ނ. މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން މިހާރު ކުރިއަށްގެންދާ އެމްވައިއެމް ފުޓްސަލް ޗެލެންޖުގައި ރެއާ ހަމައަށް ޕޮއިންޓެއް ނުލިބި އޮތް ގޯލްޑަން ފެލްކަންސް އިން މިރޭ ބޮޑު މޮޅެއް ހޯދައި މުބާރާތުގެ ސެމީ ފައިނަލްގައި ކުޅުމުގެ އުންމީދު އާކޮށްފި އެވެ.
ފަސް ޓީމު ވާދަކުރަމުން އަންނަ އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ސެމީ ފައިނަލްގެ ތިން ޖާގަ ޑީ ޓެން އެފްސީ އާއި ޗިކޯސް އެފްސީގެ އިތުރުން މިރޭ ބަލިވި ފެލްކަންސް ކަށަވަރުކޮށްފައިވާއިރު ސެމީގެ ފަހު ޖާގައަށް ވާދަކުރަނީ ގޯލްޑަން ފެލްކަންސް އާއި ތިން މެޗު ކުޅެގެން އަދި އެންމެ ޕޮއިންޓެއްވެސް ނުލިބި އޮތް މާފަރު ފުޓްސަލް ޓީމެވެ.
ލީގު އުސޫލުން ކުޅެން ހަމަޖެހިފައި އޮތް އެންމެ ފަހު މެޗުގައި ގޯލްޑަން ފެލްކަންސް އާއި މާފަރު ފުޓްސަލް ޓީމު މިރޭ ވާދަކުރާ ގޮތަށް ހަމަޖެހިފައިވާއިރު ސެމީ ފައިނަލްގެ ޖާގައެއް މާފަރަށް ހޯދެން އޮތް ހަމައެކަނި ގޮތަކީ ހަތަރު ލަނޑުގެ ތަފާތަކުން ގޯލްޑަން ފެލްކަންސްގެ މައްޗަށް ކުރި ހޯދުމެވެ. އެނޫން ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް ސެމީގެ ފަހު ޖާގަ ލިބޭނީ އެގްއޭއެމް އެޓޯލް ޗެމްޕިއަންޝިޕްގެ ނ. އަތޮޅުގެ ތަށި އުފުލާލި މަގޫދޫ އަށް ނިސްބަތްވާ ގޯލްޑަން ފެލްކަންސްގެ ޖާގައެއް ނުގެއްލޭނެ އެވެ.
އެމްވައިއެމް ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ދެ މެޗުގެ ތެރެއިން ފުރަތަމަ މެޗު 1-7 އިން ގޯލްޑަން ފެލްކަންސް ކާމިޔާބުކުރި އިރު މި މެޗުގައި އެ ޓީމުގެ މުހައްމަދު އިހުސާން ވަނީ ހެޓްރިކް ހަދައިފަ އެވެ. ރޭގެ މެޗުގައި ގޯލްޑަން ފެލްކަންސްއަށް ދެން ގޯލްތައް ކާމިޔާބުކޮށްދީފައިވަނީ މިގްދާފު މުހައްމަދާއި، ހުސައިން ޝައްފާހް އަދި ހުސައިން މިބުސަމް އެވެ. މި މެޗުގައި ފެލްކަންސް އިން ޖެހި ހަމައެކަނި ލަނޑެއް އެ ޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން ޝާދިން އެވެ.
https://www.fahuminet.com/tournaments/miladhoo-mym-futsal-challenge-2026
މުބާރާތުގައި ރޭ ކުޅުނު ދެވަނަ މެޗުގައި މިވަގުތު ޕޮއިންޓް ޓޭބަލްގެ އެންމެ ކުރީގައި އޮތް ދެ ޓީމު ކަމަށްވާ ޑީ ޓެން އެފްސީ އާއި ޗިކޯސް އެފްސީ ވާދަކުރި މެޗު 0-0 އިން ވީ އެއްވަރެވެ.
މިރޭ މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުތައް ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ވާދަކުރާނީ ޗިކޯސް އާއި ފެލްކަންސް އެވެ. ފަހު މެޗުގައި ބައްދަލުކުރާނީ ގޯލްޑަން ފެލްކަންސް އާއި މާފަރެވެ.