ނ. މާޅެންދޫގައި މިހާރު ކުރިއަށްދާ އަންހެނުންގެ ހޭންޑްބޯލް މުބާރާތުގައި އިއްޔެ ހަވީރު ގުޒެލްއިން އެންމެ ފަހުގެ ރަނަރަޕް ޗެލެންޖާސް ބަލިކުރުމާއެކު މުބާރާތުގެ ފޯރި އިތުރަށް ގަދަވެއްޖެ އެވެ.
އިއްޔެގެ މެޗަށް ދެ ޓީމު ނުކުތް އިރު ޗެލެންޖާސް އިން ވަނީ އެ ޓީމު މި މުބާރާތުގައި ކުޅުނު ފުރަތަމަ ދެ މެޗު ކާމިޔާބުކޮށް ފައިނަލަށް ދިއުމުގެ އުންމީދު ބޮޑުކޮށްފަ އެވެ. ގުޒެލްއިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ބުދަ ދުވަހުގެ ރޭ އެމެރަލްޑާ ދެކޮޅަށް ނުކުމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމާއެކު ޗެލެންޖާސްއަށް މި މެޗު ފަސޭހަ ނުވާނެ ކަމަށް ކުރިން ވެސް އޮތީ ބެލެވިފަ އެވެ.
ފުރަތަމަ މެޗެކޭ އެއްގޮތަށް ގުޒެލްއިން އިއްޔެގެ މެޗުގައިވެސް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގުޒެލްއިން އިއްޔެ ހަވީރު ކުޅުނު މެޗު 14-35 އިން ކާމިޔާބުކުރި އިރު އެ ޓީމުގެ އާމިނަތު މަލާޒާ އެކަނިވެސް ވަނީ 24 ގޯލް ކާމިޔާބުކޮށްފަ އެވެ. މިއާއެކު މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި މަލާޒާ މި މުބާރާތުގައި ކާމިޔާބުކުރި ޖުމްލަ ގޯލްގެ އަދަދު ވަނީ 37 އަށް އަރައިފަ އެވެ.

ޗެލެންޖާސްއަށް އިއްޔެ ބޮޑު ނާކާމިޔާބަކާ ކުރިމަތިވިއިރު އެ ޓީމުގެ ތަރި މަރިޔަމް ލަހުފާގެ ކުޅުންވެސް ފެނުނީ ކުރިން ޗެލެންޖާސް ކުޅުނު ދެ މެޗާ އަޅާ ބަލާއިރު ދަށްކޮށެވެ. މުބާރާތުގައި ޗެލެންޖާސްއިން ކުޅުނު ފުރަތަމަ ދެ މެޗުގައި ޖުމްލަ 20 ގޯލް ކާމިޔާބުކުރި ލަހުފާއަށް އިއްޔެގެ މެޗުގައި ކާމިޔާބުކުރެވޭ ގޮތްވީ އެންމެ ހަތަރު ގޯލެވެ. އިއްޔެގެ މެޗުގައި ޗެލެންޖާސްއަށް އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ ނުވަ ގޯލް ކާމިޔާބުކުރި ސާމިހާ އަބްދުއްރަހީމެވެ.
މި ނަތީޖާއާއެކު ފައިނަލްގެ ޖާގަ ގުޒެލްއަށް ވަނީ ގާތްގަނޑަކަށް ޔަގީންވެފަ އެވެ. އެކަމަކު މުބާރާތުގައި ރޭ ކަމަނައާއި އެމެރަލްޑް ބައްދަލުކުރި މެޗު ކަމަނައިން ކާމިޔާބުކުރުމާއެކު ޗެލެންޖާސް އަށް ފައިނަލްގެ ޖާގައެއް ކަށަވަރުވާނެކަން ނުވަތަ ނޫންކަން އަދި އެނގޭނީ މުބާރާތުގައި ލީގު އުސޫލުން ކުޅޭ އެންމެ ފަހު މެޗު ކުޅެ ނިމުމުންނެވެ.
މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ހޭންޑްބޯލް މުބާރާތުގައި ރޭ އެމަރަލްޑްގެ މައްޗަށް ކަމަނައިން ކުރި ހޯދީ 13-18 އިންނެވެ. މި މެޗުގައި ކަމަނަ ޓީމުގެ ތަރިއަކަށްވީ އެ ޓީމަށް 12 ގޯލް ކާމިޔާބުކޮށްދީގެން މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އީމާނާ އަލީ އެވެ. އެމެރަލްޑަށް ރޭގެ މެޗުގައި އެންމެ ގިނަ ގޯލް ކާމިޔާބުކޮށްދީފައިވަނީ ހަ ގޯލް ކާމިޔާބުކޮށްދިން މަރިޔަމް އިމްޝާ އެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމުގެ ފުރުސަތު ކަމަނައަށް ފަހިވި އިރު ފައިނަލްގެ ޖާގަ އެ ޓީމަށް ކަށަވަރުކުރެވެން އޮތީ މުބާރާތުގައި މިފަހަރު މޮޅު ކުޅުމެއް ދައްކަމުން އަންނަ ގުޒެލް ކުޑަ ތަފާތަކުން ނަމަވެސް ބަލިކޮށްގެންނެވެ.
https://fahuminet.com/tournaments/maalhendhoo-council-handball-tournament%202026
ހޭންޑްބޯލް މުބާރާތާ އެކުއެކީހެން ކުރިއަށްދާ ފިރިހެނުންގެ ފުޓްސަލް މުބާރާތުގެ ފައިނަލްގައި ކުޅޭނެ ދެ ޓީމު އިއްޔެ ވަނީ ކަށަވަރުވެފަ އެވެ. މުބާރާތުގައި އިއްޔެ ހަވީރު ޓެމަރާރިއޯސްއިން ކަބަޓާން އެފްޓީގެ މައްޗަށް ކުރި ހޯދުމާއެކު ފައިނަލުން ފުރުސަތު ލިބިފައިވަނީ ޓެމަރާރިއޯސް އާއި ކަބަޓާން އެސްސީ އަށެވެ.
އިއްޔެގެ މެޗުގައި 0-8 އިން ޓެމަރާރިއޯސް އިން ކަބަޓާން ބަލިކުރި އިރު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަހްމަދު ރާހިލް ރަޝީދު (ރާއްކޮ) ވަނީ ކަބަޓާން އެފްޓީގެ ގޯލަށް އިއްޔެ ހަތަރު ގޯލް ވައްދާލައިފަ އެވެ. މި މެޗުގައި ޓެމަރާރިއޯސްގެ ކެޕްޓަން އަލީ ފާރިޝް ވެސް ހެޓްރިކް ހެދިއިރު އެ ޓީމަށް ދެން މި މެޗުގައި ގޯލް ކާމިޔާބުކޮށްދިނީ މުހައްމަދު އިޝާމް (ޝަންޓޭ) އެވެ.
https://fahuminet.com/tournaments/maalhendhoo-council-futsal-tournament-2026
މާޅެންދޫ ކައުންސިލް އިދާރާއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ހަތަރު ވަނަ ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ.