މިހާރު ކުރިއަށްދާ ހެލްތު ކަޕްގެ ފިރިހެން ޑިވިޝަނުގެ ހަ މެޗު ރޭ ކުޅުނުއިރު، އެންމެ ފަހުގެ ޗެމްޕިއަން ޓިކާސް އެއާ އެމްބިއުލަންސް މޮޅުވިއިރު ފިނޭންސް ރެކްރިއޭޝަން ކްލަބުން ބޮޑު މޮޅެއް ހޯދައިފި އެވެ.
މުބާރާތުގައި ޓިކާސް ރޭ މޮޅުވީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ކޯޑް ބްލޫ ޓީމާ ވާދަކޮށް 4-1 އިންނެވެ.
ފިނޭންސް ޓީމުން ރޭ ތަފާތު ބޮޑު މޮޅެއް ހޯދީ ވިލާ ކޮލެޖުގެ ވީސީ ހީލާސްއާ ވާދަކޮށް 13-1 އިން މޮޅުވެގެންނެވެ.
މުބާރާތުގައި ރޭ އިތުރު ހަތަރު މެޗު ކުޅުނެވެ. މިގޮތުން ޓްރޭޑް ކްލަބުން ވަނީ 0-6 އިން މެޑިކާ ހޮސްޕިޓަލް ބަލިކޮށްފަ އެވެ. ޕެމާ އާއި ދަރުމަވަންތަ ވާދަކުރި މެޗު ނިމުނީ 6-8 އިން ޕެމާ ކުރި ހޯދައިގެންނެވެ.

އޭޑީކޭ ސިނާޖީގެ ޓީމާ ވާދަކޮށް އެމްއެމްއޭ ސޯޝަލް ކްލަބް ވަނީ 5-0 އިން މޮޅުވެފަ އެވެ. އަދި ލިކުއިޑް ނިޓްރޮޖެން އެފްސީ ވަނީ ހެލްތު ރެކްރިއޭޝަން ކްލަބް 0-2 އިން ބަލިކޮށްފަ އެވެ.
ފިރިހެން ޑިވިޝަނުގައި މިހާތަނަށް ކޮންމެ ޓީމަކުން ވަނީ މެޗެއް ކުޅެފަ އެވެ.
މުބާރާތުގައި މިރޭ ވެސް ހަ މެޗު ކުޅޭނެ އެވެ. އެއީ އަންހެން ޑިވިޝަނުގެ ހަތަރު މެޗާއި ފިރިހެން ޑިވިޝަނުގެ ދެ މެޗެވެ.
https://fahuminet.com/tournaments/health-cup-2026-mens-division
މިއަހަރުގެ ހެލްތު ކަޕް ބާއްވަނީ ސްޕޯޓްސް ފިއުޝަން މޯލްޑިވްސް އާއި ހެލްތު ރެކްރިއޭޝަން ކްލަބް ގުޅިގެންނެވެ. މުބާރާތް އަމާޒުކޮށްފައިވަނީ ސިއްހީ ދާއިރާގައި ހިމެނޭ ސަރުކާރާއި އަދި އަމިއްލަ މުއައްސަސާތަކާއި، ސިއްހީ ދާއިރާގެ ކުރިއެރުމަށް އެހީތެރިވެދޭ އިދާރާތަކަށެވެ.
މިއަހަރުގެ މުބާރާތުގެ ދެ ޑިވިޝަނުގައި 25 ޓީމު އަންނަނީ ވާދަކުރަމުންނެވެ.