އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ މ. އަތޮޅުގެ ޗެމްޕިއަންކަން ދިއްގަރު ހޯދައިފި އެވެ.
ދިއްގަރު ޗެމްޕިއަންކަން ހޯދީ ރޭ ކުޅުނު އަތޮޅު ފައިނަލުގައި ވޭވަށާ ވާދަކޮށް 1-3 އިން މޮޅުވެގެންނެވެ.
މެޗުގައި ދިއްގަރުގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިސްމާއީލް ވާއިލް އާއި މުސްހަބު ބިން އަހުމަދުގެ އިތުރުން މުހައްމަދު ސާގިބެވެ. ވޭވަށުގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު އަޒާން އިސްހާގު އެވެ.
އަތޮޅުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާގެ މަގާމް ހޯދީ ދިއްގަރުގެ ވާއިލް އެވެ. ފެއާޕްލޭ ކުޅުންތެރިޔަކީ މުލީގެ މުހައްމަދު ފަޒީލް އެވެ. ފެއާޕްލޭ ޓީމަކީ މުއްޔެވެ. އެންމެ މޮޅު ކޯޗުގެ މަގާމް ހޯދީ ދިއްގަރުގެ އަހުމަދު ރީހާން އެވެ.
އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ ދިއްގަރުގެ ވާއިލް އާއި އިކްރާމް ހުސައިން އަދި އެޓީމުގެ ނޫހު މަސްހޫދުގެ އިތުރުން ވޭވަށުގެ ނާފިޒް އަބްދުއްޝަކޫރު އާއި ވޭވަށުގެ ގޯލްކީޕަރު މުހައްމަދު ނަވީން ނަސީމް އެވެ.
މ. އަތޮޅުގެ އެންމެ މޮޅު ކުޅުންތެރިޔަކީ ވާއިލް އެވެ.
މ. އަތޮޅުން އެފްއޭއެމް ފުޓްސަލްގައި ވާދަކުރީ ދިއްގަރާއި ވޭވަށުގެ އިތުރުން މުލައް އަދި މުއްޔެވެ.
ލީގު ބުރުގެ އެއް ވަނަ ހޯދީ ދިއްގަރެވެ. ދެ ވަނަ ވޭވަށް ހޯދިއިރު، ހަމަ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ލަނޑުގެ ތަފާތުން މުލައް ދިޔައީ ތިން ވަނަ އަށެވެ. ފުލަށް ދިޔައީ މުބާރާތް ހޯސްޓް ކުރި މުއްޔެވެ.
އެފްއޭއެމް ފުޓްސަލްގައި މިހާރު ކުރިއަށްދަނީ އަތޮޅު ބުރުގެ މެޗުތަކެވެ. މުބާރާތުގައި މުޅި ރާއްޖޭން 59 ރަށް ވަނީ ބައިވެރިވެފަ އެވެ. އަތޮޅު ބުރުގެ ކުޅުން ނިމޭގޮތަށް މިހާރު ތާވަލުކޮށްފައި އޮތީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.
އެންމެ ޓީމެއް ވާދަކޮށްފައިވާތީ މާލެ މާފަންނު އާއި ސ. ހިތަދޫގެ އިތުރުން ޏ. ފުވައްމުލަކުގެ އިތުރުން ށ. ކަނޑިތީމު އަދި ވ. ކެޔޮދޫ ވަނީ އޮޓަމެޓިކުން ޒޯން ބުރަށް ކޮލިފައިވެފަ އެވެ.