ހެލްތު ކަޕްގެ އަންހެން ޑިވިޝަނުގައި ރޭ ކުޅުނު މެޗުތަކަށް ފަހު ގްރޫޕް އިން ސެމީ ފައިނަލުގެ ޖާގައެއް ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އަންހެން ޓީމު، އެޗްޕީއެސްއެން އިން ހޯދިއިރު ގްރޫޕް ބީގެ ސެމީގެ ފަހު ޖާގަ ހޯދަން މޯލްޑިވިއަން އެއާ އެމްބިއުލާންސް އާއި ޓީމު ދަރުމަވަންތަ ފަހު މެޗުގައި ގަދަހިފުމަކަށް ދާން ޖެހިއްޖެ އެވެ.
ހެލްތު ކަޕްގައި ރޭ ވަނީ އަންހެން ޑިވިޝަނުގެ ހަތަރު މެޗު އަދި ފިރިހެން ޑިވިޝަނުގެ ދެ މެޗު ކުޅެފަ އެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް ބީގެ މެޗުތަކުން މޮޅުވީ އެޗްޕީއެސްއެން އާއި ހުޅުމާލެ ހޮސްޕިޓަލެވެ. އެޗްޕީއެސްއެން އިން 5-0 އިން ވީސީ ހީލާސް ބަލިކުރިއިރު ހުޅުމާލެ ހޮސްޕިޓަލުން މެޑިކާ ހޮސްޕިޓަލް ބަލިކުރީ 0-15 އިންނެވެ.
އެޗްޕީއެސްއެން ހޯދި މޮޅުގައި ގޯލުތައް ޖަހައިދިނީ ސާލިހާ މުހައްމަދާއި ފާތިމަތު ފަދުވާގެ އިތުރުން ސުހައިނާ އަލީ އަދި އާއިޝަތު ޝާނީ އާއި އާއިޝަތު ޝިފާޒާ އެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސުހައިނާ އަލީ އެވެ.
ހުޅުމާލެ ހޮސްޕިޓަލުން ހޯދި ބޮޑު މޮޅުގައި، ފާތިމަތު ހަމްދޫނާ އާއި އާއިޝަތު ސައުސަން ހަމްދުﷲ، މިއިން ކޮންމެ ކުޅުންތެރިއަކު ހަތަރު ގޯލު ޖެހި އެވެ. އަދި އެޓީމުގެ ފާތިމަތު ޝާއިގާ އަބޫބަކުރާއި ފާތިމަތު ޝިއުނާ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ. ހުޅުމާލެ ހޮސްޕިޓަލަށް ދެން ގޯލު ޖަހައިދިނީ، މަރްޔަމް ފަލާކީ އާއި ޝަކީބާ ޒުހައިރުގެ އިތުރުން އާއިޝަތު ޝިފްޒާ ޝިހާމެވެ. މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަމްދޫނާ އެވެ.

ގްރޫޕް ބީގެ ކުޅުން ނިމުނުއިރު އެއް ވަނަ ހޯދީ 9 ޕޮއިންޓާ އެކު ހުޅުމާލެ ހޮސްޕިޓަލެވެ. ދެ ވަނަ ލިބުނީ 6 ޕޮއިންޓް ހޯދި އެޗްޕީއެސްއެން އަށެވެ. ވީސީ ހީލާސް އަށް 3 ޕޮއިންޓް ލިބުމުން އެޓީމަށް ސެމީ ފައިނަލުގެ ފުރުސަތެއް ނުލިބުނެވެ. ފުލަށް ދިޔައީ ތިން މެޗުން ވެސް ބަލިވި މެޑިކާ ހޮސްޕިޓަލެވެ.
އަންހެން ޑިވިޝަނުގެ ގްރޫޕް އޭގެ ދެ މެޗު ވެސް ރޭ ފެނުނީ ވަރަށް ވާދަވެރިކޮށެވެ. މިގޮތުން ކްލަބް އާސަންދަ އާއި ޓީމު ދަރުމަވަންތަ ވާދަކުރި މެޗު 1-1 އިން އެއްވަރުވިއިރު މޯލްޑިވިއަން އެއާ އެމްބިއުލާންސާ ވާދަކޮށް ހެލްތު ރެކްރިއޭޝަން ކްލަބް ވަނީ 0-2 އިން މޮޅުވެފަ އެވެ.
އާސަންދަ ކޮޅަށް ދަރުމަވަންތައިގެ ގޯލު ޖެހީ އާއިޝަތު ލައިޝާ އަޒުމީލް އެވެ. އާސަންދައިގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ އާމިނަތު މައިހާ މޫސާ އެވެ.
މޯލްޑިވިއަން އަތުން ހެލްތު ރެކްރިއޭޝަން މޮޅުވި މެޗުގައި ގޯލު ޖެހީ އާއިޝަތު ސާމިޔާ އާއި ސިންވާ އަބްދުއްލަތީފް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ސާމިޔާ އެވެ.
https://fahuminet.com/tournaments/health-cup-2026-womens-division
ގްރޫޕް އޭގެ ފަހު ދެ މެޗު އޮންނާނީ މާދަމާ ރެ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ސެމީގެ ޖާގަ ކަށަވަރުކޮށްފައިވާ ހެލްތާއި މުބާރާތުން ކަޓާފައިވާ ދި އައިކޮނިކްސް އެވެ. އަނެއް މެޗުގައި ވާދަކުރާނީ މޯލްޑިވިއަން އާއި ދަރުމަވަންތަ އެވެ. މި މެޗުގެ ވާދަވެރިކޮށް ބޮޑުވެފައިވާއިރު، މެޗު އެއްވަރުކޮށްލައިގެން ވެސް މޯލްޑިވިއަން އެއާ އެމްބިއުލާންސަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ.
ހެލްތު ކަޕްގެ ފިރިހެން ޑިވިޝަނުގައި ރޭ އާސަންދަ އާއި ހުޅުމާލެ ހޮސްޕިޓަލް ވާދަކުރި މެޗު ނިމުނީ 5-5 އިން އެއްވަރުވެގެންނެވެ. އަދި މިބްސާ އިން ވަނީ ޓީމް ބަދަހި 3-10 އިން ބަލިކޮށްފަ އެވެ.
ފިރިހެން ޑިވިޝަނުގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތައް ކުޅޭނީ މިރެ އެވެ. މިރޭ ކުޅޭނީ ގްރޫޕް އޭ، ބީ އަދި ޑީގެ ފަހު މެޗުތަކެވެ.