ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ފުޓްސަލްގެ ހދ. އަތޮޅު ބުރުގެ ފައިނަލުން ހަނިމާދޫ އާއި ވަރުގަދަ ނައިވާދޫ ޖާގަ ހޯދައިފި އެވެ.
ހދ. އަތޮޅުން މުބާރާތުގައި ހަ ޓީމު ބައިވެރިވި އެވެ. ދެ ގްރޫޕަށް ބަހާލައިގެން ކުޅުނު މެޗުތަކަށް ފަހު ސެމީ ފައިނަލްގެ މެޗުތައް އިއްޔެ ވަނީ ކުޅެފަ އެވެ.
ސެމީގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީދު ހަނިމާދޫން ވަނީ 1-2 އިން ނޭކުރެންދޫ ބަލިކޮށްފަ އެވެ. މި މެޗުގައި ހަނިމާދޫގެ ދެ ގޯލު ކާމިޔާބުކޮށްދިނީ އަލީ ހުސައިން އާއި ނޫރުﷲ ތޯހާ އެވެ. ނޭކުރެންދޫގެ ގޯލު ޖަހައިދިނީ މުހައްމަދު ރާއިފް ފަޒީލް އެވެ.
ދެ ވަނަ ސެމީގައި ރޭ ނައިވާދޫ ވަނީ 0-5 އިން ނޮޅިވަރަންފަރު ބަލިކޮށްފަ އެވެ. އަތޮޅު ބުރުގެ މެޗުތައް ކުޅުނު ނޮޅިވަރަންފަރު ކޮޅަށް ނައިވާދޫގެ ގޯލުތައް ޖެހީ މުހައްމަދު އަސްލަމް އާއި މުހައްމަދު ޝާއިންގެ އިތުރުން އަބްދުﷲ ވިސާމް އެވެ. މެޗުގައި އަސްލަމް އަދި ޝާއިން، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ޖެހި އެވެ.
ނައިވާދޫ އަކީ ފުޓްސަލްގައި މިހާރު ރާއްޖޭގެ ޗެމްޕިއަނުންނެވެ. އަދި އެރަށުގައި މިވަގުތު އޮތީ ރާއްޖޭގައި މިހާރު އޮތް އެންމެ ވަރުގަދަ އެއް ސްކޮޑެވެ.
ފައިނަލުން ޖާގަ ލިބުމާ އެކު ހަނިމާދޫ އާއި ނައިވާދޫ އަށް ވަނީ ޒޯން އެކަކުން ފުރުސަތު ލިބިފަ އެވެ. ހަނިމާދޫ އާއި ނައިވާދޫގެ އިތުރުން ޒޯން އެކެއްގައި ވާދަކުރާނީ ހއ. އަތޮޅުގެ ޗެމްޕިއަން އިހަވަންދޫ އާއި ރަނަރަޕް ފިއްލަދޫ އެވެ. ޒޯން އެކެއްގައި ދެން ހިމެނޭ ށ. އަތޮޅުން މުބާރާތުގައި ޓީމެއް ވާދައެއް ނުކުރެ އެވެ.
އެފްއޭއެމް އަތޮޅު ފުޓްސަލް ޗެމްޕިއަންޝިޕްގައި މިރޭ ނ. އަތޮޅުގެ ފައިނަލް މެޗު ކުޅޭނެ އެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތް ބާއްވާ މަނަދޫ އާއި މަގޫދޫ އެވެ. ނ. އަތޮޅަކީ ޒޯން ދެއެކެވެ.
https://fahuminet.com/tournaments/fam-hdh-atoll-futsal-championship
މުޅި ރާއްޖެ އަށް ހުޅުވާލައިގެން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ އެޓޯލް ފުޓްސަލް ޗެމްޕިއަންޝިޕްގެ އަތޮޅު ބުރުގެ މެޗުތަކަށް ފަހު ޒޯން ބުރުގެ މެޗުތައް ކުޅޭނެ އެވެ. އަދި އޭގެފަހުން ރީޖަންތަކުގެ މެދުގައި މެޗުތައް ކުޅެ ކޮންމެ ރީޖަން އަކުން ޗެމްޕިއަން ޓީމު ކަނޑައަޅާނެއެވެ.