ހެލްތު ކަޕްގެ އަންހެން ޑިވިޝަނުގެ ސެމީ ފައިނަލުގެ ޖާގައެއް ހުޅުމާލެ ހޮސްޕިޓަލުން ހޯދިއިރު ހެލްތު ރެކްރިއޭޝަން ކްލަބުން ސެމީ އަށް ދިއުމުގެ އުންމީދެއް ހޯދައިފި އެވެ.
ހުޅުމާލެ ރެހެންދި ޓާފް ފުޓްސަލް ދަނޑުތަކުގައި ކުރިއަށްދާ ހެލްތު ކަޕްގައި ރޭ ވަނީ އަންހެން ޑިވިޝަނުގެ ހަތަރު މެޗާއި ފިިރިހެން ޑިވިޝަނުގެ ދެ މެޗު ކުޅެފަ އެވެ.
އަންހެން ޑިވިޝަނުގައި ރޭ ހުޅުމާލެ ހޮސްޕިޓަލް ވަނީ ކ. ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ އަންހެން ޓީމު، އެޗްޕީއެސްއެން 0-4 އިން ބަލިކޮށްފަ އެވެ. މެޗުގައި ހުޅުމާލެ ހޮސްޕިޓަލުގެ ގޯލުތައް ކާމިޔާބުކޮށްދިނީ ފާތިމަތު ޒިޔާން އާއި ދެ ގޯލު ޖެހި ފާތިމަތު ޝާއިގާ އަބޫބަކުރުގެ އިތުރުން ފާތިމަތު ޝިއުނާ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޝާއިގާ އެވެ.
މި ގްރޫޕުގައި ހިމެނޭ ވިލާ ކޮލެޖުގެ އަންހެން ޓީމު ރޭ ވަނީ މެޑިކާ ހޮސްޕިޓަލާ ވާދަކޮށް 0-1 ގެ ހަނި މޮޅެއް ހޯދައިފަ އެވެ. މެޗުގައި ވިލާ ކޮލެޖު ޓީމުގެ ހަމައެކަނި ގޯލު ޖެހީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި އާއިޝަތު ރިޒްނާ އެވެ.
ގްރޫޕް ބީގެ ފަހު މެޗުގައި ހުޅުމާލެ ހޮސްޕިޓަލް ނުކުންނާނީ މެޑިކާ ހޮސްޕިޓަލާ ދެކޮޅަށެވެ. އަނެއް މެޗުގައި ކުޅޭނީ އެޗްޕީއެސްއެން އާއި ވިލާ ކޮލެޖުގެ ޓީމެވެ. އެ މެޗުތަކުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް ހުޅުމާލެ ހޮސްޕިޓަލުގެ ޓީމަށް ސެމީގެ ޖާގައެއް ކަށަވަރުވާނެ އެވެ.
ގްރޫޕް އޭގައި ރޭ ކްލަބް އާސަންދައިގެ އަންހެން ޓީމު ވަނީ 1-12 އިން ދި އައިކޮނިކްސް ބަލިކޮށްފަ އެވެ. މެޗުގައި އާސަންދައިގެ އާމިނަތު މައިހާ މޫސާ ވަނީ ހަތް ގޯލު ޖަހައިފަ އެވެ. އާމިނަތު މަނާލް އަލީ ހެޓްރިކް ހެދިއިރު އަނެއް ދެ ގޯލު ޖެހީ އާމިނަތު ޝަފާނާ އެވެ.
ގްރޫޕް ބީގެ އަނެއް މެޗުގައި ހެލްތުން ސެމީ ފައިނަލުގެ އުންމީދެއް ހޯދީ 0-1 އިން ޓީމް ދަރުމަވަންތަ ބަލިކޮށްގެންނެވެ. މެޗުގެ ހަމައެކަނި ގޯލު ޖެހީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދި ހެލްތުގެ އާއިޝަތު ސާމިޔާ އެވެ.
