޕްރެކްޓިސްކުރާ ތަނަށް ބަރާބަރަށް ދިޔައިން. ހީވަނީ މިކަންކަން މިގޮތަށް ކުރެވުނީމަހެން މިހިސާބަށް މި އާދެވުނީ" މިދިޔަ އަހަރު ސްރީ ލަންކާގައި އޮތް ސައުތު އޭޝިއަން ސުޕަ ކަޕް ކާމިޔާބުކުރި ރާއްޖޭގެ ގައުމީ ޓީމުގައިވެސް ހިމެނުނު އަހުޒަމް ބުނެފައިވެ އެވެ.

ކުރު މުއްދަތެއްގެ ތެރޭގައި އެންމެ އުހަށް
އަހުޒަމް އެންމެ ފުރަތަމަ ގިނަ ބައެއްގެ ލޮލުގައި އަޅައިގަތީ 2024 ވަނަ އަހަރުގެ ފަހުކޮޅު މާލޭގައި ބޭއްވި ނައިންޓީ ޕްލަސް ގޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގަ އެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ދިއްދޫ އިން ދ. ކުޑަހުވަދޫއާ ވާދަކުރި މެޗުގެ ފަހު ހާފުގައި ކުޅެން އަރައި އަހުޒަމް ވަނީ ހެޓްރިކް ހަދައިފަ އެވެ.
އޭގެ ކުރިން ހަމަ އެ އަހަރުގެ ތެރޭގައި އަހުޒަމް ވަނީ ގަލޮޅު ދަނޑުގައި ކުޅެފައެވެ. އެ އަހަރު އޮތް އެފްއޭއެމް ޔޫތު ލީގުގައި ގްރީން ސްޓްރީޓްސްއަށް ކުޅެ އަހުޒަމް ދެއްކި ކުޅުމާއެކު އޭޝިއަން އަންޑަރ 20 ޗެމްޕިއަންޝިޕްގެ ކޮލިފިކޭޝަން މެޗުތަކަށް ދިޔަ ރާއްޖޭގެ ގައުމީ ޓީމުގައި އަހުޒަމް ހިމެނުނެވެ. އޭރު އަހުޒަމްގެ އުމުރަކީ އެންމެ 16 އަހަރެވެ.އޮޑ

އޮޑީގެ ލޯ އަހުޒަމަށް އަމާޒުވީ ގޯލްޑް ކަޕްގައި އޭނާ ދެއްކި މޮޅު ކުޅުމާއެކު އެވެ. މިދިޔަ އަހަރު މުޅިން އަލަށް އެއްވަނަ ޑިވިޝަނަށް ކޮލިފައިވި އޮޑިއާއެކު އަހުޒަމް ކުޅުނު ފުރަތަމަ މުބާރާތަކީ މިދިޔަ އަހަރު މޭ މަހު އޮތް އެފްއޭއެމް ލީގު ކަޕެވެ. އޭގެ ފަހުން ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ މަގާމު އޮޑިއަށް ހޯދައިދިނުމުގައިވެސް އަހުޒަމް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ އެވެ. ލީގުގައި އަހުޒަމް ހަތަރު ގޯލު އޮޑިއަށް ކާމިޔާބުކޮށްދީ އިތުރު ހަ ގޯލު ޖަހަން ވަނީ އެހީތެރިވެދީފަ އެވެ.
އޮޑިއާ އެކު އަހުޒަމް ހުރީ ހިތްހަމަޖެހިގެން
އޮޑިއާ އެކު އަހުޒަމް ހޭދަކުރި ފުރަތަމަ ސީޒަން އޭނާއަށްވީ ފުޓްބޯޅައިގެ ހުނަރު ވަރަށް ބޮޑަށް ތަރައްގީކޮށްދިން ސީޒަނަކަށެވެ. އެއް ވަނަ ޑިވިޝަންގައި އަލަށް ވާދަކޮށް އޮޑިން ހޯދި ފުރިހަމަ ކާމިޔާބީގައި އަހުޒަމްގެ ބޮޑު ހިއްސާއެއް އޮތުމަކީ އޭނާއަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. އަހުޒަމް ގަބޫލުކުރާ ގޮތުގައި މިއީ އޮޑިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތުގެ ނަތީޖާ އެވެ.
އަހަރެން ބުނާނީ މިއީ ޓީމުގެ އެންމެން އެކައްޗެއް ކިޔައިގެން އެކަކު އަނެކަކަށް އެހީތެރިވެދީގެން ކުރި މަސައްކަތުގެ ނަތީޖާއޭ. މިސްޓޭކެއް އެކަކަކަށް ހެދުނަސް އެމީހަކަށް އެއްޗެހި ނުކިޔައި ރަގަޅު ކުރަން ހިތްވަރު ދީގެން ކުރި މަސައްކަތުން މި ކާމިޔާބު ލިބުނީ
އަހުޒަމް ރަޝީދު
އޮޑީގައި އަހުޒަމް ހުރީ ވަރަށް ހިތްހަމަޖެހިގެންނެވެ. އޭނާއަށް އެއީ ދެވަނަ އާއިލާ އެވެ.
"އަންނަ ސީޒަންގައިވެސް ކުޅޭނީ އޮޑިއަށް" ކްލަބު ބަދަލުކުރުމުގެ ވިސްނުމެއް ގެންގުޅެންތޯ ސުވާލުކުރުމުން އަހުޒަމް ބުންޏެވެ.
ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބާ އެކު އަހުޒަމްގެ މިހާރުގެ އަމާޒަކީ އަންނަ މަހު ރާއްޖޭގައި ބާއްވާ 20 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތަށި ރާއްޖެއަށް ހޯދައިދިނުމެވެ.