ށ. ގޮއިދޫ ސްޕޯޓްސް ފިއެސްޓާގައި ހިމެނޭ ބަށި މުބާރާތުގެ ފައިނަލްގެ ފަހު ޖާގަ އަޒުމް އިން ކަށަވަރުކޮށްފި އެވެ. މުބާރާތުގެ ފައިނަލުން އަޒުމް ޖާގަ ހޯދީ މިއަދު ހަވީރު ކުޅުނު ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި އޯކިޑްއާ ވާދަކޮށް 7 ލަނޑު 1 ފޯލީގެ ތަފާތުން މޮޅުވެގެންނެވެ.
މިއަދުގެ މެޗަށް ނުކުތްއިރު މެޗު ކާމިޔާބުކޮށްގެން ފައިނަލްގެ ޖާގަ ހޯދުމުގެ ފުރުސަތު ދެ ޓީމަށްވެސް އޮތެވެ. މިއަދު ހަވީރު ކުޅުނު މެޗުގައި އޯކިޑުން 11 ލަނޑު 11 ފޯލި ކާމިޔާބުކުރި އިރު އަޒުމްއިން ވަނީ 19 ލަނޑު ކާމިޔާބުކޮށްފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ އަޒުމްގެ ސޮފޫރާ އަބްދުލްހަމީދަށެވެ. މިއީ މި މުބާރާތުގެ މެޗެއްގައި މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ދެވަނަ ފަހަރެވެ.
އަޒުމް އާ ފައިނަލްގައި ވާދަކުރާނީ ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ފައިނަލްގެ ފުރަތަމަ ޖާގަ ކަށަވަރުކުރި ގްރީން ވިންގްސް އެވެ. އަޒުމްއިން މި މުބާރާތުގައި ހަމައެކަނި ބަލިވެފައިވަނީ ގްރީން ވިންގްސް އަތުންނެވެ. އެ މެޗުގައި ގްރީން ވިންގްސްއަށް މެޗު ކާމިޔާބުކުރެވުނީ ވަރަށް ކުޑަ ތަފާތަކުންނެވެ. އަޒުމް އިން އެ މެޗުގައި 15 ލަނޑު 9 ފޯލި ހެދިއިރު ގްރީން ވިންގްސްއިން ވަނީ 15 ލަނޑު ހަދައިފަ އެވެ.
ގޮއިދޫ ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ބަށި މުބާރާތުގެ ފައިނަލް މެޗު އޮންނބާނީ ހުކުރު ދުވަހު ހަވީރު އެވެ.