މި ގްރޫޕުގެ އެއް ވަނައިގައި އޮތް މޯލްޑިވިއަން އެއާ އެމްބިއުލާންސްގެ ޓީމާއި ހެލްތު ޓީމަށް ވަނީ ހަ ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި އޮތް ދަރުމަވަންތަ އާއި ހަތަރު ވަނައިގައި އޮތް ކްލަބް އާސަންދަ އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ތިން މެޗުން ބަލިވި އައިކޮނިކްސް މިހާރު ވަނީ މުބާރާތުން ކަޓައިފަ އެވެ.
އާސަންދަ ހަތަރު ވަނަ އަށް ވެއްޓުނީ ޑިސިޕްލިނަރީ މައްސަލައަކާ ގުޅިގެން އެޓީމު ކުޅުނު ފުރަތަމަ ދެ މެޗު އިދިކޮޅު ޓީމުތަކަށްދޭން މުބާރާތް އިންތިޒާމުކުރާ ފަރާތުން ނިންމުމުންނެވެ. މި ނިންމުމާއެކު ހެލްތާއި މޯލްޑިވިއަންގެ ޓީމަށް އިތުރު ތިން ޕޮއިންޓް ވަނީ ލިބިފަ އެވެ.
ހެލްތު ކަޕްގެ ފިރިހެން ޑިވިޝަނުގައި ރޭ ހުޅުމާލެ ހޮސްޕިޓަލާ ވާދަކޮށް މޯލްޑިވްސް އިސްލާމިކް ބޭންކުގެ މިބްސާ ވަނީ 2-3 ގެ އުނދަގޫ މޮޅެއް ހޯދައިފަ އެވެ. މެޗުގައި މިބްސާގެ ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖަހައި އިޔާން އަހުމަދު ރަޝީދު ވަނީ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދައިފަ އެވެ. އަނެއް ގޯލު ޖެހީ މުހައްމަދު މުބައްޝިރު މުސްތަފާ އެވެ. ހުޅުމާލެ ހޮސްޕިޓަލުގެ ދެ ގޯލު ޖެހީ ހަސަން ނާއިފާއި ހަސަން ސޮލާހު އެވެ.
https://www.fahuminet.com/tournaments/health-cup-2026-womens-division
ފިރިހެން ޑިވިޝަނުގައި ރޭ އާސަންދައިން ވަނީ ޓީމް ބަދަހި 4-19 އިން ބަލިކޮށްފަ އެވެ. ފިރިހެން ޑިވިޝަނުގައި އެންމެ ފަރަގު ބޮޑު ނަތީޖާ ނުކުތް މި މެޗުގައި އާސަންދައިގެ އަހުމަދު އަބްދުﷲ (ލިލީ) ހަ ގޯލު ޖެހި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ވެސް ހޯދީ ލިލީ އެވެ.
https://www.fahuminet.com/tournaments/health-cup-2026-mens-division
ލިލީގެ އިތުރުން އާސަންދައިގެ މުހައްމަދު ފައިޒާން ފަޒީން ހަތަރު ގޯލު ޖަހައި އަލީ ހަމްދާން ވަނީ ހެޓްރިކް ހަދައިފަ އެވެ. އެޓީމުގެ ބާކީ ގޯލުތައް ޖަހައިދިނީ އިބްރާހީމް ޖަލީލާއި މޫސާ ރަޝީދުގެ އިތުރުން މުހައްމަދު ރިލްވާން އަދި މުހައްމަދު އަލީ އެވެ. ޖަލީލާއި މޫސަ، މިއިން ކޮންމެ ކުޅުންތެރިޔަކު ދެ ގޯލު ޖެހި އެވެ. ބަދަހީގެ ހަތަރު ގޯލުގެ ތެރެއިން ތިން ގޯލު ޖެހީ ޒާދު މުހައްމަދު ޚާލިދެވެ. އަނެއް ގޯލު ޖެހީ ޝާފިއު އަހުމަދެވެ.
ހެލްތު ކަޕްގައި މިރ ޭކުޅޭނީ ފިރިހެން ޑިވިޝަނުގެ ހަ މެޗެވެ.