މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ތ. އަތޮޅު ބުރުގެ ޗެމްޕިއަންކަން ފުޓްސަލްގައި މަޝްހޫރު ތިމަރަފުށިން ހޯދައިފި އެވެ.
ތިމަރަފުށިން އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ އެރަށު ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލުގައި 1-2 އިން ވޭމަންޑޫ ބަލިކޮށްގެންނެވެ.
ތިމަރަފުށިން އަނެއްކާވެސް އަތޮޅު ޗެމްޕިއަންކަން ހޯދިއިރު، ފައިނަލުގައި ވޭމަންޑޫ އިން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މި ދެޓީމު ލީގު ބުރުގައި ކުޅުނު މެޗުން ތިމަރަފުށި ވަނީ 2-7 އިން މޮޅުވެފަ އެވެ. އެހެންވެ އަތޮޅު ފައިނަލުގައި ހިތްވަރުގަދަ ކުޅުމެއް ދައްކައި ކުޑަ ތަފާތަކުން ބަލިވިޔަސް ވޭމަންޑޫ އަށް ހިތްވަރެއް ލިބިފަ އެވެ.
މެޗު ފަށައިގެން ކުޑަ އިރުކޮޅެއްތެރޭ ތިމަރަފުށީގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ އާދަމް ނާސިހު އެވެ. ވޭމަންޑޫ އިން މެޗުގެ ނަތީޖާ ފުރަތަމަ ހާފުގައި ހަމަހަމަކުރީ ސޮލާހް އަލީ ޖެހި ގޯލުންނެވެ.
މެޗު އެއްވަރުކުރަން ގަދަ ހިތްވަރާ އެކު ކުޅެމުންދިޔަ ވޭމަންޑޫ ކޮޅަށް ތިމަރަފުށީގެ ދެ ވަނަ ގޯލު ޖެހީ އަހްމަދު އަފްލާޒް އެވެ.
ތިމަރަފުއްޓާއި ވޭމަންޑޫގެ އިތުރުން ތ. އަތޮޅު ބުުރުގައި ދެން ވާދަކުރީ ކިނބިދޫ އެވެ. އެކަމަކު އެޓީމަށް ފައިނަލުން ޖާގައެއް ނުލިބުނެވެ.
މި މޮޅާ އެކު ޗެމްޕިއަން ތިމަރަފުށި އަދި ރަނަރަޕް ވޭމަންޑޫ ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ.
ތިމަރަފުއްޓަކީ ރާއްޖޭގެ ފުޓްސަލްގައި އެންމެ ކާމިޔާބު ރަށެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޗެމްޕިއަންކަން އެރަށުން ވަނީ ތިން ފަހަރު ހޯދައިފަ އެވެ.
https://fahuminet.com/tournaments/fam-th-atoll-futsal-championship
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގައި މިހާރު ކުރިއަށްދަނީ ދެކުނުގެ އަތޮޅުތަކުގެ މެޗުތަކެވެ. ދެކުނުން ތ. އަތޮޅުގެ ކުޅުން ނިމުނުއިރު ލ. އަތޮޅުގެ ކުޅުން މިހާރު ދަނީ ކުރިއަށެވެ. އަދި މި ހަފްތާ ތެރޭ ގއ. އަތޮޅާއި ގދ. އަތޮޅުގެ ކުޅުން ނިމޭނެ އެވެ.
އަތޮޅު ބުރުގެ މެޗުތައް ނިމުމަށް ފަހު މުޅި ރާއްޖޭގައި ޒޯން ބުރުގެ މެޗުތައް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.