މިހާރު ކުރިއަށްދާ އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގައި، ދ. އަތޮޅުގެ ފައިނަލުގައި، ވާދަވެރި ކުޑަހުވަދޫ ބަލިކޮށް މާއެނބޫދޫން އަތޮޅު ޗެމްޕިއަންކަން ހޯދައިފި އެވެ.
މާއެނބޫދޫ އަތޮޅު ޗެމްޕިއަންކަން ހޯދީ ރޭ ކުޑަހުވަދޫ ފުޓްސަލް ދަނޑުގައި ކުޅުނު ފައިނަލް މެޗު 3-0 އިން ކާމިޔާބުކޮށްގެންނެވެ.
މެޗުގައި މާއެނބޫދޫގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު ޝައިހާން އެވެ. އަނެއް ގޯލު ޖެހީ އަކްރަމް އަހުމަދެވެ.
މާއެނބޫދޫއަކީ ހުނަރުވެރި ކުޅުންތެރިންތަކެއް ހިމެނޭ ރަށެކެވެ. ފުޓްސަލްގައި އެޓީމުން އަންނަނީ އަހަރުން އަހަރަށް ކުރިއެރުން ހޯދަމުންނެވެ. އެކަމަކު ގޯލްޑަން ފުޓްސަލް ޗެލެންޖުގައި އަތޮޅު ޗެމްޕިއަންކަން ހޯދުމަށް އެޓީމަށް މިދިޔަ އަަހރުތަކުގައި ކުރިމަތިވި ހުރަހަކީ ކުޑަހުވަދޫ އެވެ. އެހެންވެ ކުޑަހުވާދޫއާ މާއެނބޫދޫއާ ދެމެދު ފުޓްސަލްގައި އޮންނަނީ ވަރުގަދަ ވާދަވެރިކަމެކެވެ. އަހަރުތަކަކަށް ފަހު އެންމެ ވާދަވެރި ރަށް ބަލިކޮށް އަތޮޅު ފުޓްސަލްގެ ޗެމްޕިއަންކަން ލިބުމަކީ މާއެނބޫދޫން މިދިޔަ އަހަރުތަކުގައި ކުރަމުން ދިޔަ ބުރަ މަސައްކަތަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ.

އަތޮޅު ޗެމްޕިއަން މާއެނބޫދޫ އާއި ކުޑަހުވަދޫ ދެން ވާދަކުރާނީ ޒޯން ބުރުގަ އެވެ.
އެފްއޭއެމް އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕަށް ބަލާއިރު، މިއަދު މ. އަތޮޅުގެ ކުޅުން ފަށާނެ އެވެ. މ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި ފ. އަތޮޅުގެ ކުޅުން ވެސް މިހާރު ކުރިއަށްދެ އެވެ.
އެޓޯލް ޗެމްޕިއަންޝިޕްގެ ކުޅުން މުޅި ރާއްޖޭގައި ނިމޭނީ ސެޕްޓެމްބަރު 14 ގަ އެވެ. އޭގެފަހުން ދެން ކުރިއަށްދާނީ ޒޯން ބުރުގެ މެޗުތަކެވެ. ޒޯން މުބާރާތަށްފަހު ރީޖަން ލީގު ކުޅޭނެ އެވެ. ހަތަރު ރީޖަނުގެ ޗެމްޕިއަނުން ދެން ވާދަކުރާނީ މާލޭގައި އޮންނަ މުބާރާތުގަ އެވެ. އަދި، އޭގެފަހުން އެ ހަތަރު ޓީމު ރާއްޖޭގެ ފުޓްސަލް ލީގުގައި ވެސް އަންނަ އަހަރު ވާދަކުރާނެ އެވެ. ރާއްޖޭގެ ފުޓްސަލް ލީގުގައި ހަތަރު ޓީމާ އެކު ވާދަކުރާނީ ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ 8 ޓީމެވެ.