ނ. މިލަދޫގައި މިހާރު ކުރިއަށްދާ އެމްވައިއެމް ފުޓްސަލް ޗެލެންޖުގައި ރޭ ފަލްކަންސްއިން މާފަރު ފުޓްސަލް ޓީމުގެ މައްޗަށް ކުރި ހޯދުމާއެކު ތިން ޓީމަކަށް ސެމީ ފައިނަލްގެ ޖާގަ ކަށަވަރު ވެއްޖެ އެވެ.
ފަސް ޓީމަކުން ވާދަކުރަމުން އަންނަ މި މުބާރާތުގެ މެޗުތައް ލީގު އުސޫލުން ކުޅެމުން އަންނައިރު ސެމީ ފައިނަލްގެ ޖާގަ މިހާތަނަށް ކަށަވަރުކުރި ތިން ޓީމަކީ ފެލްކަންސްގެ އިތުރުން މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުވެސް ކާމިޔާބުކޮށްފައިވާ ޗިކޯސް އެފްސީ އާއި، ރޭ ކުޅުނު ދެވަނަ މެޗުގައި ގޯލްޑަން ފެލްކަންސްގެ މައްޗަށް ކުރި ހޯދި ޑީ ޓެން އެފްސީ އެވެ.
މުބާރާތުގައި މިހާތަނަށް މާފަރު ފުޓްސަލް ޓީމުން ކުޅުނު ތިން މެޗުން ބަލިވެފައި އޮތް ނަމަވެސް އެ ޓީމަށް ސެމީ ފައިނަލްގެ ހަތަރު ވަނަ ޖާގަ ހޯދުމުގެ ފުރުސަތު އަދިވެސް އެބަ އޮތެވެ. އެކަމަކު އެކަން ޔަގީން ވާނީ ލީގު އުސޫލުން ކުޅެން އޮތް އެންމެ ފަހު މެޗުގައި މިހާތަނަށް އަދި ޕޮއިންޓެއް ނުލިބި އޮތް ގޯލްޑަން ފެލްކަންސް އާ ވާދަކޮށް ނަތީޖާ ނުކުންނަ ގޮތަކުންނެވެ.
މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ބާއްވަމުން އަންނަ ހަތްވަނަ ފުޓްސަލް މުބާރާތުގައި ރޭ ކުޅުނު ފުރަތަމަ މެޗުގައި ފެލްކަންސް އިން މާފަރު ފުޓްސަލް ޓީމު ބަލިކުރީ 2-3 އިންނެވެ. މި މެޗުގެ ކުރީކޮޅު މާފަރު ޓީމުގެ އިބްރާހިމް ޒަކަރިއްޔާ ކާމިޔާބުކޮށްދިން ގޯލާއެކު ފުރަތަމަ ހާފު ލީޑުގައި އޮވެގެން އެ ޓީމުން ނިންމާލި ނަމަވެސް ދެވަނަ ހާފުގެ ނުވަ ވަނަ މިނެޓްގައި ފެލްކަންސްގެ އިބްރާހިމް ހިޝާމް ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރި އެވެ.
ދެން ފެނުނީ އަނެއްކާވެސް މާފަރުން އިތުރު ހިތްވަރަކާއެކު ކުޅެ މެޗުގެ 33 ވަނަ މިނެޓްގައި ލަނޑެއް ޖަހައި އަލުން ލީޑު ނެގި ތަނެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އާހިލް އިލްޔާސް އެވެ. އެކަމަކު އޭގެ އެއް މިނެޓް ފަހުން ފެލްކަންސްގެ ހުސައިން ސާދިން ލަނޑެއް ޖަހައި ނަތީޖާ އަނެއްކާވެސް ހަމަހަމަކުރި އެވެ. މެޗުން ތިން ޕޮއިންޓް ފެލްކަންސް އަށް ކަށަވަރުކޮށްދިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް މުހައްމަދު ލަހްފާނެވެ.
https://fahuminet.com/tournaments/miladhoo-mym-futsal-challenge-2026
ރޭ ކުޅުނު ދެވަނަ މެޗުގައި ގޯލްޑަން ފެލްކަންސްގެ މައްޗަށް ޑީ ޓެން އެފްސީ ކުރި ހޯދީ 2-5 އިންނެވެ. މި މެޗުގައި ފެނުނު ހަތް ގޯލްވެސް ފަހު ހާފުގައި ޖަހައިފައިވާ އިރު ޑީ ޓެންއިން ޖެހި ފަސް ގޯލްގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްފައިވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އަލީ ހާފިޒެވެ. ޑީ ޓެންއިން ޖެހި އަނެއް ތިން ގޯލް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ކިރަމް އާއި، ހަސަން އަބްދުއްސަމަދުގެ އިތުރުން އަހްމަދު އިނަފް އެވެ. ގޯލްޑަން ފެލްކަންސް އިން ރޭ ޑީ ޓެން ކޮޅަށް ގޯލް ޖެހީ އަލީ ޝާހިދާއި، މުހައްމަދު އިހުސާނެވެ.
ރޭގެ ނަތީޖާތަކާއެކު ތިން މެޗު ކުޅެގެން ހޯދި ހަތް ޕޮއިންޓާއެކު އެއްވަނައިގައި މިވަގުތު އޮތީ ޑީ ޓެން އެވެ. ހަ ޕޮއިންޓާއެކު ޗިކޯސް ދެވަނައިގައި އޮތް އިރު ތިންވަނައިގައި އޮތީ ފެލްކަންސް އެވެ.
މިލަދޫ ކައުންސިލް އިދާރާގެ ވަރަށް ފުރިހަމަ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މުބާރާތުގައި މިރޭވެސް ދެ މެޗު ކުޅޭ ގޮތަށް ހަމަޖެހިފައިވާ އިރު ފުރަތަމަ މެޗުގައި ބައްދަކުކުރާނީ ފެލްކަންސް އާއި ގޯލްޑަން ފެލްކަންސް އެވެ. ދެވަނަ މެޗުގައި ވާދަކުރާނީ ޗިކޯސް އާއި ޑީ ޓެން އެވެ.