ނ. މިލަދޫ ޔޫތު މޫވްމަންޓުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ އެންއެމްސީ-އެމްވައިއެމް ފުޓްސަލް ޗެލެންޖުގެ ފުރަތަމަ މެޗު 3-3 އިން އެއްވަރުވެގެން ނިމިއްޖެ އެވެ.
މުޅި އަތޮޅަށް ހުޅުވާލައިގެން ބާއްވަމުން އަންނަ މިލަދޫ ޔޫތު މޫވްމަންޓްގެ ހަތް ވަނަ ފުޓްސަލް މުބާރާތުގެ ފުރަތަމަ މެޗުގައި ރޭ ވާދަކޮށްފައިވަނީ މިލަދޫއަށް ނިސްބަތްވާ ދެ ޓީމު ކަމަށްވާ ފެލްކަންސް އާއި ޑީ ޓެން އެފްސީ އެވެ.
ދެ ޓީމުގެ ފަރާތުންވެސް ބަލާހިތްވާ ކަހަލަ މޮޅު ކުޅުމެއް ފެނުނު މި މެޗުގައި ފުރަތަމަ ލީޑް ނެގީ ޑީ ޓެން އެފްސީންނެވެ. މެޗުގެ ފުރަތަމަ ހާފުގެ ހަތްވަނަ މިނެޓްގައި ޑީ ޓެންއަށް މި ލަނޑު ކާމިޔާބުކޮށްދިނީ އެންމެ ފަހުން ބޭއްވި ކްލަބް މޯލްޑިވްސް ކަޕްގައި ކްލަބް އިމިގްރޭޝަނަށް ކުޅުނު ކައިސަން ބިން ހިސާން އެވެ.
ޑީ ޓެން އިން ލީޑް ނަގާފައިވަނިކޮށް މެޗުގެ ފޯރި އިތުރަށް ގަދަވީ ފުރަތަމަ ހާފު ނިމެން ދެ މިނެޓަށް ވެފައި އޮއްވައި ފެލްކަންސްއިން ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރުމުންނެވެ. މި ލަނޑު ފެލްކަންސް އަށް ކާމިޔާބުކޮށްދިނީ ޔޫސުފް އަޒާނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަކޮށް ބޮޑު ހިތްހަމަޖެހުމެއް ފެލްކަންސް އިން ހޯދި ނަމަވެސް ފަހު ހާފު ގަދަކޮށް ފެށީ އަނެއްކާ ވެސް ޑީ ޓެންއިންނެވެ. ފަހު ހާފު ފަށައިގެން ދެވަނަ މިނެޓްގެ ތެރޭގައި ޑީޓެން އިން ދެވަނަ ފަހަރަށް މެޗުގެ ލީޑް ނެގި އިރު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު އިނަފް އަބްދުﷲ އެވެ.
މި ލަނޑާއެކު ފެލްކަންސް އިން ނަތީޖާ އަލުން ހަމަހަމަކުރަން ޓީމު ކުރިއަށް ޖައްސައި ހަމަލާތައް ވަރުގަދަކުރި އެވެ. އެއާއެކު ޑީ ޓެންއިން ލީޑް ނެގިތާ ދެ މިނެޓް ފަހުން ގާތް ގާތުގައި ދެ ގޯލް ޖަހައި ފުރަތަމަ ފަހަރަށް ފެލްކަންސް އިން މި މެޗުގައި ލީޑް ނެގި އެވެ. މި ދެ ލަނޑުވެސް ފެލްކަންސްއަށް ކާމިޔާބުކޮށްދިނީ އަހްމަދު އަލާން ހުސައިން އެވެ.
ރޭގެ މެޗުގައި ޑީ ޓެންއަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު މެޗުގެ 32 ވަނަ މިނެޓްގައި ކާމިޔާބުކޮށްދީފައިވަނީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓްސަލް ކުޅުންތެރިޔާ އަލީ ހާފިޒް (ހާއްޕެ) އެވެ. ރޭގެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައިވަނީ ހާއްޕެ އެވެ.
https://fahuminet.com/tournaments/miladhoo-mym-futsal-challenge-2026
ލީގު އުސޫލުން ކުރިއަށްގެންދާ ގޮތަށް ރާވާފައިވާ މި މުބާރާތުގައި ޖުމްލަ ފަސް ޓީމަކުން ވާދަކުރާއިރު މި މުބާރާތުގައި މިރޭ ދެ މެޗު ކުޅޭގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފުރަތަމަ މެޗުގައި މިރޭ 9 ޖަހާއިރު ޑީ ޓެން އެފްސީ އާއި މާފަރު ފުޓްސަލް ޓީމު ބައްދަލުކުރާ ގޮތަށް ހަމަޖެހިފައިވާ އިރު މިރޭ 10 ޖަހާއިރު ކުޅޭ މެޗުގައި ވާދަކުރާނީ މުބާރާތް ދެފަހަރު ކާމިޔާބުކޮށްފައިވާ ޗިކޯސް އެފްސީ އާއި މަގޫދޫއަށް ނިސްބަތްވާ ގޯލްޑަން ފެލްކަންސް އެވެ.
ޗެމްޕިއަން ޓީމަށް 75 ހާސް ރުފިޔާ އަދި ރަނަރަޕް ޓީމަށް 25 ހާސް ރުފިޔާ ދޭ ގޮތަށް ހަމަޖެހިފައިވާ މި މުބާރާތް ފެށުމުގެ ގޮތުން ރޭ ވަނީ ކުލަގަދަ ރަސްމިެއްޔާތެއްވެސް ބާއްވައިފަ އެވެ.