މުޅި ރާއްޖެ އަށް ހުޅުވާލައިގެން ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަން، ހދ. ނައިވާދޫ ބަލިކޮށް އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ހަނިމާދޫ އިން ހޯދައިފި އެވެ.
ނޮޅިވަރަންފަރު ފުޓްސަލް ދަނޑުގައި މިރޭ ކުޅުނު ފައިނަލް މެޗުން ހަނިމާދޫ މޮޅުވީ 0-2 އިންނެވެ.
ނައިވާދޫ އަކީ މިހާރު ފުޓްސަލްގައި ރާއްޖޭގައި އޮތް އެންމެ ވަރުގަދަ އެއް ރަށެވެ. އެއް ފެންވަރެއްގެ ގިނަ ކުޅުންތެރިންތަކަކާ އެކު އެރަށުން ގޯލްޑަންގެ ޗެމްޕިއަންކަން ހޯދީ މި އަހަރު އެވެ.
އެފްއޭއެމް އިން މުޅި ރާއްޖެ އަށް ހުޅުވާލައިގެން ބާއްވާ ފުޓްސަލް ޗެމްޕިއަންޝިޕްގެ ހދ. އަތޮޅުގެ ޗެމްޕިއަންކަން ވަރުގަދަ ނައިވާދޫ ބަލިކޮށް ލިބުމަކީ ހަނިމާދޫ އަށް ތާރީހީ ކާމިޔާބީ އެކެވެ.
ހަނިމާދޫ އިން ވިސްނުންތެރިކަމާ އެކު ކުޅުނު މެޗުގައި އެޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 10 ވަނަ މިނެޓުގައި ނޫރުﷲ ތޯހާ އެވެ. ދެ ވަނަ ގޯލު 19 ވަނަ މިނެޓުގައި ޖެހީ މުހައްމަދު ހާލިދެވެ.
ހަނިމާދޫން ދެ ގޯލުގެ ލީޑެއް ނެގުމުން ނައިވާދޫން ވަރަށް ބޮޑަށް ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު ފަހަތުގައި އަތުރާލައިގެން ތިބެ ހަނިމާދޫން ވަނީ އެ ލީޑު ހިފަަހައްޓައިފަ އެވެ.
ފައިނަލް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ހަނިމާދޫގެ އަބްދުﷲ މުހައްމަދެވެ.

ހދ. އަތޮޅު ބުރުގައި 6 ރަށަކުން ވާދަކުރިިއިރު ނައިވާދޫ އާއި ހަނިމާދޫ ވެސް ސެމީ ފައިނަލަށް ދަތުރުކުރީ ގްރޫޕުގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ހަނިމާދޫ ސެމީ ފައިނަލުގައި މޮޅުވީ ނޭކުރެންދޫއާ ވާދަކޮށް 1-2 އިންނެވެ. ނައިވާދޫން ވަނީ ސެމީގައި ނޮޅިވަރަންފަރު 0-5 އިން ބަލިކޮށްފަ އެވެ.
މުބާރާތުގައި ހަނިމާދޫ ބަލިވި ހަމައެކަނި މެޗަކީ ގްރޫޕް ސްޓޭޖުގައި ނޮޅިވަރަންފަރާ ދެކޮޅަށް ކުޅުނު މެޗެވެ. އެ މެޗުން ހަނިމާދޫ ބަލިވީ 0-1 އިންނެވެ.
ހދ. އަތޮޅުގެ ޗެމްޕިއަން ހަނިމާދޫ އާއި ރަނަރަޕް ނައިވާދޫ ދެން ވާދަކުރާނީ ޒޯން އެކެއްގަ އެވެ. މި ޒޯންގައި ދެ ހިމެނެނީ ހއ. އަތޮޅުގެ ޗެމްޕިއަންކަން ހޯދި އިހަވަންދޫ އާއި ރަނަރަޕް މަގާމް ލިބުނު ފިއްލަދޫ އެވެ.
ޒޯން އެކެއްގައި ދެން ހިމެނޭ ށ. އަތޮޅުން ޓީމެއް ފުޓްސަލް ޗެމްޕިއަންޝިޕްގައި ބައިވެރިވެފައެއްނުވެ އެވެ.
https://fahuminet.com/tournaments/fam-hdh-atoll-futsal-championship
އަތޮޅު ބުރުގެ މެޗުތައް ނިމި ޒޯން އެކެއް އަދި ޒޯން ދޭއްގެ ޓީމުތައް ވަނީ ފައިނަލްވެފަ އެވެ. މި ދެ ޒޯނުގެ ކުޅުންވެސް ސެޕްޓެމްބަރު މަހު ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.