ފުރަތަމަ ސަފްޙާ / ޚަބަރު / ބުރު ބަލިކޮށް އޮޑިން އެއް އަހަރު ތެރޭ ދެ ވަނަ ފައިނަލަށް
ބުރު ބަލިކޮށް އޮޑިން އެއް އަހަރު ތެރޭ ދެ ވަނަ ފައިނަލަށް
އޮޑި ސްޕޯޓްސް އާއި ބުރު ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން. އޮޑި ވަނީ ފައިނަލުން ޖާގަ ހޯދާފައި. ފޮޓޯ: ޕީއެސްއެމް ނިއުސް

ބުރު ބަލިކޮށް އޮޑިން އެއް އަހަރު ތެރޭ ދެ ވަނަ ފައިނަލަށް

އެޑްމިން
އެޑްމިން
2 ގަޑިއިރު ކުރިން 22 ފެބްރުއަރީ 2026

ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގެ ދެވަނަ މެޗުގައި ބުރު ސްޕޯޓްސް ކްލަބުގެ މައްޗަށް ކުރިހޯދައިގެން އޮޑި ސްޕޯޓްސް ކްލަބު ފައިނަލުގެ ޖާގަ ކަށަވަރުކޮށްފި އެވެ. 

ޕްރެޒިޑެންޓްސް ކަޕްގައި މުޅިން އަލަށް ވާދަކުރާ ދެޓީމުގެ މެދުގައި ރޭ ކުޅުނު ސެމީ ފައިނަލް މެޗުބުރުން ކާމިޔާބުކުރީ 0-2 އިންނެވެ. މިއީ އެއް އަހަރު ދުވަހުގެ ތެރޭގައި އޮޑިންޖާގަ ހޯދި ބޮޑު ދެވަނަ ފައިނަލެވެ. އެ ކްލަބުން ވަނީ މިދިޔަ އަހަރު މޭ މަހު ބޭއްވި އެފްއޭމް ލީގު ކަޕްގެ ފައިނަލްގައި ވެސް ކުޅެފަ އެވެ.

ޕްރެޒިންޓްސް ކަޕްގެ ފައިނަލްގައި އޮޑި ބައްދަލުކުރަންޖެހޭނީ ހުކުރު ދުވަހުގެ ރޭ ކުޅުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ވާދަކޮށްގެން ޕެނަލްޓީ ޖަހައިގެން މޮޅުވި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އެވެ. އެފްއޭއެމް ލީގު ކަޕްގެ ފައިނަލްގައި ވެސް އޮޑިއާ ވާދަކުރީ މާޒިޔާ އެވެ. އަނެއްކޮޅުން މި ސީޒަންގެ ދިވެހި ޕްރިމިއާ ލީގުގައި ވެސް އެންމެ ވާދަވެރި ދެ ޓީމުގެ ގޮތުގައި ވެސް ފެނުނީ އޮޑި އާއި މާޒިޔާ އެވެ. 

ގަލޮޅުދަނޑުގައި ރޭ ކުޅުނު ސެނީ ފައިނަލް މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ނުކުރެވި އެވެ. އެކަމަކު އޮޑިން މި ހާފުގައި ރަނގަޅަށް ކުޅެ ގޯލެއް ޖެހުމާ ދާދި ގާތަށް ދެފަހަރަކު ދިޔަ އެވެ. އެގޮތުން އޮޑީގެ ޒުވާން ފޯވާޑް އަހްޒަމް ރަޝީދު ބުރުގެ ގޯލާ އަމާޒުކޮށް ފޮނުވާލި ބޯޅައެއް ގޯލްކީޕަރު ހަސަން އަލީފް އިބްރާހިމް މަތަކުރިއިރު އޮޑީގެ އިނގިރޭސި ފޯވާޑް ކިޔާނޫ މާޝްބްރައުން ފޮނުވާލި ބޯޅައެއް ގޯލާ އަމާޒު ނުވެ ދިޔައީ ކިރިޔާ އެވެ. 

އޮޑިން މެޗުގައި ޖެހި ފުރަތަމަ ލަނޑު ފަހު ހާފު ފަށައިގެން ހަ ވަނަ މިނެޓްގެ ތެރޭގައިކާމިޔާބުކޮށް ދިނީ އެޓީމަށް ކުޅެމުން އަންނަ މިސްރުގެ ޑިފެންޑަރު އިސްލާމް ފެކްރީއެވެ. މިއީ އޮޑީގެ އަހްމަދު އައިހަމް (އައިހު) ނަގައިދިން ހުރަހެއް ބޮލުން ޖަހައި ގޯލަށް ވައްދާލައިގެން ފެކްރީ އިސްލާމް ކާމިޔާބުކޮށްދިން ލަނޑެކެވެ. 

އޮޑިއަށް މެޗުގެ ލީޑް ފުޅާކޮށްދިނީ 63 ވަނަ މިނެޓްގައި އަހުޒަމެވެ. މިއީ މި ސީޒަންގައި މޮޅުކުޅުމެއް ދައްކަމުން އަންނަ އަހުޒަމް މި މުބާރާތުގައި ކާމިޔާބުކުރި ތިން ވަނަ ގޯލެވެ. މި ލަނޑަށް ފަހު ވެސް އޮޑީގެ ލީޑު ފުޅާކުރުމާ ވަރަށް ގާތަށް އަހުޒަމް ދިޔަ އެވެ. އެކަމަކު ބުރުގެ ހާފުގެ މެދުތެރޭގައި ހުރެ އޭނާ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއާ އެވެ. ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އޮޑިން ކުޅެން ނުކުތް އަހްމަދު އަޔާޒް (އަޔާ) އިތުރު ވަގުތުގައި ފޮނުވާލި ހަމަލާއެއް ވެސް ވަނީ ގޯލުގެ ދަނޑިއާ އަމާޒުވެފަ އެވެ. 

ބުރުން ވެސްވަނީ ފަހު ހާފުގައި ލަނޑެއް ޖެހުމަށްޓަކައި ހަމަލާތަކެއް އުފައްދައިފަ އެވެ. އެގޮތުން ބުރަށް ލިބުނު ހިލޭ ޖެހުމެއްގައި ޢަބްދުﷲ ޔާމީން (ޔާނު) ފޮނުވާލި ބޯޅަ އޮޑީގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފަ އެވެ. 

މާޒިޔާ އާއި އޮޑި ވާދަކުރާ ފައިނަލް މެޗު އޮންނާނީ އަންނަ އަންގާރާ ދުވަހުގެ ރޭ 10 ޖަހާއިރު އެވެ. 

ކޮމެންޓްސް

ކޮމެންޓެއް ލިޔުއްވާ

އަދި ކޮމެންޓެއް ނެތް. ފުރަތަމަ ކޮމެންޓް ކުރައްވާ!