މެޗަކުން ބަލިނުވެ އެފްއޭއެމް ކ. އަތޮޅުގެ ފުޓްސަލް ޗެމްޕިއަންކަން ކ. ގާފަރު ހޯދައިފި އެވެ.
ގާފަރު އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ހިންމަފުއްޓާ ވާދަކޮށް 2-5 އިން މޮޅުވެގެންނެވެ.
ކ. އަތޮޅު ބުރުގެ މެޗުތައް ކުރިއަށްދިޔައީ ވެސް ހިންމަފުށީގަ އެވެ. ރޭގެ މެޗުގައި އިބްރާހީމް ރިމާހު އާއި ޝަނާން ރަޝާދު، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކުރި އެވެ. އަނެއް ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ އައްޒާމް ނިޔާޒް އެވެ.
ހިންމަފުށީގެ ދެ ގޯލު ކާމިޔާބުކޮށްދިނީ ހުސައިން ނާފިޒު އާއި ހުސައިން ޝިޔާން އެވެ.

ގާފަރާއި ހިންމަފުށި ވެސް ފައިނަލަށް ދަތުރުކުރީ މެޗަކުން ބަލިނުވެ އެވެ. މި ދެޓީމުގެ އިތުރުން ކ. އަތޮޅު ބުރުގައި ވާދަކުރީ މާފުއްޓާއި ގުރައިދޫ އެވެ. ލީގު ބުރުގައި ހިންމަފުއްޓާއި ގާފަރު ވާދަކުރި މެޗު އެއްވަރުވީ 3-3 އިންނެވެ.

އަތޮޅު ޗެމްޕިއަންކަން ހޯދި ގާފަރާއި ރަނަރަޕް މަގާމު ހޯދި ހިންމަފުށި ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ.
އެފްއޭއެމް ފުޓްސަލް އެޓޯލް ޗެމްޕިއަންޝިޕްގެ މެޗުތައް މުޅި ރާއްޖޭގައި ކުރިއަށްދާއިރު، ފ. އަތޮޅާއި މ. އަތޮޅުގެ މުހިއްމު މެޗުތަކެއް މިއަދުވެސް ކުޅޭނެ އެވެ.
https://www.fahuminet.com/tournaments/fam-k-atoll-futsal-championship
އަތޮޅު ޗެމްޕިއަންޝިޕްގެ މެޗުތައް މުޅި ރާއްޖޭގައި ނިމޭނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.