ޕެނަލްޓީގައި ވަރުގަދަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް ބަލިކޮށް، ފުރަތަމަ ޑިވިޝަނުގައި މުޅިން އަލަށް ވާދަކުރަން ފެށި އޮޑި ސްޕޯޓްސް ކްލަބުން ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދައިފި އެވެ.
ގަލޮޅު ދަނޑުގައި މިރޭ ކުޅުނު ފޯރިގަދަ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވީ 1-1 އިން ދެޓީމު އެއްވަރުވެގެންނެވެ. ޕެނަލްޓީގައި އޮޑި ކުރި ހޯދީ 5-4 އިންނެވެ.
މިއީ އޮޑި ސްޕޯޓްސް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ފުރަތަމަ ސީޒަނެވެ. އެޓީމުން މިވަނީ ފުރަތަމަ ފަހަރަށް ޕްރެޒިޑެންޓްސް ކަޕްގައި ކުޅެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މިއީ ފަހަކަށް އައިސް ފުރަތަމަ ޑިވިޝަނަށް މުޅިން އަލަށް ކޮލިފައިވެ ޓީމަކުން ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.
މިފަހަރުގެ ސީޒަނުގެ ލީގު އޮޑި ނިންމާލީ މާޒިޔާގެ ފަހަތުން ދެ ވަނައިގައި އޮވެގެންނެވެ. ލީގުގައި ވެސް މާޒިޔާއާ އެންމެ ވާދަވެރި ޓީމަކަށް ވީ އޮޑި އެވެ.
މެޗު ފަށައިގެން އުފެއްދި ފުރަތަމަ ހަމަލާގައި މާޒިޔާއިން ވަނީ ދެ ވަނަ މިނެޓުގައި ލީޑު ނަގައިފަ އެވެ. މިއީ ހުސައިން ސިފާއު ޔޫސުފް (ކުރޯ) ފޮނުވާލި ބޯޅަ ހޯދުމަށް ފަހު ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިގެން ނާއިޒް ހަސަން (ދާދު) ކާމިޔާބުކޮށްދިން ގޯލެކެވެ.
މާޒިޔާ ލީޑުގައި އޮއްވައި އޮޑިން ވަނީ 13 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޮޑީގެ ޒުވާން ކުޅުންތެރިޔާ އަހުޒަމް ރަޝީދު ޖައްސާލި ބޯޅަ އޭރިޔާ ތެރޭ ހުރެ ހޯދުމަށް ފަހު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލީ ބިދޭސީ ފޯވާޑް ކިއޭނޯ އެވެ.
ދެ ވަނަ ހާފުގައި އެއްވެސް ޓީމަކަށް ގޯލެއް ނުޖެހުނު ނަމަވެސް، ދެ ޓީމުން ވެސް ވަނީ ނުރައްކާތެރި ހަމަލާތައް އުފައްދައިފަ އެވެ. މުޅި މެޗަށް ބަލާއިރު އޮޑިން ވަނީ މާޒިޔާއާ ދެކޮޅަށް ފައިނަލުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.
އެއްވަރުވުން ޖެހި ޕެނަލްޓީގެ ތެރެއިން ފުރަތަމަ ފަސް ޕެނަލްޓީގައި އޮޑި އަތުން ދެ ޕެނަލްޓީ ބޭކާރުވި އެވެ. އެޓީމުގެ އިބްރާހީމް ވަހީދު ހަސަން (އިއްބެ) ފޮނުވާލި ޕެނަލްޓީ މާޒިޔާގެ ގޯލްކީޕަރު ހުސައިން ޝަރީފް މަތަކުރިއިރު މުހައްމަދު ރަޝީދު (ހޮކޭ) ޖެހި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
ފަސް ޕެނަލްޓީގެ ތެރެއިން އެއް ޕެނަލްޓީ ވައްދާލައިގެން ވެސް މާޒިޔާ އަށް އޮތީ ޗެމްޕިއަންކަން ކަށަވަރުވާ ގޮތަށެވެ. އެކަމަކު މާޒިޔާގެ އިބްރާހީމް އައިސަމް އާއި އަހުމަދު އައިހަމް ޖެހި ޕެނަލްޓީތައް އޮޑީގެ ކީޕަރު މުހައްމަދު ޝަފީއު (ޗެކް) މަތަކުރީ އެވެ.
ފުރަތަމަ ފަސް ޕެނަލްޓީގައި ދެޓީމު އެއްވަރުވުމުން އިތުރަށް ޖެހި ޕެނަލްޓީތަކުގެ ތެރެއިން މާޒިޔާގެ ކުރޯ ޖެހި ޕެނަލްޓީ ކީޕަރު ޝަފީއު މަތަކުރި އެވެ. އަދި، މޮޅުވާން ލިބުނު ފުރުސަތުގައި އޮޑީގެ އަހުމަދު އައިހަމް ވަނީ ޕެނަލްޓީ ކާމިޔާބުކޮށް ތާރީހީ ޗެމްޕިއަންކަން އެޓީމަށް ކަށަވަރުކޮށްދީފަ އެވެ.