DPL

Advertisement

ފުރަތަމަ ސަފްޙާ / ޚަބަރު / އިސްދޫއިން ހޯދި ލ. އަތޮޅުގެ ތަށްޓާއެކު އެފްއޭއެމް ފުޓްސަލްގެ އަތޮޅު މުބާރާތް ނިމިއްޖެ
އިސްދޫއިން ހޯދި ލ. އަތޮޅުގެ ތަށްޓާއެކު އެފްއޭއެމް ފުޓްސަލްގެ އަތޮޅު މުބާރާތް ނިމިއްޖެ
އެފްއޭއެމް ފުޓްސަލް މުބާރާތުގެ ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިސްދޫ ޓީމު ތަށްޓާއެކު އުފާ ފާޅުކުރަނީ

އިސްދޫއިން ހޯދި ލ. އަތޮޅުގެ ތަށްޓާއެކު އެފްއޭއެމް ފުޓްސަލްގެ އަތޮޅު މުބާރާތް ނިމިއްޖެ

ފަހުމިނެޓް
ފަހުމިނެޓް
11 ގަޑިއިރު ކުރިން 23 ސެޕްޓެމްބަރު 2026

މިހާރު ކުރިއަށްދާ އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ލ. އަތޮޅުގެ ޗެމްޕިއަންކަން އިސްދޫއިން ހޯދައިފި އެވެ. އިސްދޫއިން ލ. އަތޮޅުގެ ޗެމްޕިއަންކަން ހޯދާފައި މިވަނީ ރޭ ކުޅުނު ފައިނަލް މެޗުގައި 1-2 އިން ގަން ބަލިކޮށްގެންނެވެ.

ލ. އަތޮޅުގެ މުބާރާތުގައި އިސްދޫ އާއި ގަމުގެ އިތުރުން ބައިވެރިވީ އަތޮޅުގެ ވެރިކަން ކުރާ ރަށް ފޮނަދޫ އެވެ. ފޮނަދޫއަށް މި މުބާރާތުގައި ޕޮއިންޓެއް ލިބިފައި ނުވާއިރު މުބާރާތުގެ ގްރޫޕް ސްޓޭޖުގައި އިސްދޫ އާއި ގަން ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ރޭ ކުޅުނު ފައިނަލް މެޗުގައި ފުރަތަމަ ލީޑް ނެގީވެސް އިސްދޫއިންނެވެ. މެޗުގެ ދެވަނަ ހާފު ފަށައިގެން ފުރަތަމަ މިނެޓްގެ ތެރޭގައި އިސްދޫގެ  އަހްމަދު އަފްޝަމް އެ ޓީމަށް ލީޑް ނަގައިދިން އިރު ގަމުން ވަނީ މެޗުގެ 34 ވަނަ މިނެޓްގައި ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ލަނޑު ގަމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ތަރި ހުސައިން ޝަރީފް (އޮންލީ) އެވެ.

ލ. އަތޮޅު މުބާރާތުގެ ޗެމްޕިއަންކަން ކަށަވަރުކޮށްދިން ލަނޑު މެޗުގެ އެންމެ ފަހުމިނެޓްގައި ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ލޫތު އަހްމަދު ފަތުހީ އެވެ. ލ. އަތޮޅު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އިސްދޫ ޓީމުގެ އަހްސަން ރަޝާދެވެ.

ލ. އަތޮޅު މުބާރާތް ނިމުމާއެކު އެފްއޭއެމް ފުޓްސަލްގެ އަތޮޅު ބުރުގެ ކުޅުން ވަނީ ނިމިފަ އެވެ. އަތޮޅު މުބާރާތަށްފަހު ދެން ކުރިއަށްދާނީ ޒޯން މުބާރާތެވެ. ރާއްޖެ ތިން ސަރަހައްދަކަށް ބަހާލައިގެން މުބާރާތް ކުރިއަށްގެންދަން ރާވާފައިވާއިރު ކޮންމެ ސަރަހައްދެއް ވަނީ ދެ ޒޯނަކަށް ބަހާލައިފަ އެވެ. ޖުމްލަ ހަ ޒޯންގައި ކުރިއަށްދާ މި މުބާރާތުގައި ވާދަކުރާނީ ކޮންމެ އަތޮޅެއްގެ ވެސް ޗެމްޕިއަން އަދި ރަނަރަޕް ޓީމެވެ. ޒޯން މުބާރާތްތައް ފަށާ ގޮތަށް ހަމަޖެހިފައިވަނީ މި މަހުގެ 25 ވަނަ ދުވަހު އެވެ.

ކޮމެންޓްސް

Matches
4
Ongoing
1
Upcoming
Predict
Settings